"އައްޑޫ ސިޓީގެ ރައްޔިތުން ރައީސް ޔާމީނަށް ކުރާ ތާއީދު ދަނީ ދުވަހެއް ދުވަހަކުން އިތުރު ވަމުން"

އައްޑޫ ސިޓީގެ ރައްޔިތުން ރައީސް ޔާމީނަށް ކުރާ ތާއީދު ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުން ކަމަށާއި އަދި 2018ގެ އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކާއެކު ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމްއިން މިއަދު ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުންނެވެ.
އިބްރާހިމް ދީދީ ވިދާޅުވީ ކައުންސިލް އިންތިހާބަކީ ރައީސް ޔާމީނަށް ކޮއްދެއްވި ކަމެއް ނޫން ކަމަށާއި އަދި އެއީ އެއް އާއިލާ އަނެއް އާއިލާއައް ދެއްވާ ވޯޓެއް ކަމަށެވެ.
"އައްޑޫ ސިޓީ ހުޅުދޫ މީދޫ އަދި ފުއައްމުލަކަށް ދެވޭގޮތް ހެދީ މިސަރުކާރުން، އަދި އެކަންތައް ރަސްމީކޮށް ކޮށްދިނީ މިސަރުކާރުން" ހިތަދޫ ޒުވާނުންގެ މަރުކަޒު ސަރަހައްދުގައި ކުރިއަށްދިޔަ މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވިއެވެ.
މީގެއިތުރުން މިސަރުކާރުން ޓޫރިޒަމަށް ކޮށްދޭ އެންމެ ބޮޑު ކަމަކީ މުޅި ރަށުގައި ފެނާއި ނަރުމަދާގެ ހިދުމަތް ގާއިމް ކުރުން ކަމަށާއި މީ އެހެން ރަށް ރަށް ފަދައިން 2 މިލިއަން ނުވަތަ 10 މިލިއަން ރުފިޔާއަށް ވާނެ ކަންތައްތަކެއް ނޫންކަމަށް އައިބީ ވިދާޅުވިއެވެ.
އެގޮތުން އައްޑޫގައި މިހާރުގެ ސަރުކާރުން ހިންގަމުންދާ އެކި އެކި މަޝްރޫތަކަށް 400 އާއި 500 މިލިއަން ރުފިޔާއާ ދެމެދު އަދަދެއް ހަރަދު ކުރައްވާ ކަމަށް އައިބީ ވިދާޅުވިއެވެ.
މި ހަފްތާ ބަންދުގައި ޕީޕީއެމްގެ ހަރަކާތްތަށް ރާއްޖޭގެ 25 ރަށެއްގައި ކުރިއަށް ގެންގޮސްފައިވާއިރު މިއީ ރައީސް އަބްދުﷲ ޔާމީނާއެކު ރައްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެއް ކަމަށް ޕީޕީއެމްއިން ވަނީ ހާމަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ