ކަރަންޓް ޝޯޓެއްވެ ކިޔުރިއޯސިޓީގެ އަތް ބިނދިއްޖެ
ނާސާއިން މާސް އަށް ފޮނުވި ކިޔުރިއޯސިޓީ އުޅަނދުގައި ކަރަންޓް މައްސަލައެއް އުޅޭކަން ފެބްރުއަރީ 27 ގައި ކޮންޓްރޯލަށް އެންގި އެވެ. އިންޖިނޭރުން ބެލިބެލުމުން، ކިޔުރިއޯސިޓީގެ "ރޮބޮޓް އާމް"އާ ގުޅުން ހުރި ކަރަންޓް ބޯޑެއްގައި މައްސަލަޖެހި، އަތުގެ ބައެއް ބައިތައް ހަރަކާތްތެރިކުރުވަން އުނދަގޫވެފައި އޮތްކަން ވަނީ އެނގިފަ އެވެ. ކިޔުރިއޯސިޓީ އިންޖިނިއާކޮށްފައި ވަނީ "ގުނަވަނެއް"ގައި މައްސަލައެއް ޖެހިއްޖެ ނަމަ ބިމަށް އަންގާ ގޮތަށެވެ. އޭރުން އެ މައްސަލައެއް ތަފުސީލުކޮށް ބަލައި، މަރާމާތުކުރާނެ ގޮތް އިންޖިނޭރުންނަށް ދެނެގަނެވެ އެވެ. މި ފަހަރު މައްސަލަޖެހިފައި ވަނީ، އިންޖިނޭރުން ބުނާ ގޮތުގައި، މާސްގެ ބިމުން ވެލި ނަގައިގެން ހަދަންޖެހޭ ޓެސްޓްތަކެއް ކުރުމުގައި ހަރަކާތްތެރިވަނިކޮށެވެ. މާސްގެ ބިން ތޮރުފައި، ގަލާއި ވެލިން އެތައް ސާމްޕަލެއް ނަގައިގެން ކިޔުރިއޯސިޓީ ވަނީ ތަހުލީލުކޮށްފަ އެވެ. އެއްވެެސް ޒަމާނެއްގައި މާސްގައި ދިރުމެއްވިތޯ ބެލުމަށް ކިޔުރިއޯސިޓީ ވަނީ އެތައް ގަލެއް ފުރޮޅާފަ އެވެ. މާސްގައި ކޮންމެވެސް ޒަމާނެއްގައި ފެން ހުރި ކަމަށް ހެކިދޭ ނިޝާންތަކެއް ކިޔުރިއޯސިޓީ ވަނީ ހޯދާފަ އެވެ. ސައިންސްވެރިން ބުނާ ގޮތުން މާސް އަކީ ދިޔާ ފެން ހުރި ތަނެކެވެ. އެހެން ނަމަވެސް މާސް އަށް ވެއްޓުނު ބިޔަ ގިނިހިލައެއްގެ ސަބަބުން އެ ތަނުން ފެން ހުސްވެ ބިން ވަނީ ހިކިފަ އެވެ. ކިޔުރިއޯސިޓީ މާސްގައި ކުރާ ތަހުލީލުތަކުގައި "ރޮބޮޓް އާމް" އަކީ އެންމެ ހަރަކާތްތެރި ގުނަވަނެވެ. ކައިރިވެވެން ނެތްހާ ދުރުން ސާމްޕަލް ނަގައި، ހޯދައި ބެލުމުގައި "އެ ސޮރުގެ" އަތުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެހެން ދިމާއެއްގައި އުޅޭ މައްސަލައެއްގެ ސަބަބުން ނަމަވެސް، އަތަށް ގޮތެއް ވެއްޖެ ނަމަ، ކިޔުރިއޯސިޓީ ކުރަން ހުރި ޓެސްޓްތަކުން މަހުރޫމްވާން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އިންޖިނޭރުން ބުނާ ގޮތުގައި މައްސަލަޖެހިފައި ވަނީ ކޮން ހިސާބެއްގައި ކަމެއް ކަށަވަރުކޮށެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ކިޔުރިއޯސިޓީ ހަރަކާތްތެރިކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ. މައްސަލަ ވަރަށް ރަނގަޅަށް ދިރާސާކޮށްފައި ނޫނީ ކިޔުރިއޯސިޓީ ހަރަކާތްތެރި ނުކުރުވާނެ ކަމަށާއި އެކަމަކު އެ ކަމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިންޖިނޭރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ