އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޝަހީދުކޮށްލި ފަލަސްތީނު ބައެއް މީހުންގެ ޖަނާޒާގެ ކަންތައްތައް ހަބްރޫންގައި މިއަދު ބާއްވަން އުޅެނިކޮށް، އިސްރާއީލު ސިފައިން ބަޑިޖަހައި އަނެއްކާވެސް ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ޒުވާނާގެ ގަޔަށް ބަޑިޖެހީ، އިސްރާއީލުގެ އިންފާރަވެރިއަކަށް ވަޅިން ހަމަލާދޭން އުޅުމުން ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
މި އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ފަލަސްތީނާއި އިސްރާއީލާ ދެމެދު ފެށުނު ކުރިމަތިލުންތަކުގައި، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހަމަލާދީ ފަލަސްތީނުގެ 66 މީހުން މިހާތަނަށް ޝަހީދު ކޮށްލާފައި ވެއެވެ.
ހަބްރޫންގައި މިއަދު ބާއްވަން އުޅުނީ، އިސްރާއީލުން ކުރިން ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ ފަސްމީހެއްގެ ޖަނާޒާއެވެ. އޭގެ ތެރޭގައި ކުޑަ ދެ އަންހެންކުދިންވެސް ހިމެނެއެވެ. އެފަސްމީހުންގެ ޖަނާޒާ މިބާއްވަނީ، އެމީހުންގެ ހަށިތައް އިސްރާއީލުން ދޫކޮށްލުމުންނެވެ.
ބަޑިޖަހައި ޝަހީދު ކުރުމަށްފަހު އިސްރާއީލުން ފަލަސްތީނު މީހުންގެ މަރުވެފައިވާ ހަށިތައްވެސް "ހައްޔަރު" ކުރެއެވެ. މިއީ، ބައިނަލްއަގްވާމީ ގާނޫނުތައްވެސް މަނާކުރާ ކަމަކަށްވާތީ، އިސްރާއީލުގެ މިޖަރީމާގެ މައްސަލަ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ، އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށްވެސް ހުށަހަޅުއްވާފައެވެ.
ހަބްރޫންގައި ފަސްމީހެއްގެ ޖަނާޒާ މިއަދު ބާއްވާއިރު، އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ފަލަސްތީނު ޒުވާނެއްގެ ޖަނާޒާ އިރުމަތީ ގުދުސްގައިވެސް މިއަދު އޮންނާނެ ކަމަށް ފަލަސްތީނުން އަންގައެވެ. އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާން ކުއްޖެއްގެ ޖަނާޒާ އިއްޔެ ހަވީރު ޖެނީންގައި ބާއްވާފައި ވެއެވެ.
މިއީ، އިސްރާއީލު ފުލުހުންނަށް ނުވަތަ ސިފައިންނަށް ވަޅިން ހަމަލާދިނުމުން ނުވަތަ ހަމަލާދޭން އުޅުމުން ކަމަށްބުނެ އިސްރާއީލުގެ އަނިޔާވެރި ސަލާމަތީ ބާރުތަކުން ބަޑިޖަހައި ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ ހަތިޔާރެއްނެތް ޒުވާން ކުދީންނެވެ.
ވަޅިން ހަމަލާދޭ ކަމަށް ހުއްޖަތް ދައްކައިގެން އިސްރާއީލުން ގެންދަނީ ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ޒުވާނުން ޝަހީދު ކުރަމުންނެވެ.
ޖަނާޒާ ބާއްވަން އުޅެނިކޮށް ފަލަސްތީނުގެ އިތުރު ޒުވާނަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ