ހަތަރު ވައްތަރެއްގެ ޖަލު ހެދުމަށް ވަނީ ނިންމާފައި: އުމަރު

ކުށްވެރިން ބައިތިއްބަން ހަތަރު ވައްތަރެއްގެ ޖަލު ހެދުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދި ޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، ކުށްވެރިން ލުމަށް ޖަލު ހެދުމަށް މީގެ ކުރީގެ ހުރިހާ ސަރުކާރަކުންވެސް އަމަލު ކޮށްފައިވާގޮތުން ބުރަ ބޮޑުވަނީ ދައުލަތަށް ކަމަށާއި އެހެންކަމުން މިސަރުކާރުގެ ވިސްނުން ހުރީ ހަތަރު ބަޔަކަށް ކުށްވެރިން ބަހާލައިގެން ޖަލުތައް ހެދުމަށް ކަމަށެވެ.
"އަޅުގަނޑުގެ ވިސްހުރީ ހަތަރު ބަޔަކަށް ކުށްވެރިން ބަހާފައި ޓެގްގައި ތިބޭބަޔެއް. އިންޑަސްޓްރިއަލް ޖަލެއްގައި މަސައްކަތް ކުރަން ތިބޭ ބަޔެއް. އޯޕަން ޖަލެއްގައި ދަނޑު ހައްދައިގެން އަމިއްލައަށް ދިރިއުޅެމުންދާ ބަޔެއް. ދެން މާފުށީގައި މިހުންނަ އެންމެ ހައި ސެކިއުރިޓީ ޖައިލު،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އޭގެ ތެރެއިން އިންޑަސްޓްރިއަލް ޖަލުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ޖަލު މިހާރުވަނީ ގާތްގަނޑަކަށް 90 ޕަސެންޓް ނިމިފައި ކަމަށެވެ. ތިލަފުށީގައި ހުންނަ އެޖަލު މި މަހު ހުޅުވިގެންދާނެ ކަމަށާއި އެއީ 200 މީހުންގެ ކެޕޭސިީޓީގެ ޖަލަކަށް ހައްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ޖަލުގެ މައިގަނޑު މަސައްކަތަކަށް ވާނީ ގާ އެޅުން، މަގުގައި އެޅުމަށް ބޭނުންކުރާ ގަލާއި ރާނާ ގާ އަޅާނީ އެޖަލުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޖަލުގައި މަސައްކަތް ކުރާ ކުށްވެރިންނަށް މުސާރަދޭއިރު އެޖަލު ހިންގާނީ އެޖަލަށް ލިބޭ ފައިސާއިން ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ދެން އަލަށް ތައްޔާރުކުރާނީ އޯޕަން ޖަލެއް ކަމަށާއި އެއީ މީހުން އަރުވާލާފައި ތިބޭއިރު ތިބޭގޮތަށް ހަދާފައިވާ ޖަލެއް ކަމަށެވެ. އެކަމަށް ހދ. ކަނޑުމައިވާދޫ ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ނިމުމާއި ހިސާބުގައި ހުރިއިރު އެރަށް ހެދުމާއެކު އެރަށުގައި ކުށްވެރިން އުޅޭނީ އަމިއްލައަށް ކައްކައި ދަނޑު ހައްދައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެޖަލަށް ލާނީ ވަރަށް ދުވަސްވީ މީހުންނާއި ވަރަށް އާދައިގެ ކުށްތައް ކޮށްފައިވާ މީހުން،" އުމަރު ވިދާޅުވި އެވެ.
ޑޯގް ސްކޮޑްގެ މަސައްކަތަށް އަލިއަޅުވާލައްވައި މިނިސްޓަރު އުމަރު ވިދާޅުވީ، އެ ސްކޮޑް ގެނައުމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ޔަގީކަން ދީފައިވާ ކަމަށެވެ. އެ ސްކޮޑް ރަނގަޅަށް އެކުލަވައި ލެވުމާއެކު ރާއްޖެ އެތެރެކުރާ މުދާތަކުގެ ވަސް އެ ކުއްތާތައް ބަލާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓުވޭނެ ކަމަށް ވެސް ހޯމް މިނސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ