ކޮމިޝަނަރު ރިޔާޒްގެ ވާހަކަތަކަށް ކްރިމިނަލް ކޯޓުން ރައްދު ދީފި
ފުލުހެއްގެ ކަންފަތް މަތީގައި ޖަހާ ކަންފަތް ބީރުކޮށްލި މީހަކު ޖޫރިމަނާ ކުރި މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަތަކަށް ކްރިމިނަލް ކޯޓުން މިއަދު ރައްދު ދީފި އެވެ. ޕޮލިސް ވެބްސައިޓްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ރިޔާޒް ވިދާޅުވެފައިވަނީ ފުލުހެއްގެ ކަންފަތް މަތީގައި ޖަހާ ބީރުކޮށްލި މައްސަލަ ޝަރީއަތަށް ފޮނުވުމުން އެކަން ކުރި މީހާއަށް ލިބުނު އަދަބަކީ 3،000ރ. އިން ޖޫރިމަނާ ކުރުން ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ. އެ މައްސަލައިގައި ޖޫރިމަނާގެ ހުކުމްކޮށްފައިވަނީ މާރާމާރީގެ މައްސަލައެއްގައި ވަރަށް ފަހުން ފުލުހުން ހައްޔަރުކުރި ގ.މަސްއޮޑިގޭ އިހުސާނުއްދީން ރަޝީދުގެ މައްޗަށެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުން ބަލާނީ ދައުލަތުން ކުރާ ދައުވާއަށާއި ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ. އަދި ނުކުރާ ދައުވާއަކަށް އަދަބު ކަނޑައެޅުމުގެ ބާރެއް ފަނޑިޔާރުންނަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކަނޑައަޅަންޖެހޭނީ ވެސް ގާނޫނުގައި އެކަމަށް އޮންނަ އަދަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި އިހުސާނުއްދީންގެ މައްޗަށް ކުރީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާއެއް ކަމަށެވެ. އަދި އިތުރު އެހެން ދައުވާއެއް އެ މައްސަލައިގައި އިހުސާނުއްދީންގެ މައްޗަށް ކޮށްފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ފުލުހުންގެ ގާނޫނުގައިވާ ގޮތުން އެފަދަ ކުށެއްގެ އަދަބަކީ 12،000ރ. އަށް ވުރެ ބޮޑުނޫން އަދަދުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ޖަލަށްލުން ނުވަތަ 12،000ރ. އިން ޖޫރިމަނާ ކުރުމާއެކު ހަ މަހަށް ޖަލަށްލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޯޓުން މިއަދު ވަނީ އެ މައްސަލައިގައި އަނިޔާލިބުނު ފުލުސް މީހާ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާނާއި އޭނާ ތަހުގީގަށް ދިން ބަޔާން ނޫސްވެރިންނަށް ދައްކާލައިފަ އެވެ. ފުލުސް މީހާ ތަހުގީގަށް ދިން ބަޔާނާއި ޝަރީއަތުގައި ދިން ބަޔާން ތަފާތެވެ. ފުލުސް މީހާ ތަހުގީގު ބަޔާނުގައި ބުނެފައިވަނީ އިހުސާނުއްދީން އޭނާގެ ވާތު ކަންފަތް މަތީގައި ވަރަށް ބާރަށް ޖެހި ކަމަށެވެ. ނަމަވެސް އޭނާ ކޯޓުގައި ބުނެފައިވަނީ އިހުސާނުއްދީން އަތުން ޖެހުނީ ކަމަށެވެ. ގަސްދުގައި ޖެހީ ކަމަކަށް ފުލުސް މީހާ ކޯޓުގައި ބުނެފައެއް ނުވެއެވެ. ކޯޓަށް ދީފައިވާ ބަޔާނުގައި މުޅިން ވެސް އޭނާ ބުނެފައިވަނީ އިހުސާނުއްދީން އަތުން ޖެހުނީ ކަމަށެވެ. ކޯޓުގެ އޮފިޝަލް ވިދާޅުވީ އިހުސާނުއްދީން އަތުން ޖެހުނީ ކަމަށް ފުލުސް މީހާ ބުނި ނަމަވެސް ފުލުހަކަށް ހަމަލާދިންކަން އިހުސާނުއްދީންގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ނިންމި ކަމަށާއި އެގޮތަށް ނިންމީ ހެކިންގެ ހެކިބަހަށް ބެލުމަށްފަހު ކަމަށެވެ. އެ މައްސަލަ ނިންމި ރިޕޯޓުގައި ގާޒީ ފާހަގަކޮށްފައިވާ ގޮތުން އިހުސާނުއްދީން އަތުން ޖެހުނީ ކަމަށް ބުނި ނަމަވެސް އެއީ ރުޅިވެރިކަމާއެކު އޭނާ ގަސްދުކޮށްފައިވާ ކަމެއްކަން ސާބިތުވެ އެވެ. ފުލުސް މީހާގެ ކަންފަތް ބީރުވި ކަމަށް ރިޔާޒް ބުނި ނަމަވެސް ފުލުސް މީހާއާ ޝަރީއަތުގައި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭނާ ލަންކާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެއް މަސް ފަހުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. އަދި އޭގެ އެއް މަސްފަހުން ޑޮކްޓަރަށް ދެއްކުމުން މިހާރު މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުސް މީހާ ކޯޓަށް ދީފައިވާ ބަޔާނުގައިވެ އެވެ. ފުލުސް މީހާގެ މެޑިކޯ ލީގަލް ރިޕޯޓުގައި ވެސް ބުނެފައިވަނީ ވާތު ކަންފަތް ރަތްވެފައިވާ ކަމަށާއި ނަމަވެސް ބޭރު ފުށުގައި އަނިޔާއެއް ނެތް ކަމަށެވެ. އަދި ފަރުވާއެއްގެ ގޮތުން އިންޖެކްޝަނެއް ޖެހުމާއެކު ފަސް ދުވަހުގެ ބޭސް ދީފައިވާ ކަމަށް އެ ރިޕޯޓުގައި ވެސްވެ އެވެ. "އެހެންވީމާ މިއަކުންނެއް ޕްރޫވެއް ނުކޮށްދެޔޭ ޝަރީއަތަކަށެއް، އެ ބޭފުޅާއަކަށް އެހާ ބޮޑު ގެއްލުމެއް ވެފައި ހުރި ކަމަކަށެއް،" އެ ރިޕޯޓަށް ރިއާޔަތް ކުރައްވާ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ. އިހުސާނުއްދީންގެ މައްޗަށް އިއްވި ހުކުމުގައި ވަނީ އެއީ އޭނާގެ މައްޗަށް އެ ބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ 3،000ރ. އިން ޖޫރިމަނާ ކުރާ ކަމަށެވެ. "ގާޒީއަށް ބާރު އެބައޮތޭ 12،000ރ. އަށްވުރެ ދަށުގެ ކޮންމެ އަދަދެއް ވެސް ހުކުމް އިއްވުމުގެ، ނުވަތަ ޖޫރިމަނާ ކުރުމުގެ. އެހެންވީމާ އެހެން އޮތް ކަމެއްގައި ހުކުމް އިއްވާއިރު މި ބަލާ މިންގަނޑަކީ ފުރަތަމަ ކުށެއް ކޮށްފި ކަމުގައިވާނަމަ 3،000ރ. އޭ، ދެވަނަ ފަހަރަށް އައިސްފިއްޔާ ދެން އެއާ ޖެހިގެން ދެން އިންނަ އަދަދެކޭ، ތިން ވަނަ ފަހަރަށް ވެއްޖިއްޔާ ދެން އެންމެ މަތީ އަދަދެއް، މިކަހަލަ ގޮތަކަށް ބަހާލައިގެން ޖޫރިމަނާ ކުރާ ކަހަލަ މިންގަނޑެއް މި ގެންގުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ