ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ދަނީ އެ ކުންފުނިން ދޭ ޚިދުމަތްތަކަކީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ފަދަ ޚިދުމަތްތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޚިދުމަތްތަކަށް ބަދަލު ގެނައުމާއި، ބައެއް އައު ޚިދުމަތްތައް ތައާރަފްކުރުން ހިމެނެއެވެ.
ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، އެ ބޭންކުގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތެވެ. މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތެވެ.
ބީއެމްއެލްގެ އޭޓީއެމް މަޝްރޫޢުގެ ދަށުން އެ ބޭންކުން ވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޤާއިމްކޮށް ނިންމާފައެވެ. މި މަސައްކަތުގެ ދަށުން މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ، އައު 4 ބްރާންޗެއް ހުޅުވާފައެވެ. އަދި މިއަހަރުގެ މިހާތަނަށް 13 ބްރާންޗެއް ވަނީ ހުޅުވާފައެވެ. މިއާއިއެކު ބީއެމްއެލްއިން ދަނީ، ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންނެވެ.
ވިޔަފާރިތަކަށާއި އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ތައާރަފް ކުރުމަކީ، ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ބީއެމްއެލްއިން މިހާރު ވަނީ، ސްވައިޕް މެދުވެރިކޮށް ބައިނަލްއަޤުވާމީ އެކައުންޓުތައް ހުޅުވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މީގެ ސަބަބުން އެ ބޭންކުގެ ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން އެކައުންޓު ހުޅުވޭނެއެވެ. އަދި ކޮންމެ އެކައުންޓަކަށް އަމިއްލަ އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރެއް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ސްވައިޕް ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށްވުރެ ގިނަ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއްވައެވެ.
އަދި ކަސްޓަމަރުން ގަންނަ ތަކެއްޗަށް ބަހާލައިގެން ފައިސާ ދެއްކޭގޮތަށް އެ ބޭންކުން ދާދިފަހުން ވަނީ، ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓް ޕޭ"ގެ ޚިދުމަތްވެސް ތަޢާރަފް ކޮށްފައެވެ. މިއީ، ކްރެޑިޓް ކާޑުން ވިޔަފާރި ކުރާއިރު ޚަރަދުތައް މެނޭޖުކުރުމުގައި އިތުރަށް ލުއިފަސޭހަ ކުރުމަށް ތަޢާރަފް ކޮށްފައިވާ ޚިދުމަތެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކުރި ސްޕްލިޓް ޕޭ ޚިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބެއެވެ. މިއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މީގެއިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގައި އިންވެސްޓްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހު ވަނީ، "އިންވެސްޓްމަންޓްސް"ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކޮށްފައެވެ. ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓުގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓުތައް ހުޅުވާލާފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތަށް ކަމަށްވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވަނީ މިއަހަރުގެ ތެރޭގައި ލޯނު ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް ބަދަލުކޮށްފައެވެ. މީގެކުރިން ބީއެމްއެލްއިން ލޯނު ދޫކުރަމުން ދިޔައީ، އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭ ގޮތަށެވެ. ނަމަވެސް މިހާރު މި އުމުރުފުރާ 75 އަހަރަށް އިތުރުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ބަދަލާއެކު އުމުރުން 18 އަހަރާއި، 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ލޯނަށް އެދި ހުށައެޅޭނެއެވެ.
އަދި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ، އެ ބޭންކުން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫޢުތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 5 އިންސައްތައަށްވެސް ކުޑަކޮށްދީފައެވެ. މީގެކުރިން ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން ނުވަތަ ގެދޮރު އެޅުމަށް ނަގާ ލޯނަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދަކީ، ލޯނުގެ ޖުމްލަ އަދަދުގެ 20 އިންސައްތައެވެ.
މި ހުރިހައި މަސައްކަތްތަކާއިއެކުވެސް ބީއެމްއެލްއިން ދަނީ، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޑޮލަރުވެސް ދޫކުރަމުންނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއަކީ މާލީގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ.
2025ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ފާއިތުވި އަހަރު ބެންކަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެކެވެ.
ބީއެމްއެލްއިން މިއަހަރު ބޭނުންތެރި ގިނަ ޚިދުމަތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ