ކަރަންޓު ބިލު ދައްކަން ދޫކުރާ ޗެކު ބައުންސް ވެގެން ނަގާ ޖޫރިމަނާ ބޮޑުކުރަނީ

ކަރަންޓު ބިލު ދައްކަން ދޫކުރާ ޗެކު ބައުންސް ވެއްޖެ ނަމަ ނަގާ ޖޫރިމަނާ ބޮޑުކޮށް، އެ ފަރާތެއްގެ ޗެކު ގަބޫލުނުކުރާ މުއްދަތު އިތުރުކުރަން ސްޓެލްކޯ އިން ނިންމައިފި އެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެންނެވެ. މާލެ އާއި ގިނަ ރަށްރަށެއްގައި ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން އެ ގޮތަށް ނިންމައި ކަމާ ގުޅޭ ގަވާއިދު އިސްލާހުކޮށް، އިއްޔެ ވަނީ ގެޒެޓުކޮށްފަ އެވެ. އެއީ 2005 ގައި އެކުލަވާލި ސްޓެލްކޯ އިން ދޭ އާއްމު ހިދުމަތްތަކާ ބެހޭ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގެ ދެ ވަނަ ބައެވެ. އެ ބައިގެ ދަށުން، ބަދަލު ގެނެސްފައިވަނީ "ބިލުތަކަށް ފައިސާ ދެއްކުމާ" ބެހޭ ގަވާއިދުގެ 7.3 ވަނަ މާއްދާގެ (ރ) އަށެވެ. އެ ގޮތުން، ޗެކު ބައުންސްވުމުން ކުރާ ޖޫރިމަނާ 50ރ. އިން 200ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ކުރިން ވެސް އޮންނަ ގޮތަށް އެ ފަރާތެއްގެ ޗެކު ތިން މަސްދުވަސް ވަންދެން ބަލައެއް ނުގަންނާނެ އެވެ. މީގެ އިތުރުން، ކުރިން ނާޅާ އެހެން ފިޔަވަޅެއް އެޅުމުގެ ބާރު، ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ސްޓެލްކޯ އަށް ވަނީ ލިބިދީފަ އެވެ. އެއީ، އެއް އަހަރުދުވަހުގެ ތެރޭގައި އެއް ޗެކަށް ވުރެ އިތުރަށް ބައުންސް ވެއްޖެ ނަމަ، އަނެއްކާ ވެސް އެ ފަރާތެއް 200ރ. އިން ޖޫރިމަނާ ކުރުމެވެ. އަދި އެ ހާލަތުގައި އެ ފަރާތެއްގެ ޗެކު ހަ މަސްދުވަސް ވަންދެން ބަލައެއް ނުގަންނާނެ އެވެ. ޗެކު ބައުންސް ވެއްޖެ ނަމަ ނަގާ ޖޫރިމަނާ ބޮޑުކުރަން ނިންމުމާ އެކު، ސްޓެލްކޯ އިން ވަނީ ކަރަންޓު ކަނޑާލާފައި ހުންނަ ތަންތަނުން ފައިސާ ނުދައްކައި ހުންނަ ބިލުތަކާއި ގިނަ ދުވަސްވެފައި ހުންނަ ބިލުތަކުގެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރަންޖެހޭ ގޮތަށް ހަދަން ވެސް ނިންމާފަ އެވެ. އެއީ، ގަވާއިދަށް ގެނައި އިސްލާހުގެ ފުރަތަމަ ބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ