ޑޮލަރު މައްސަލަ ހައްލުކުރަން އެހެން ބޭންކުތަކުގެ ހިއްސާ ކޮބާ؟

ރާއްޖޭގައި މިހާރު އެންމެ ބޮޑަށް އޮތީ ބޭރު ފައިސާ ނުވަތަ ޑޮލަރުގެ ތާށިކަމެވެ. ހާއްސަކޮށް ރާއްޖޭގެ މައި ބޭންކް، ބީއެމްއެލް އިން ކަނޑައަޅާފައިވާ ޑޮލަރު ލިމިޓްތަކާއި ފީތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ބޭންކަށް ވަނީ އަމާޒުވެފަ އެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެ މައްސަލަ އިތުރަށް ގޯސްވުމުގައި ރާއްޖޭގެ މާލީ ދާއިރާގައި ހުރި މައްސަލަތައް ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، އާންމުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކުން އެކަށީގެންވާ ޒިންމާއެއް ނުއުފުލައި މުޅި ނިޒާމުގެ ބުރަ ހަމައެކަނި ބީއެމްއެލްގެ ބޮލުގައި އެޅިފައި އޮތުމެވެ.
ވޭތުވެދިޔަ އަހަރު ބީއެމްއެލް އިން ވަނީ ކާޑުތަކުގެ ލިމިޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން މަހެއްގެ މައްޗަށް އޮތް 250 ޑޮލަރުގެ ޖުމްލަ ލިމިޓާ އަޅާބަލާއިރު ރުފިޔާ އެކައުންޓްތަކުން ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން މުއާމަލާތްކުރަން ބޮޑެތި ލިމިޓްތަކެއް ދިނެވެ. 
ރާއްޖޭގެ ބޭރު ފައިސާގެ ޑިމާންޑުގެ އެންމެ ބޮޑު ބައެއް ފޫބައްދަމުންދަނީ ބީއެމްއެލްއިންނެވެ. މާލީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރަކު 'ދައުރު' އަށް މިއަދު ވިދާޅުވީ، މިއީ އެއްގޮތަކަށް ވެސް އިންސާފުވެރި އަދި ދެމެހެއްޓެނިވި ގޮތަކަށް ހިނގާ ނިޒާމެއް ނޫން ކަމަށެވެ.
"އެހެން ބޭންކުތަކަށް މުސާރަ ޖަމާވާ މީހުންނާއި، އަދި އެ ބޭންކުތަކުގައި ޑޮލަރު އެކައުންޓް ގެންގުޅޭ މީހުން ވެސް ބީއެމްއެލްގައި ދިވެހި ރުފިޔާ އެކައުންޓެއް މި ހުޅުވަނީ ހަމައެކަނި ބޭރުގެ މުއާމަލާތްތައް ކުރުމަށް ބޭނުންވާ ޑޮލަރު ލިމިޓް ހޯދުމުގެ ބޭނުމުގައި. ބީއެމްއެލްއަށް ބޭރު ފައިސާގެ އެއްވެސް އާމްދަނީއެއް ނުލިބޭ ކަސްޓަމަރުންނަށް ވެސް، އެ ބޭންކުގެ ދާއިމީ ކަސްޓަމަރުންނާ އެއްވަރަކަށް ޑޮލަރުގެ ހިދުމަތްތައް ދޭންޖެހުމަކީ ބޭންކަށް އޮތް ވަރަށް ބޮޑު ބުރައެއް،" އޭނާ ވިދާޅުވި އެވެ.
އިތުރުވަމުންދާ ޑިމާންޑާއެކު، ބީއެމްއެލްއިން ވިއްކާ ޑޮލަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު:
މިއަހަރުގެ ފުރަތަމަ 5 މަސް: 345 މިލިއަން ޑޮލަރު 
ކާޑު މުއާމަލާތްތަކަށް: 198 މިލިއަން ޑޮލަރު
ވިޔަފާރިތަކަށް ދޫކުރި: 147 މިލިއަން ޑޮލަރު
މަހެއްގެ މައްޗަށް އެވްރެޖްކޮށް: 69 މިލިއަން ޑޮލަރު
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %47ގެ އިތުރުވުމެކެވެ. 
ބީއެމްއެލް އިން އެންމެ ބޮޑު ބުރައެއް އުފުލަންޖެހޭ މައިގަނޑު ސަބަބަކީ ރާއްޖޭގެ ގައުމީ ބޭންކަށް ވެފައި، އެންމެ ގިނަ އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތަކަށް ހިދުމަތްދޭ މުއައްސަސާއަށް އެ ބޭންކް ވާތީ އެވެ.
ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކުތަކާއި އަމިއްލަ ބޭންކުތަކުގެ އަމާޒު ބޮޑަށް ހުރީ ކޯޕަރޭޓް ކަސްޓަމަރުންނާއި ވަކި ހާއްސަ ބޮޑެތި ވިޔަފާރިތަކަށެވެ. މީގެ ސަބަބުން ކިޔަވާ ކުދިންނަށް ފައިސާ ފޮނުވުމާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމުގެ އިޖުތިމާއީ ޒިންމާ އެކީގައިހެން އޮންނަނީ ބީއެމްއެލްގެ ކޮނޑުގަ އެވެ.
މިކަމާ ގުޅޭގޮތުން މާލީ ދާއިރާގެ ތަޖުރިބާކާރު އިތުރަށް ވިދާޅުވީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ދައުރު މިއަށްވުރެ ފުޅާކޮށްގެން ކަމަށެވެ.
"ބޭރު ފައިސާގެ ބާޒާރު ހަމަޖެއްސުމަށްޓަކައި ހުރިހާ ބޭންކުތަކަކުން ވެސް އެކަށީގެންވާ މިންވަރަކަށް މި ޒިންމާ އުފުލަންޖެހޭ. މަރުކަޒީ ބޭންކުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެސް، ހުރިހާ ބޭންކުތަކަކުން ވެސް އާންމުންނަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ހަރަކާތްތެރި ދައުރެއް އަދާކުރަން މަޖުބޫރުވާފަދަ އުސޫލުތަކެއް އެކަށައަޅަން އެބަޖެހޭ. އޭރުން މުޅި މާލީ ނިޒާމަށްވެސް އޭގެ ލުއިކަން ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލައަކީ މުޅި ރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ ކަމަކަށް ވާއިރު، މިއީ ހަމައެކަނި އެއް ބޭންކަކުން ހައްލުކުރެވޭނެ ވަރަށްވުރެ ބޮޑު މައްސަލައެކެވެ. އެހެންކަމުން، ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކުތަކުން ވެސް މިކަމުގައި އެ ބޭންކުތަކުގެ ހިއްސާ އިތުރުކުރަން މި ވަނީ ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ