އޭޑީކޭ ސްކޫލް އޮފް ހެލްތް ސައިންސްގަ އިމަރޖެންސީ މެޑިކަލް ޓެކްނީޝިއަނުން ތަމްރިނުކުރަނީ!

އޭޑީކޭ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ އޭޑީކޭ ސްކޫލް އޮފް ހެލްތް ސައިންސްގަ އިމަރޖެންސީ މެޑިކަލް ޓެކްނީޝިއަނުން ތަމްރީނުކުރުމުގެ ކޯހެއް ފަށަން ހަމަޖައްސައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް މިއަދު ވިދާޅުވީ ރާއްޖޭގައި މިދާއިރާއިން ތަމްރީނުކުރެވިފައި ތިބި މީހުން ނެތްކަމަށާއި މިއީ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. "މީހަކު ބަލިވެގެން ބަލައިދާ އެމްބިޔުލާންސް އާއި ލޯންޗް ފަހަރުގަ މިފަދަ މީހުން ތިބެން އެބަޖެހޭ. ރިޒޯޓުތަކުގައިވެސް ތިބެން އެބަޖެހޭ. އެހެންވީމާ ވަޒީފާ ލިބުމުގެ ފުރުޞަތު ވަރަށް ބޮޑު ކޯހެއް މިއީ."
އަފްޢާލް ވިދާޅުވީ މިއީ 3 މަސް ދަވަހަށް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި މުޅި ކޯހަށް ދައްކަންޖެހެނީ 3500 ރުފިޔާ ކަމަށެވެ. އަދި ކޯސް ކުރިއަށް ގެންދާނީ ވަޒީފާގައި އުޅޭ މީހުންނަށްވެސް ފަސޭހަވާނެ ވަގުތުތަކުގައި ކަމަށެވެ.
އަފްޢާލް ވިދާޅުވީ ކޯހުގައި ބައިވެރިވެވޭނީ އޭލެވެލްގައި ސައިސްގެ މާއްދާތަކުން ފާސްވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މިކޯހަކީ އެންކިޔޫއޭ އިން ގަބޫލުކޮށްފައިވާ ކޯހެއް ކަމަށާއި އެލައިޑް ހެލްތް ސަރވިސަސް އިން ވެސް ތަރްޙީބު ލިބިފައިވާ ކޯހެއް ކަމަށެވެ.
ކޯސް ފަށަން ހަމަޖެހިފައިވަނީ އަންނަ އަަހަރުގެ ފެބްރުއަރީ މަހު އެވެ. ކޯހުގައި ބައިވެރިކުރަން ހަމަޖެހިފައިވަނީ 20 ދަރިވަރުންނެވެ. ކޯހުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ފުރުޞަތު ހުޅުވައިލައްވާނެ ކަމަށް ވެސް އަފްޢާލް ވިދާޅުވިއެވެ.
އަފްޢާލް ވިދާޅުވީ ނަރުހުން ތަމްރީނުކުރުމަށް ފަށާކޯސްވެސް އަންނަ އަހަރު ފެށޭނެ ކަމަށާއި އެކަމަށް ބޭނުންވާ ކަރިކިޔުލަމް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އޭޑީކޭ ފަދަ ހޮސްޕިޓަލަކުން މިފަދަ ކޯހެއް ހިންގުމުން ބައިވެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ