ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްއާ ގުޅޭ ކަންބޮޑުވުންތަައް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފ އެވެ.
ރައީސް މައުމޫން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް ޚާއްސަ ގޮތުން 28 ސެޕްޓެމްބަރ 2018 ގައި ބޭއްވި ޤައުމީޖަލްސާ ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ޙާލަތެއްގައި ކަމަށެވެ.
"އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިނުވާނަމަ ދެން ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެންނެވެ. އެހެންނަމަވެސް، ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލްއަކީ އަސާސީ ޤަވާއިދުގެ ދަށުން ސައްޙަ ކައުންސިލްއެއް ނޫނެވެ. ކައުންސިލްގެ ދައުރަކީ 5 އަހަރު ދުވަސްކަން އަސާސީ ޤަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. ވީމާ، އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފައެވެ." ރައީސް މައުމޫންގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މައުމޫން ވިދާޅުވީ ރައީސް ޔާމިން އިސްވެ ހުންނަވައި ބޭއްވި ޤައުމީ ޖަލްސާއަކީ ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް އިން 2013ގައި ބޭއްވި ޤައުމީ ޖަލްސާ އިން އިންތިޚާބުކޮށްފައިވާ އިންތިޚާބީ ކޮމިޓީގެ އެއްވެސް ބައިވެރިވުމެއްނެތި ކުރިއަށްގެންދިޔަ ޤައުމީ ޖަލްސާއެއް ކަމަށާއި , ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ޕާޓީ އެތެރޭގައި ބާއްވާ އެންމެހާ އިންތިހާބުތައް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބު ކޮމިޓީން ކަމަށް ބުނެފައިވެއެވެ.
އަދި ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން އާންމު ގޮފިތަކާއި، ޕާޓީގެ އެހެނިހެން ގުނަވަންތަކާއި، އާންމު މެންބަރުންގެ ފަރާތުން ޤައުމީ ޖަލްސާ ގައި ބަހުސް ކުރުމަށް ހުށަހަޅާ ހުށަހެޅުންތަށް ޖަލްސާގައި އެޖެންޑާ ކުރުމަށް ކައުންސިލްއަށް ފޮނުވުމާއި، ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާ ބެހޭ ޤަވާއިދުގެ 2 ވަނަ މާއްދާގައިވާގޮތުން މަޤާމުތަކަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަކީ އިންތިޚާބު ކޮމިޓީގެ ބެލުމުގެދަށުން ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާއިރު މިފަދަ އެއްވެސް ކަމެއްގައި އިންތިހާބު ކޮމިޓީ މެމްބަރުން ބައިވެރިކޮށްފައިނުވާތީ، ކުރިއަށްދިޔަ ޤައުމީ ޖަލްސާ އަދި ޖަލްސާގައި މަގާމު ތަކަށް އިންތިހާބު ކުރާ މީހުންގެ ސައްޚަ ކަމެއް ނޯންނާނެ ކަމުގައި ދޭކޭ ކަމަށްވެސް އެސިޓީގައިވެއެވެ.
މައުމޫން ވިދާޅުވީ އެ ޖަލްސާގައި ޕާޓިގެ ގިނަމަގާމް ތަކަކަށް އެތައް ބަޔަކު އިންތިޚާބް ވެގެން ދިޔައިރު މިފަދައިން ތިޚާބެއް އޮންނާނެ ކަމެއް ކުރިން އިޢުލާން ކުރެވިފައި ނުވުމާ އެކު މުހިންމު މަޤާމު ތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތުގެއްލި މަޤާމުލިބުމުގެ ފުރުސަތު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށްވަނީ ގެއްލިފައެވެ. މިއީ ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެންބަރުންގެ ހައްޤުތައް ގެއްލިގެން ގޮސް އެމެންބަރުންނަށް ލިބުނު ވަރަށްބޮޑު ނިކަމެތި ކަމެއް ކަމަށް ރައީސް މައުމޫންގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި ނިންމާފައިވާ ކަންތައްތައް ބަލައިގަތުމުގެ ކުރިން އެމަނިކުފާނު ފާހަގަކުރެެއްވި ކަންތައްތަކަށް ރިއާޔަތްކޮށްދެއްވުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
ޕީޕީއެމް ކޮންގްރެސް އާ ގުޅޭ މައްސަލަތައް މައުމޫން އީސީއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ