އިސްރާއީލުން ޣައްޒާގެ ރައްޔިތުން ޝަހީދު ކުރަމުންދާތީ އެކަން ކުށްވެެރިކުރަން – ބަންކީ މޫން

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައްދީ ގިނަ އަދަދެއްގެ މީހުން ޝަހީދުކުރަމުން ދާތީ އެކަން ކުށްވެރިކުރާ ކަމަށް އ.ދ ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެއްޖެ އެވެ.
މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ ދޯހާއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަމުން ބަން ވިދާޅުވީ އޭނާ ދޯހާއަށް އައި މަގުމަތީ ވެސް އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމަށާއި އިސްރާއީލުގެ މި އަމަލު ކުއްވެރި ކުރާކަމަށެވެ.
"މި ހަމަނުޖެހުންތަށް ވަގުތުން ހުއްޓާލުމަށް އަހަރެން ގޮވާލަން. އަދި ހުރިހާ ފަރާތްތަކަކުން ވެސް އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަަކަށް ފުރިހަމައަށް ކަމޭހިތުމަށް ގޮވާލަން" ބަން ވިދާޅުވި އެވެ.
އިސްރާއީލުން އިއްޔެ ވަނީ ޣައްޒާގެ ޝަޖިއްޔާ އަވަށަށް ގިނަ އަދަދެއްގެ ހަމަލާތަކެއްދީ އެ އަވަށް ބިމާ ހަމަކޮށްލާފަ އެވެ. އެގޮތުން އެ އަވަށުން އެކަނި ވެސް 70 މީހުން ޝަހީދުވެ 400 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތަށް ލިބިފަ އެވެ. އިއްޔެ އަކީ އެއްގަމު މަގުން ޣައްޒާއަށް އިސްރާއީލުގެ ސިފައިން އެރިފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޝަހީދުކޮށްލެވުނު ދުވަސް ވެސް މެ އެވެ.
އިސްރާއީލުން އިއްޔެ ޝަޖިއްޔާ އަވަށުގައި ހިންގީީ ކަނޑައެޅިގެން އިންސާނިއްޔަތާ ހިލާފު އަމަލެއްކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ ވިދާޅުވެފަ އެވެ.
"އ.ދ ގެ ސަލާމަތީ މަޖިލީހުން ވަނީ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކޮށްދިނުމަށް ނުކުޅެދިފަ. އަހަރެން ގޮވާލަން އ.ދ ގެ ސަލާމަތާ ބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކޮށްދެއްވުމަށް" އައްބާސް ވިދާޅުވި އެވެ.
13 ދުވަސްވީ މި ހަނގުރާމައިގައި މިހާތަނަށް ވަނީ ޣައްޒާގެ 459 މީހުން ޝަހީދުވެއެވެ. އަދި މި ހަނގުރާމައިގައި ޣައްޒާގެ 3560 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތަށް ވެސް ލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ