ޕާކިސްތާނުގެ ނިއުކްލިޔާ ފެސިލީޓީތަކަށް ހަމަލާދޭން ޚިޔާލުވެސް ކޮށްގެން ނުވާނެ: ޕާކިސްތާން ސިފައިން

އިސްލާމް އާބާދު (9 ޖުލައި 2025): ޕާކިސްތާނުގެ ނިއުކްލިޔާ ފެސިލީޓީތަކަށް ހަމަލާދޭން ޚިޔާލުވެސް ކޮށްގެން ނުވާނެކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށް ބުނެ ޕާކިސްތާނުން އިސްރާއީލަށް ނުސީދާ އިންޒާރެއް ދީފިއެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޕާކިސްތާން ސިފައިންގެ ތަރުޖަމާނު މޭޖާ ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި ގައުމުތަކަށް އިސްވެ ހަމަލާދީ ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި ގައުމުތަކުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ބާރުތަކަށް އަންގާލަން ބޭނުންވަނީ ޕާކިސްތާނުގެ ނިއުކްލިޔާ ފެސިލީޓީސްތަކަށް ހަމަލާދޭން ޚިޔާލުވެސް ނުކުރުމަށެވެ. "ކިތަންމެ ދުރުގައި އޮތްބާރެއް ނަމަވެސް ޕާކިސްތާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީފިނަމަ ސަލާމަތެއް ނުވެވޭނެ. ހަމަލާދިން ފަރާތެއްގެ ދުވަސް ދުއްވާލާ ވަރުގެ ބާރުގަދަ ރައްދެއް ޕާކިސްތާނުން އެފަރާތަކަށް ދޭނެ" މޭޖާ ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވިއެވެ. މިއީ އިސްރާއީލަށް ކުރެއްވި އިޝާރާތެއްކަމަށް ވިޔަސް ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނު، އިސްރާއީލުގެ ނަން ސީދާ ގޮތެއްގައި ވިދާޅުވެފައެއް ނުވެއެވެ. ގައުމުތަކުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދީ ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި ގައުމުތަކުގެ ބިންތަކަށް ވެރިވެގަނެ ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދުތަކަށް ގޮންޖަހާފައި އުޅޭ މައިގަނޑު ގައުމަކީ އިސްރާއީލެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާން އަލްޖަޒީރާއަށް ބަސްދީގަތުން ދެއްވަނީ އިސްރާއީލުވަނީ އިރާގުގެ ނިއުކްލިޔާ ރިއެޓަރަށާއި ސޫރިޔާގެ ނިއުކްލިޔާ ރިއެކްޓަރަށް ހަމަލާދީ ކުރިން އެތަންތަން ހަލާކުކޮށްލާފައެވެ. އަދި މިދިޔަ މަހު އިސްރާއީލުވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށްވެސް ގިނަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލަށް ވާގިވެރި ވުމުގެ ގޮތުން އެމެރިކާވެސްވަނީ އީރާނުގެ ނިއުކްލިޔާ ތިން މަރުކަޒަކަށް ބަންކަރ ބަސްޓިން ބޮމުން ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ގެއްލުންތަކެއް ލިބިފައިވާކަންވަނީ ކަށަވަރު ވެފައެވެ. ނަމަވެސް ލިބުނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ހުއްޓުވޭ ވަރުގެ ގެއްލުންތަކެއް ނޫންކަން ވަނީ ހާމަވެފައެވެ. އެއީ އީރާނުގައި ބިމު އަޑީގައި އެނޫންވެސް ގިނަ އަދަދެއްގެ ނިއުކްލިޔާ ސިއްރު މަރުކަޒުތައް ހުރެފައި އެތަންތަނަށް ހަމަލާތައް ދީފައި ނުވާތީއެވެ. އީރާން ގެންދަނީ ލިބުނު ގެއްލުންތަކުގެ މައުލޫމާތު މުޅިން ސިއްރު ކުރަމުންނެވެ. މި ހަމަލާތަކަށްފަހު އީރާންވަނީ ނިއުކްލިޔާ ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާ (އޭއީއައިއޭ)އަށް އެއްބާރުލުން ދިނުން ހުއްޓާލާފައެވެ. މިއާއެކު އެ އިދާރާއިންވެސްވަނީ އީރާނުގައި ތިބި އެ އިދާރާގެ އިނިސްޕެންޓަރުން އަނބުރައި ގެނަސްފައެވެ. މިހާރު އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ކުރިޔަށްދަނީ ބައިނަލްއަގްވާމީ އެއްވެސް އިނިސްޕެކްޝަނެއް ނެތި މުޅިން ސިއްރިޔާތުގައެވެ. އީރާނުން ސިއްރިޔާތުގައި 12 ވަރަކަށް ނިއުކްލިޔާ ބޮން ކައިރި މުސްތަގްބަލެއްގައި ހެދުމަކީ ވަރަށް ގާތްކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގައި 60 އިން ސައްތައަށްވުރެ މައްޗަށް ފައްކާކޮށްފައިވާ 500 އަށް ވުރެގިނަ ކިލޯގްރާމްގެ ޔޫރޭނިޔަމްގެ ހުރިކަމަށްވަނީ ބެލެވިފައެވެ. ޕާކިސްތާނަކީ ދުނިޔޭގެ ފެންވަރުގެ ނިއުކްލިޔ ބާރެކެވެ. ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކޮށްފައިވަނީ 1998 ވަނަ އަހަރުއެވެ. ޕާކިސްތާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭން ދެފަހަރެއްގެ މަތިން އިސްރާއީލު ރޭވިކަމަށާ ނަމަވެސް އެކި ސަބަބުތަކާހުރެ އެކަން ތަންފީޒު ކުރެވޭގޮތް ނުވީކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. އީރާނެކޭ އެއްގޮތަށް ޕާކިސްތާނަކީވެސް އިސްރާއީލަށް ރައްދު ދެވޭފަދަ ދުރުރާސްތާގެ މިސައިލް ހުރި ގައުމެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މިސައިލް ޓެކްނޮލޮޖީގައި ޕާކިސްތާނަށް ވުރެ އީރާން އުޅެނީ މާ ކުރީގައެވެ. އީރާންވަނީ އިސްރާއީލުގެ ހަތް ނިޒާމުގެ މައްޗަށް އެކުލެވޭ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު އިސްރާއީލުގެ ބޮޑެތި ސިޓީތަކަށް ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއްދީ އިސްރާއީލުގެ ތިން ސިޓީއެއްގެ ބޮޑުބައެއް ފުނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ