ރާއްޖޭގައި ގަޑުބަޑު އުފައްދައި، އަތޮޅުތަކުން މީހުން މާލެ ގެނެސް، ރާއްޖޭގައި އަހުލީ ހަނގުރާމައެއް ފަށަން އެމްޑީޕީން ގޮވާލާ އަނިޔާވެރި އަދި ހައްދުފަހަނައަޅާފައިވާ ގޮވާލުންތަކަށް އެއްވެސް ދިވެހި ރައްޔިތަކު ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ބޮޑުންގެ ބަޔަކު ބޭނުންވާ ގޮތަށް ރާއްޖޭގައި ފަސާދައާ އަނިޔާވެރިކަން އާއްމުވެއްޖެނަމަ، އެކަމުގެ ގެއްލުން ލިބޭނީ ދިވެހި ޢާއިލާތަކަށާއި ގައުމަށް ކަމަށެވެ.
އެމަނިކުފާނުގެ ބަޔާނުގައި ވެއެވެ: "ރާއްޖޭގައި ގަޑުބަޑު އުފައްދައި، އަތޮޅުތަކުން މީހުން މާލެގެނަސް، އަހުލީ ހަނގުރާމައެއް މި ރާއްޖޭގައި ފެށުމަށް އެމްޑީޕީން ގޮވާލާ އަނިޔާވެރި އަދި ހައްދުފަހަނައަޅާފައިވާ ގޮވާލުންތަކަށް އެއްވެސް ދިވެހި ރަޢިއްޔަތަކު ތާއީދުނުކުރެއްވުމަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން ވަރަށް އާދޭހާއެކު ދިވެހި ރަޢިއްޔަތުންނަށް އިލްތިމާސް ކުރަމެވެ. އެމްޑީޕީގެ ބޮޑުންގެ ބަޔަކު ބޭނުންވާ ގޮތަށް މި ޤައުމުގައި ފަސާދައާ އަނިޔާވެރިކަން ޢާއްމުވެއްޖެނަމަ، އެކަމުގެ ގެއްލުން ލިބޭނީ ދިވެހި އާއިލާތަކަށެވެ،"
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިންތިހާބާބެހޭ ގާނޫނުތަކާ ހިލާފު އެތައްކަމެއް ހިންގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އޮޅުވާލައި، ވަގަށް ވޯޓު ކަރުދާސް ޗާޕްކުރުން ފަދަ އެތައް ޖަރީމާއެއް ހިންގާފައިވާ ކަމުގެ ސާބިތު ހެއްކާއެކު ސުޕްރީމްކޯޓަށް ޖޭޕީން ހުށަހެޅީ ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ އަސާސީ ހައްގު ރައްކާތެރި ކޮށްދޭން ކަމަށާއި ރައްޔިތުންދޭ ވޯޓަކީ އިތުބާރުހުރި ގޮތުގައި ދެވޭ އަދި އަމާނާތްތެރި ގޮތުގައި ގުނޭ ވޯޓަކަށް ހަދަން ކަމަށެވެ.
އަދި ވިދާޅުވީ އެމަނިކުފނާއި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ މީހުންނާއި ރައްޔިތުންގެ އެދުމަކީ، ވޯޓު އޮޅުވާލުމާ ގުޅިގެން ރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލަ އަވަހަށް ނިމުން ކަމަށާއި ރައްޔިތުންގެ އިތުބާރާއެކު ބޭއްވޭ ރިޔާސީ އިންތިހާބެއް އަވަހަށް ބޭއްވުން ކަމަށެވެ. ރިޔާސީ އިންތިހާބުގައި ހަދާފައިވާ ބޮޑެތި މަކަރުތަކާ އޮޅުވާލުންތައް އަލުން ތަކުރާރު ނުވާނޭހެން، ކަންކަން އިސްލާހުކޮށް، އާ އިންތިހާބެއް ބޭއްވުމާމެދު ސުޕްރީމްކޯޓުން ކުރާ ކޮންމެ ހުކުމަކަށް ޖޭޕީ އާއި ޖުމްހޫރީ ގުޅުމުން ބޯލަނބާނެ ކަމަށް ވެސް އެމަނިކުފާނުގެ ބަޔާނުގައި ވެއެވެ.
"... ރާއްޖޭގައި އިތުބާރުހުރި އަމާނާތްތެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ޖުމްހޫރީ ގުޅުމުން އިސްނަގައިގެން ކުރަމުން މި ގެންދާ މަސައްކަތުގެ ހަގީގަތް އޮޅުވާލައި، ޖުމްހޫރީ ގުޅުމުން ބޭނުންވަނީ މި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނުބާއްވައި ޢަސްކަރީ ވެރިކަމެއް ހިންގަން ކަމަށް، އެމްޑީޕީގެ ގައުމީ މަޖިލީގައި ދައްކަމުން ގެންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ. ޖުމްހޫރީ ގުޅުމުން ގަބޫލުކުރާ ގޮތުގައި މިފަދަ ދޮގު ވާހަކަތަކެއް އެމްޑީޕީއިން ފަތުރަނީ، އަލުން ރިޔާސީ އިންތިހާބު ބާއްވައިފިނަމަ، ކުރީން ލިބުނު މިންވަރުގެ ވޯޓެއް އެމްޑީޕީއަށް ނުލިބި ވޯޓުގައި ހެދި މަކަރު ރަނގަޅަށް ބޭޒާރުވާނެތީ އެވެ. އަދި މިކަމުގައި އެމްޑީޕީގެ ދެން އޮތް މަގުސަދަކީ، މުޅި ރާއްޖޭގައި ހަމަނުޖެހުމާ ހުޅުޖެހުމާ ލޭ އޮހޮރުވުން ފަދަ ޖަރީމާތައް ހިންގައި، ރާއްޖެއަށް ނިކަމެތިކަންދީ، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި، ގާއުމު ނިކަމެތިކޮށްލުމެވެ."
ގާސިމް ވިދާޅުވީ ސުޕްރީމްކޯޓުން ނިންމާ އުސޫލުތަކެއްގެ މަތީން ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދާނެ ކަމަށާއި މި ހާލަތުގައި ރައްޔިތުންގެ މައްޗަށް އޮތީ، ގާނޫނަށް ބޯލެނބުމާ، ސުޕްރީމް ކޯޓުގެ ނިންމުމަށް ޢަމަލު ކުރުމާ، ރާއްޖޭގެ މަސްލަހަތާއި ހަމަޖެހުމަށް އިސްކަން ދިނުން ކަމަށެވެ.
މީހުން މާލެ ގެނެސް އަހުލީ ހަނގުރާމައެއް ފަށަން އެމްޑީޕީން ގޮވާލާ ގޮވާލުމަށް ތާއީދު ނުކުރަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ