ކޮންމެ ރައީސަކުވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ކެމްޕޭނުގެ އެންމެ މުހިންމު އެއް ވަޢުދަކީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދެވެ. ނަމަވެސް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައްޔިތުންނާ އެ ރައީސް ބައްދަލުވަނީ ދައުރުގެ ތެރޭގައި މަދުފަހަރަކުއޭ ނުވަތަ ދައުރު ނިމެނީ އެއްގޮތަކަށްވެސް ބައްދަލު ނުކުރެވިއޭ ބުނުން ގޯހަކަށް ނުވާނެއެވެ. މިއަދު އެ މަންޒަރު ބަދަލުވެ، ޤައުމުގެ ރައީސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ މަންޒަރުތައް ދަނީ ފެންނަމުންނެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް ޤައުމުގެ ކަންކަން ބައްޓަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ސިޔާސަތަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފެންނަ މުހިންމު ސިޔާސަަތެކެވެ. ޤައުމުގެ ކަންކަމުގައި ރައްޔިތުންގެ އަޑު އެއްސެވުމަށް ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި، ސިޓީތަކަށް، ޒިޔާރަތް ކުރައްވައި، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޙާލު ބައްލަވާ އެކިއެކި ދާއިރާތަކުގައި ހުރި ދަތިކަންކަމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ، ބައެއް ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައެއް ރަށްރަށުގައި ފަށާފައި ހުރި މަޝްރޫޢުތަކަށް އެ ރަށްރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ބަދަލު ގެންނަން ފެންނަކަން ހާމަކުރެއްވުމުން ރައްޔިތުން ބޭނުންވާ ގޮތަށް އެބަދަލުތައްވެސް އެމަނިކުފާނު ވަނީ ގެންނަވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ހާމަކުރައްވާ އެކި ޚިޔާލުތައް އަޑުއައްސަވައި، ރައްޔިތުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރެއްވުމަށްވެސް މި ފާއިތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި އެމަނިކުފާނު ވަނީ، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެމަނިކުފާނުގެ މަސައްކަތްތައް ރާއްޖޭގެ ރަށްރަށުން އެކަނި ނިންމަވާ ނުލައްވައެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ކަންބޮޑުވުންތައްވެސް އެމަނިކުފާނު އެ ޤައުމުތަކަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި އަޑުއައްސަވައެވެ. އަދި އެ ޤައުމުތަކުގައި ދިރިއުޅޭ އާއިލާތަކާއި، ދަރިވަރުންނަށް ހުރި ބައެއް ގޮންޖެހުންތަކަށް ވަނީ ލުއިތަކެއް ހޯއްދަވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އާންމުކޮށް ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައާއި ސިޓީ މެދުވެރިކޮށްވެސް ބައެއް ރައްޔިތުން ކަންކަން ހުށަހަޅާ ކަމަށާއި އެކަންކަން ބަލައި، ހައްލު ހޯދައިދިނުމުގެ މަސައްކަތް ޚާއްސަ ޓީމަކުން ކުރައްވަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނާ ބައްދަލުކޮށްގެން ނުވަތަ އެ ނޫން ގޮތްގޮތުން ވިޔަސް، ރައްޔިތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ގޮތެއް ނުނިމި ނުވަތަ ހައްލެއް ހޯދައިނުދެވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ބައެއް ފަރާތްތަކުން އެމަނިކުފާނާ ސީދާ ބައްދަލުކުރުމަށް އެދެމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޕްރޮގްރާމެއް ފައްޓަވާނެ ކަމަށެވެ.
"އެކަމަށް އެދޭ ފަރާއްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމެނީ ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއާއި ބައްދަލުވާކަމަށް ވަންޏާއި 15 ވަރަކަށް ގެޔާއި ބައްދަލުވަންޏާއި ވަރަށް ގިނަ މީހުންނަށް ފުރުސަތު ލިބިގެންދާނެ. އެމީހަކު ބޭނުންވާ ވާހަކަތަކެއް ދައްކަން. އެކަހަލަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށަން އެބަ އުޅެން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި މި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުންތަކަށް މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލިއެވެ. އެމަނިކުފާނުގެ އަމާޒަކީ، މި ބައްދަލުވުންތައް މި މަހުގެ 26ގެ ކުރިން ފެއްޓެވުމެވެ. ފުރަތަމަ ފުރުސަތު ދެއްވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، ހުޅުދޫ ދާއިރާ އަދި ހޯރަފުށި ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
ރައީސް ގެންދަވަނީ، މި ބައްދަލުވުންތަކުގެ އިތުރަށްވެސް ސަރުކާރުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އެކި ގޮތްގޮތުން މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން، އެމަނިކުފާނު އަމިއްލަފުޅަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވާއިރު، ތަރުޖަމާނު މެދުވެރިކޮށް މައުލޫމާތު ދެއްވުމުގެ ޕްރޮގްރާމްތަކާއި ޕޮޑްކާސްޓުތައް ދަނީ ހިންގަވަމުންނެވެ. މި މަސައްކަތްތަކާއެކު 2014ގެ ފަހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މައުލޫމާތު ދައުލަތުގެ ހުރިހާ ވުޒާރާއަކުން ހާމަކުރި ފުރަތަމަ ސަރުކާރަށް އެމަނިކުފާނުގެ ސަރުކާރު ވަނީ ވެގެންގޮސްފައެވެ.
ޤައުމުގެ ކަންކަމުގައި އެންމެ މުހިންމީ "ރައްޔިތުންގެ އަޑު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ