އެއާ އިންޑިއާ ބޯޓްގެ ރިޕޯޓް ހުކުރު ދުވަހު ނެރެނީ؛ ތަހުގީގުގެ ނަޒަރު ތެޔޮ ސްވިޗަށް

މިދިޔަ މަހު އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅޭ އިބްތިދާއީ ރިޕޯޓް އަންނަ ހުކުރު ދުވަހުގެ ކުރިން އާންމު ކުރާނެ ކަމަށް ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނެފި އެވެ.
އެ ރިޕޯޓްގައިވާ ގޮތުން، ތަހުގީގު ހުއްޓިފައިވަނީ ބޯޓުގެ ތެޔޮ ކޮންޓްރޯލް ސްވިޗުތަކުގެ ހަރަކާތްތަކަށް ކަމަށް އެއް މަސްދަރަކުން ބުންޏެވެ. 
އިންޑިއާގެ އަހްމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރި ބޮއިން 787 ޑްރީމްލައިނާ މަރުކާގެ ބޯޓު ވެއްޓުނީ ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭ އަދި 650 ފޫޓަށް އެރުމަށް ފަހު އެވެ. އެ ބޯޓުން ދަތުރުކި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފަ އެވެ.
އެއާ އިންޑިއާ ވެއްޓުނު ހާދިސާގެ ތަހުގީގުތަކުގައި އެންމެ ބޮޑަށް ސަމާލުކަމެއް ދީފައިވަނީ 787ގެ ބޯޓާއި ވޮއިސް ޑޭޓާ ރެކޯޑަރުތައް ބެލުމަށް ފަހު އިންޖީނުގެ ތޮޔެ ކޮންޓްރޯލް ސްވިޗުތައް އޮޕަރޭޓް ކުރި ގޮތުގެ މައްޗަށެވެ. އަދި ބޯޓުގެ ފަހު ވަގުތުގެ ހަރަކާތްތަކުގެ މައްޗަށެވެ.
އެ ތަހުގީގުގައި މެކޭނިކަލް ފެއިލްވުމާ ގުޅިގެން އަދި އެއްވެސް ކަންބޮޑުވުމެއް އުފެދިފައި ނުވާ ކަމަށާއި 787 އޮޕަރޭޝަނަށް ބަދަލު ގެނައުމަށް ލަފާދޭ އެންގުމެއް އެއާލައިންތަކަށް ނެރެފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން ބޯއިން ކުންފުނިން އެެއްވެސް ބަހެއް އަދި ނުބުނެ އެވެ.
އޭވިއޭޝަން އިންޑަސްޓްރީގެ ޕަބްލިކޭޝަން، އެއާ ކަރަންޓުން ފުރަތަމަ ބުނީ، ތަހުގީގުގައި ފުރަތަމަ އިސްކަންދިނީ ދެ އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ސްވިޗަށް ކަމަށެވެ.
ތެޔޮ ސްވިޗުތަކާ ގުޅޭ ގޮތުން އިންވެސްޓިގޭޓަރުން ބަލަނީ ކޮންކޮން ކަންތައްްތަކެއް ކަމެއް ސާފެއް ނުވެ އެވެ.
އެއާ ކަރަންޓަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، ކަޅުފޮށިން ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއްވެސް ގޯހެއް ހުރިކަން ކަށަވަރުވެ ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ. 
އެމެރިކާގެ އޭވިއޭޝަން ސޭފްޓީ އެކްސްޕާޓް ޖޯން ކޮކްސް ވިދާޅުވީ އިންޖީންތަކަށް ތެޔޮ ސަޕްލައިކުރާ ސްވިޗުތަކަށް ޕައިލެޓަކަށް އެކްސިޑެންޓަކުން ނުކުޅެވޭނެ ކަމަށެވެ.
ކޮކްސް ވިދާޅުވީ ސްވިޗެއް ނިއްވާލައިފި ނަމަ ނަތީޖާ ގާތްގަނޑަކަށް ވަގުތުން އަންނާނެ ކަމަށާއި އޭގެ ސަބަބުން އިންޖީނުގެ ބާރު ގެއްލޭނެ ކަމަށެވެ.
އެންމެ ގިނައިން ވައިގެ އެކްސިޑެންޓްތައް ހިނގަނީ ގިނަ ސަބަބުތަކަކާ ގުޅިގެންނެވެ. ރޮއިޓާސް އިން މިދިޔަ މަހު ރިޕޯޓްކުރި ގޮތުގައި، އެ ތަހުގީގުގައި އެންމެ ފޯކަސްއެއް ދެނީ އިންޖީނު ތުރަސްޓް އަށެވެ.
އެ ހާދިސާއަށް އެއް މަސް ވާނީ މި މަހު 12 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ