ރެ އާއި މިއަދު ކަރަންޓު ކެނޑުނީ ސްވިޗަކަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނު 10:30އާ ދެމެދު، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައަކުން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ. ރޭ އެކެއް ޖަހާކަށްހާއިރު ކަރަންޓު ކެނޑިފައިވަނީ ގަލޮޅުގެ ބައެއް ސަރަހައްދުތަކުންނެވެ. ސްޓެލްކޯގެ ތަރުޖަމާނު އިބްރާހިމް ރައޫފް ވިދާޅުވިގޮތުގައި ލިލީމަގުގައި ހުންނަ ކަރަންޓު ސަބްސްޓޭޝަނެއްގެ ސްވިޗް ގިއަރަކަށް އެ މައްސަލަ ދިމާވީ، ބޮޑަށް ލަފާ ކުރެވޭ ގޮތުން، ރޭ ކުރި ވިއްސާރައިގައި ފެނުގެ އަސަރުކޮށްގެންނެވެ. އެކަމަކު އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިވަން 50 ފާހަގަ ކުރުމަށް މުޅި މާލެ ބޮކިފަތިތަކުން ޒީނަތްތެރި ކުރާއިރު ކަރަންޓު ކެނޑުނީ އެކަމާ ގުޅިގެން ލޯޑު ބޮޑުވެގެން ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ފާޑު ކިޔަމުންނެވެ. އެކަމަކު ސްޓެލްކޯއިން އެކަން ދޮގު ކުރެ އެވެ. "މިއީ ލޯޑު ބޮޑުވެގެން ދިމާވި މައްސަލައެއް ނޫން. އެއީ ހަމަ ސްވިޗަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް،" ރައޫފް ވިދާޅުވި އެވެ. މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރާ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ވަނީ މި މަހު ކުރީކޮޅު ވަނީ ހަލާކުވެފަ އެވެ. އެ އިންޖީނު ނިވުމާއެކު މާލޭގެ ބޮޑު ސަރަހައްދަކުން ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑިފައިވެ އެވެ. ޖަނަރޭޓަރު ހަލާކުވި ސަބަބު ސްޓެލްކޯއިން ނުބުނި ނަމަވެސް ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެ މައްސަލަ ދިމާވީ ލޯޑް ބޮޑުވެގެންނެވެ. އެ ކުންފުނިން ބުނިގޮތުގައި އެ އިންޖީނު ހެދުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދެ އެވެ. އެކަމަކު މަސައްކަތް ލަސްވަނީ ރާއްޖޭން ބޭރުން އެކަމަށް ބައެއް ސާމާނު ގެންނަން ޖެހޭތީ ކަމަށް އެތަނުން ބުންޏެވެ. ކަރަންޓުގެ ބިޔަ މަޝްރޫއު ފެށުމަށް ސްޓެލްކޯ އިން ޗައިނާގެ ކުންފުންޏަކާ އެކު މިދިޔަ މޭ މަހު ސޮއިކުރަނީ: މި މަޝްރޫއުގެ ދަށުން 50 މެގަވޮޓުގެ ކަރަންޓު ދޫކުރާނެ-- ހަވީރު ފައިލް ފޮޓޯ: ނިޝާން އަލީ މާލެ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް 90 ވަރަކަށް މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ސްޓެލްކޯ އިން ވަނީ މިދިޔަ މޭ މަހު އިއުލާންކޮށްފަ އެވެ. މިއީ ސްޓެލްކޯ އިން އުފައްދާ ކަރަންޓުގެ މިންވަރަށް 50 މެގަވޮޓު އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ދަށުން އަށް މެގަވޮޓުގެ ހަ އިންޖީނު އިތުރަށް ބަަހައްޓާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ