ޖޭޕީގެ ކުލަޔަކީ ދިވެހި ދިދައިގައިވާ ފެއްސާ ރަތާ ހުދު - ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުލަޔަކީ ދިވެހި ދިދައިގައިވާ ފެއްސާ ރަތާ ހުދު ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިގޮތަށް ވިދާޅުވީ، އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ، ޖޭޕީގެ ކުލައަކީ ދިވެހި ދިދައިގައިވާ ކުލަތައްކަން ދުވަހަކުވެސް ހަނދާން ނައްތާނުލައްވާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލާއި "ލޯ އެންޑް އޯޑަރު" ނެގެހެއްޓުން ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައި މިވަނީ، މިމަހުގެ އެއްވަނަ ދުވަހު، ޤައުމުގެ ހަމަޖެހުމާއި ސަލާމަތަށް ހުރަސްއެޅޭ ފަދަ އަމުރެއް ސުޕްރީމް ކޯޓުން ކުރުމުން އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން، ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް، އެކަމުގެ ތެރެއިން މާލޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޤައުމުގެ މިނިވަންކަމާއި "ލޯ އެންޑް އޯޑަރު" ނެގެހެއްޓުމަކީ ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް ކަމަށް ގާސިމް ވިދާޅުވިއރު، "ޤާނޫނަށް ގޮންޖައްސަވައި" ނެރުނު އަމުރުގައި ވަނީ ޓެރެރިޒަމްގެ ކުށް ސާބިތުވެފައިވާ ކުށްވެރިންނާއި އެހެންވެސް ބައެއް ގައިދީން މިނިވަން ކުރުމަށް ޙުކުމްކޮށްފައެވެ. އަދި ޤައުމުގެ އަމާންކަމަށް ހީނަރުކަން އަންނަފަދަ އެ އަމުރު ތަންފީޒު ނުކޮށްގެން ގާސިމްގެ ޖޭޕީ ހިމެނޭގޮތަށް އިދިކޮޅު ފަރާތްތަކުން ވަނީ ޤައުމުގެ މިނިވަންކަމަށް އަރައިގަނެ ދިވެހި ސިފައިންނާއި ކުރިމަތިލުމަށް، ބޭރުގެ ސިފައިންނަށް ދަޢުވަތު ދީފައެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގެ ދުވަސްކޮޅެއް ކުރިން އިދިކޮޅު ސިޔާސީ އިސްވެރިންތަކެއް، ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ކުރަން އުޅޭކަން ފާޅުގައި ބުނެފައިވާތީ، އެ އަމުރުގައި ރިޝްވަތުގެ ޢަމަލު ހިމެނިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ. އެއަށްފަހު މިއަދު ފުލުހުން ވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން ހަރަދުކުރި އެތައް މިލިޔަން ރުފިޔާގެ ހެކި ހޯދާފައިވާކަން ހާމަކުރައްވާފައެވެ.
ގާނޫނުން އުފެދިފައި އޮތް ސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރިކަމުގެ ތުހުމަތު ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށާއި، ޑީޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިންގެ މައްޗަށްވެސް ކުރެވެއެވެ.
މި ސަބަބުތަކަށްޓަކައި، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލާއި ލޯ އެންޑް އޯޑަރު ނެގެހެއްޓުމަށް އިދިކޮޅު ފަރާތްތަކުން ކުރާކަމަށް ބުނާ މަސައްކަތްތަކާއި މެދު، އިދިކޮޅަށް ތާއީދުކުރާ ފަރާތްތައް ހިމެނޭ ގޮތަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ