އުކުޅަހުގައި ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން" ސްކޫލް ބަންދުކޮށްފި!

އއ. އުކުޅަހު ސްކޫލުގެ އަންހެން ދަރިވަރުންތަކެއް ޖިންނި މޮޔަވެއްޖެ ކަމަށް ބުނެ އެ ސްކޫލްގެ ކިޔެވުން މިއަދު މެދުކަނޑާލައި ބަންދުކޮށްފި އެވެ. އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ ސްކޫލުގެ ނުވަ ކުއްޖަކު "ޖިންނި މޮޔަވެ ހޭނެތިގެން"، ފަންޑިތަ ހަދާ މީހަކު ގެނެސްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. ފަންޑިތަ ހަދާ މީހާ ކިޔެވެލި ކިޔެވުމުން ޖިންނި އެ ކުދިން ލައްވައި ވާހަކަ ދައްކުވަމުން އަންނަ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ. އެ މައްސަލާގައި ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ތިބީ ވަރަށް ކަންބޮޑުވެ ނަފްސާނީ ގޮތުން ވެސް އަސަރުކޮށްފައި ކަމަށް ސްކޫލުން ބުންޏެވެ. ދަރިވަރުން ރޯއަޑު ސްކޫލުގައި ގަދަވެފައިވާއިރު، ރަށު ތެރޭގައި ވެސް ބިރުވެރިކަން އުފެދި ރަށް ފާޑަކަށް "ހުއްޓިފައިވާ" ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. ފިރާގު ވިދާޅުވި ގޮތުގައި ސްކޫލުގެ ދަރިވަރުން ހޭނެތިގެން ވެއްޓުން ފަދަ މައްސަލަތައް މެދުވެރިވަމުން އަންނަތާ ހަފުތާއެއްހާ ދުވަސް ވެދާނެ އެވެ. ޖިންނީގެ ކަމެއްކަން މިއަދު އެނގުނީ، އެއްފަހަރާ ގިނަ ކުދިންތަކެއް ހޭނެތިގެން ކްލާސްތެރެ އަށް ވެއްޓުމުން ކަމަށް އޭނާ ވިދާޅުވި އެވެ. "ސްކޫލް ގޯތި ތެރޭގައި ހުރޭ ކަނީރުމާ ގަސްތަކެއް. ކުދިންތައް އެ ގަހުން މާ ބިނދެ، ގޮފި ކަނޑައި އުނދަގޫތައް ކުރާތީ، ޖިންނިތައް ރުޅިއައީ ކަމަށް ފަންޑިތަ ހަދާ މީހާ ސުވާލުކުރުމުން ޖިންނިތައް ބުނަނީ،" ފިރާގު ވިދާޅުވި އެވެ. ސްކޫލުން ބުނިގޮތުގައި ދެ ދަންފަޅިއަކަށް 200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ސްކޫލުގައި ބައެއް ކުދިން މިއަދު ހޭނެތިގެން ވެއްޓުމާއި އާދަޔާހިލާފު ބާރުގަނޑެއް އެރުން ފަދަ ކަންކަން ދިމާވެފައި ވަނީ ގްރޭޑް 9،8 އަދި 10 ގެ ދަރިވަރުންތަކަކަށެވެ. "މިއަދު ފުރަތަމަ ހޭނެތިގެން ވެއްޓި ދެ ދަތްބާރުވީ ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރެއް. އެ ކުއްޖާ ނަގަން ހަ މީހުން ކައިރީވީމަ ވެސް ފޮޅުވާލާފައި ކައިރިވެވޭގޮތެއް ނުވި. އާދަޔާ ހިލާފު ބާރުތަކެއް ލިބިގެން އުޅޭހެން ހީވަނީ. އެ މައްސަލައިގެ އެ ކްލާހުގެ ކުދިންތައް ބިރުން އުޅެނިކޮށް ގްރޭޑް ދިހައެއްގެ ކްލާހުން ކުދިންތަކެއް ހޭނެތުނީ،" ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. މީގެ ފަސް އަހަރު ކުރިން 2008 ގައި ހދ. މަކުނުދޫ ސްކޫލުގެ ގިނަ ކުދިންތަކެއް ވެސް ޖިންނި މޮޔަވެގެން ފަންޑިތަ ހަދާ މީހަކު ލައްވައި އެ ސްކޫލަށާއި ދަރިވަރުންނަށް ފަންޑިތަ ހަދާފައިވެ އެވެ. އަދި މަކުނުދޫގައި ހިމާޔަތްކޮށްފައިވާ ބިޔަ ގަހެއް ވެސް "ޖިންނީންގެ އުނދަގޫ ބޮޑުވެގެން" ވަނީ ކަނޑާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ