ހިޖާމާ އިން ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެ އިޝްތިހާރުކުރި މައްސަލަ ބޮޑުވެއްޖެ

ހިޖާމާ އިން ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެ އެކަން އިޝްތިހާރުކުރި މައްސަލަ ބޮޑުވެ, އެކަން ކަމާބެހޭ އިދާރާ އިން ބަލަން ފަށައިފި އެވެ.
ހިޖާމާގެ އެންމެ ސެޝަނަކުން ހަށިގަނޑުން ތިން ހަތަރު ކިލޯ ލުއިކުރެވޭ ކަމަށް ބުނެ އިޝްތިހާރު ކުރީ އަބަދުވެސް ބޮޑު މައްސަލަގަނޑެއްގެ ތެރޭ އުޅޭ "ފަޒީސް ހިޖާމާ ކްލިނިކް" ގެ ފޭސްބުކް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ވަނީ މަހަކު އެއް ފަހަރު ހިޖާމާ ޖަހައިގެން އެންމެ ސެޝަނަކުން ހަށިގަނޑުން ތިން ހަތަރު ކިލޯ ލުއިކުރެވޭ ކަމަށް ބުނެ އިޝްތިހާރު ކޮށްފަ އެވެ.
އަދި ބުނީ އެއީ މުޖައްރިބު ކަމެއް ކަަމަށެވެ. އެ ނަތީޖާ ނުފެނިއްޖެނަމަ ރިފަންޑާއެކު އިތުރު ފައިސާ ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ހިޖާމާ ޖެހުމުން ބަރުދަން ލުއި ކުރަން ކެއުމަށް ބަދަލެއް ގެނެސް ކަސްރަތު ކުރަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެން ބުނުމަށް ފަހު ހިޖާމާ ޖަހައިދޭ އަގު 1000 ރުފިޔާ އިން 500 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެކަމާއި ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރަމުންދާކަން ފާހަގަކޮށް ހެލްތް މިނިސްޓްރީން ބުނީ އެކަން ބަލަމުންދާ ކަަމަށެވެ. 
ފަޒީލާގެ ހިޖާމާ ހިދުމަތް ޕްރޮމޯޓް ކުރަން ސޯޝަލް މީޑިއާގައި ކުރީން އިޝްތިހާރު ކުރީވެސް އުސޫލާއި ހިލާފަށެވެ. އޭނާ އާއްމު ކުރާ ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރު ނުވާތީ އެ ރިޕޯޓުތައް ނެގުމަށް ވެސް މިނިސްޓްރީން ކުރީން އެންގި އެވެ.
އަދި އެ މިނިސްޓްރީގެ ރަސްމީ ހުއްދަ ނެތި ހިޖާމާ ޖަހާތީ އެކަން ނުކުރަން ތަކުރާރުކޮށް ފަޒީލާއަށް މީގެ ކުރިން ވެސް އަންގާފައިވެ އެވެ. ފަހުން އެ ތަން ބަންދުކޮށް އަލުން ހުޅުވީ ހުއްދަ ނަގައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ