އަލިފާނުގެ ހާދިސާއަށްފަހު، އުކުޅަކަށް އަލުން ކަރަންޓު ދީފި

އިއްޔެ އއ. އުކުޅަހު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، މުޅި ރަށުން ކަރަންޓު ކެނޑިފައިވަނިކޮށް، އަލުން އަނބުރާ ކަރަންޓުގެ ޚިދުމަތްދޭން ފަށައިފިއެވެ.
މި ހާދިސާގައި އެރަށުން ކަރަންޓު ކެނޑިފައިވަނީ، ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭވަރަށް އަނދައި ހަލާކުވުމުންނެވެ. އެއާއެކު ސްޓޭކްލޯއިން އުކުޅަހަށް ދިޔަ ޓީމުން މިހާރު ވަނީ ބާކީހުރި ދެ އިންޖީނު ބޭނުންކޮށްގެން އެރަށަށް ކަރަންޓު ލިބޭނެ ގޮތް ހަމަޖައްސާފައެވެ.
އިއްޔެގެ ހާދިސާގައި ހަލާކުވި ޖަނަރޭޓަރުގެ ބަދަލުގައި އިތުރު ޖަނަރޭޓަރެއް އެރަށަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވީ، އެ އިންޖީނުގޭގެ ފުރާޅުގައި ވެލްޑިންގ މަސައްކަތެއް ކުރާން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކަމަށް ވަނީ ބެލެވިފައެވެ. މި ހާދިސާގައި ރޯވި އަލިފާންގަނޑު އެރަށު ރައްޔިތުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ނިއްވާލިއިރު، ދުމުގެ އަސަރުކޮށްގެން ތިން މީހަކަށް އެޑްމިޑްކޮށްގެން ފަރުވާދީފައިވެއެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ