ބޭހަށާއި މަދިރި ރަޕެލެންޓަށް މަދިރި އާދަވެ، އޭގެ އަސަރު ކެނޑެމުންދާ ކަމަށް އާ ދިރާސައަކުން ދައްކައިފި
މަދިރިން ރައްކާތެރިވުމަށް އުނގުޅާ ބޭހަށާއި އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރާ މަދިރި ރަޕެލެންޓަށް މަދިރި އާދަވެ، އޭގެ އަސަރު ކެނޑެމުންދާކަން ފަހުގެ ދިރާސާއަކުން ދެއްކުމާ އެކު ސިއްހީ މާހިރުންގެ މެދުގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފަހުގެ ދިރާސާއަކުން ހާމަވި ގޮތުގައި، ވަކި ހާލަތްތަކެއްގައި ތަކުރާރުކޮށް މަދިރިން ރައްކާތެރިވުމަށް އުނގުޅާ ބޭހަށް ހުށަހެޅުމުން، އެ ބޭހުން ދުރުވުމުގެ ބަދަލުގައި އެއަށް މަދިރި އާދަވެ، ބައެއް ފަހަރު އެ ބޭހުގެ ވަހަށް މަދިރި ދަމައިގަންނަ ގޮތް ވެއެވެ. މިއީ ދުނިޔޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިއްހީ މާހިރުން ވަނީ ސިފަކުރައްވާފައެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ 'ޑީއީއީޓީ'ގެ ވަހަކީ ކާއެއްޗެއްގެ ވަސް ކަމަށް މަދިރިތައް ދަސްކުރެއެވެ. މީގެ ސަބަބުން ވަގުތު ފާއިތުވަމުންދާ ވަރަކަށް މި ބޭހުގެ ފައިދާ ކުޑަވެގެންދެއެވެ. މަދިރިން ރައްކާތެރި ވުމަށް ނިދާއިރު މަދިރި ގެ ބޭނުންކުރެވިދާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނާގޮތުގައި ޑީއީއީޓީ އަކީ މަދިރިއާއި ސޫފާސޫފި ދުރުކުރުމަށް އިންސާނުންގެ ހަންގަނޑުގައި އުނގުޅުމަށް ތައްޔާރުކޮށްފައިވާ ކެމިކަލެކެވެ. މިއީ މަދިރި މަރާލުމުގެ ބަދަލުގައި، އިންސާނުންގެ ވަސް ދެނެގަތުމަށް މަދިރިއަށް އުނދަގޫކޮށްދޭ އެއްޗެކެވެ. މި ކެމިކަލް ފުރަތަމަ އުފެއްދީ 1946 ވަނަ އަހަރު އެމެރިކާގެ އަސްކަރިއްޔާއިންނެވެ. އަދި 1957 ވަނަ އަހަރުން ފެށިގެން އާންމުން ބޭނުންކުރުމުގެ ހުއްދަ ދެވުނެވެ. ފްރާންސްގެ ޔުނިވަސިޓީ އޮފް ޓުއާސްގެ ދިރާސާވެރިއެއް ކަމަށްވާ ކްލައުޑިއޯ ލައްޒާރީ ވިދާޅުވި ގޮތުގައި، ތަކުރާރުކޮށް މި ބޭހަށް މަދިރި ހުށަހެޅުމުން އޭގެ ފައިދާ ކުޑަވެގެންދެއެވެ. ބައެއް ހާލަތްތަކުގައި، ބޭސް އުނގުޅާތާ ގިނަ އިރުވެ، އޭގެ ބާރު ދެރަވާ ވަގުތު މަދިރި ހަފައިފިނަމަ، އެ ވަހަކީ ކާއެއްޗަކުން ލިބޭ ވަހެއް ކަމަށް މަދިރި ބަލައިގަންނަން ފަށައެވެ. މިއީ މަޝްހޫރު ސައިންސްވެރިޔާ އިވާން ޕެވްލޯވް ކުއްތާ ބޭނުންކޮށްގެން ކުރި ތަޖުރިބާތަކާ އެއްގޮތް ކަމެކެވެ. ވާޖިނިއާ ޓެކްގެ އެސޯސިއޭޓް ޕްރޮފެސަރު ކްލެމެންޓް ވިނޯގާ ފާހަގަކުރެއްވި ގޮތުގައި، ބޭސް އުނގުޅުމަށްފަހު ވަގުތު ފާއިތުވަމުންދާއިރު އޭގެ ކޮންސެންޓްރޭޝަން ނުވަތަ ބާރު ދަށްވެއެވެ. މިފަދަ ވަގުތެއްގައި މަދިރިއަށް ލޭ ބޮވޭގޮތް ވެއްޖެނަމަ، އެ ވަހަކީ "އިނާމެއް" ނުވަތަ ކާއެއްޗަކުން ލިބޭ ވަހެއްގެ ގޮތުގައި މަދިރި ދަސްކުރެއެވެ. ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ މަދިރި އުފެދޭ އަދި މަދިރި އާލާވާ ތަންތަން ނައްތާލުން ހިމެނޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މި ދިރާސާ ކުރިއަށް ގެންދިޔައީ ޑެންގީ، ޒިކާ، އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ 'ޔެލޯ ފީވަ' މަދިރި ބޭނުންކޮށްގެންނެވެ. ދުނިޔޭގައި އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން މީހުން މަދިރީގެ ސަބަބުން މަރުވާއިރު، މިއީ ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ދިރޭ ތަކެތީގެތެރޭ ހިމެނޭ އެއްޗެކެވެ. ދިރާސާގައި މަދިރިތަކަކަށް ޑީއީއީޓީގެ ވަސް ދިނުމަށް ފަހު ކާނާ (ލޭ ނުވަތަ ހަކުރު) ލިބޭނެ ގޮތް ހެދިއެވެ. މިކަން ހަތަރު ފަހަރު ތަކުރާރު ކުރުމުން، 60 ޕަސެންޓަށްވުރެ ގިނަ މަދިރި ހަމައެކަނި ބޭހުގެ ވަސް ދުވުމުންވެސް ކާނާ ހޯދަން މަސައްކަތް ކުރިއެވެ. އަދި އާދައިގެ މަދިރިތައް ބޭސް އުނގުޅާފައިވާ އަތާ ދުރަށް ދިޔައިރު، މި ތަމްރީނު ލިބުނު މަދިރިތައް ބޭސް އުނގުޅާފައިވާ އަތަށް ދަމައިގަތެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަބަބަކީ ޑެންގީ އާއި މެލޭރިއާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެންމެ ގިނައިން ބޭނުން ކުރަނީ މިފަދަ ބޭސްތަކަށް ވާތީއެވެ. އެހެންކަމުން ހަމައެކަނި އުނގުޅާ ބޭހަށް ބަރޯސާވުމުގެ ބަދަލުގައި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ. އެގޮތުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ފެން ހަރުލާފައި ހުންނަ، މަދިރި އާލާވާ ތަންތަން ނައްތާލުން، ނިދާއިރު މަދިރިގެ ބޭނުންކުރުން، ހަށިގަނޑު ބޮޑަށް ނިވާވާ ފަދަ އަތްދިގު ހެދުމާއި ފައިދިގު ސޫޓް ބޭނުންކުރުން، ކުޑަދޮރުތަކުގައި މަދިރި ދާ ޖެހުން އަދި މުޅި މުޖުތަމައު ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. ފަހުގެ މި ހޯދުންތަކުން ހާމަކޮށްދިނީ މަދިރި ކޮންޓްރޯލް ކުރުމުގައި ހަމައެކަނި ކެމިކަލަށް ބަރޯސާވުމުގެ ބަދަލުގައި، ތިމާވެށީގެ ސާފުތާހިރުކަމަށް އިސްކަންދިނުމުގެ މުހިއްމުކަން ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ