ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު އިއްތިފާގުން ބަލައިގަނެ، ކޮމިޓީއަށް

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ޓަކައި ގާނޫނެއް އުފެއްދުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ބަލައިގަނެ، މިއަދު ކޮމިޓީއަށް ފޮނުވައިފިއެވެ. ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި 'ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު' ބަލައިގެންފައި ވަނީ 62 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ބިލު ބަލައިގަތުމާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލު އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި މެންބަރު ފަލާހު ފާހަގަކުރައްވާފައި ވަނީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ. މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް އާއްމު ވޯޓު ނެގޭނެ ކަންކަން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން ގައުމީ މުހިންމު މައްސަލަތައް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ރިޔާސަތުގެ ދައުރު ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން ދިވެހިރާއްޖޭގެ ސަރަހައްދު މިހާރު ހުށަހަޅާފައި އޮތް ބިލުގައި ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ. ހަމައެއާއެކު މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. 6 ފެބްރުއަރީ 2025: ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ މަޖިލިސް ފާހަގަކޮށްލެވޭ ގޮތުގައި ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަމަށް ހުށަހެޅުއްވި ހައްލަކީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ. އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެ ބަދަލުތައް ގެންނަން މި އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ މަޖިލީސް އިންތިޚާބު ނިމުންއިރު 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެ ބުރު ނިމުންއިރު 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. އެހެންވެ، އިންތިޚާބުތައް އެއްކޮށްލީމާ 120 މިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ހިސާބު ޖައްސަވައެވެ. އެ ބިލަށް ބަހުސްކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ރައީސްގެ އެ ހުށަހެޅުމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޚަރަދު ބޮޑުވާތީ ކަމަށް ބުނެ، މި ސަރުކާރުން މައި އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ރައްޔިތުން ކައިރިއަށް ދެން އިތުރަށް ދާން ނުޖެހޭނޭ ގޮތް ހަދަން ކަމަށާއި، އެއީ ލަދުވެތިކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް އިއްޔެ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ