މާލޭގެ ކަރަންޓުގެ ހާލަތު މީގެ އެތައް އަހަރެއް ފަހަތަށް ގޮސްފައިވަނީ ބަޣާވާތުގެ ސަބަބުން: އެމްޑީޕީ

ރާއްޖޭގެ ވެރިރަށް މާލޭގެ ކަރަންޓުގެ ހާލަތު އެތައް އަހަރެއް ފަހަތައް ގޮސްފައިވާ ކަމަށާއި، މިކަން މިހެން ދިމާވީ ބައެއް ފުލުހުންނާއި މަދު އަދަދެއްގެ ސިފައިން ގުޅިގެން ރާއްޖޭގެ އަމަން އަމާންކަން ނަގާލާ، ބަޣާވާތްކުރުމުގެ ސަބަބުން ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ބަޣާވާތުގެ" ސަރުކާރު އައުމާއެކު މާލޭގެ ކަރަންޓުގެ ހިދުމަތުގެ އިތުބާރު ގެއްލި، މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އެތަކެއް ދަތި އުދަނގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
"ބައެއް ފުލުހުންނާއި މަދު އަދަދެއްގެ ސިފައިން ގުޅިގެން ރާއްޖޭގެ އަމަން އަމާންކަން ނަގާލައި، ބަޣާވަތްކޮށް، ވެރިކަން ފޭރިގަތުމާ ގުޅިގެން، ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގަމުންދިޔަ ޕްރޮޖެކްޓްގެ މަސައްކަތް ކުރައްވަމުން ގެންދެވި ފަރާތްތައްވަނީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރާފައެވެ. މިކަމާއި ގުޅިގެން މާލެއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށް ހިންގަމުން ގެންދިޔަ ޕްރޮޖެކްޓްވަނީ ލަސްވެގެން ގޮސްފައެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ކޮންމެ ދުވަހަކު އެކި ތަންތަނުން އެކި އިރު އިރު، ކަރަންޓު ކަނޑާލަމުންދަނީ ފިއުލް ސާޗާޖުގެ ގޮތުގައި އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދޭން ފަށާފައިވާ ކަރަންޓުގެ ސަބްސިޑީގެ ގޮތުގައި ދެވޭ މިންވަރު ކުޑަކުރުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށް އެތައް ފަރާތަކުން ތުހުމަތުކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް މިކަން ހައްލުކުރުމަށް ސަރުކާރުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެމްޑީޕީއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ