ކާށިދޫ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ރައްކާތެރިކަމެއް ނެތި ކެމިކަލް ބޭނުންކުރާތީ ކައުންސިލުން އިންޒާރުދީފި

ކ. ކާށިދޫގެ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކާ ކައިރި ދަނޑުބިންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި ވިނަ ނައްތާލުމަށް ކެމިކަލް ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ރަށު ކައުންސިލުން ދީފިއެވެ.
ކާށިދޫ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ވިނަ ނައްތާލުމަށް ކެމިކަލް ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންގެ ސިއްހަތަށް ނުރައްކާވެދާނެތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގައި މަސައްކަތްކުރާ ބިދޭސީން، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި ކެމިކަލް ބޭނުންކުރަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ތަކެތި ބޭނުންކުރުމުގައި ރައްކާތެރި ގޮތްތައް ބޭނުންކުރުމަށް ބާރުއެޅުމަކީ އެ މީހުން ގެންގުޅޭ ފަރާތްތަކުގެ ނުވަތަ ކާފިލުންގެ ޒިންމާއެއް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
މިފަދަ ކެމިކަލްތަކުގެ ސަބަބުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ސިއްހީ އެކި މައްސަލަތައް ހުންނަ ފަރާތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެކަން ފާހަގަކޮށް، ރައްކާތެރިކަމެއް ނެތި ކެމިކަލް ޖެހުން ހުއްޓާލުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ދަނޑުބިންތަކާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ވަރުގަދަ ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ