މިރޭ ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖެއިން ބެލޭ "ހިލޭ ޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރެއްކުރީ ހިލޭ ޓީވީ ވެބްސައިޓަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭނެހެން ހެދުމަށް ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ރިއާޔަތްކޮށް، އަދި މަދަނީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ކޭމްގެ މައްޗަށެވެ.
މި ވަގުތީ އަމުރު ސިވިލް ކޯޓުން ނެރުނީ މީޑިއާނެޓުން ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ރައިޓްސް ފީފާއިން ހޯދައި، އަދި ސަބްލައިސަންސްގެ ދަށުން ޕީއެސްއެމަށް ނޮން-ކޮމާޝަލް އެންޓިޓީތަކަށް ވޯލްޑް ކަޕްގެ މެޗުތައް ފޯރުކޮށްދިނުމުގެ ހުއްދަ ދީފައިވަނިކޮށް، ހިލޭ ޓީވީން މެޗުތައް ދެއްކުމުގެ ލައިސަންސް ނެތި މެޗުތައް ދައްކަން އުޅޭ ކަމަށް ބުނެ އެވެ.
މީޑިއާނެޓުން ބުނީ ހިލޭ ޓީވީން ވޯލްޑް ކަޕްގެ މެޗުތައް ދައްކައިފިނަމަ މީޑިއާނެޓުގެ މަސްލަހަތަށް އަދި އާންމުންގެ މަސްލަހަތަށް އިއާދަކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށާއި ހިލޭ ޓީވީން މީޑިއާނެޓުގެ ޗެނަލްތަކުގެ ފީޑުތައް ނަގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ހިލޭ ޓީވީން މެޗުތައް ދައްކަމުންދަނީ އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކެއްގެ ލިންކް އެއްތަނަކަށް އެއްކޮށްގެން ހިލޭ ޓީވީގެ ވެބްސައިޓް މެދުވެރިކޮށް ކަމަށް މީޑިއާނެޓުން ބުނެ އެވެ.
މީޑިއާނެޓުން ބުނީ އެ ވެބްސައިޓު އޮޕަރޭޓަރުން ތައްޔާރުކޮށްފައިވާ ސްޓްރީމިއޯ އެޑްއޮންއެއް މެދުވެރިކޮށް، އިންޓަނެޓް މެދުވެރިކޮށް، އަދި "ސަޕޯޓް" ޗެނަލެއް ޓެލެގްރާމްގައި ހިންގާ ކަމަށެވެ. އޭގެއިތުރުން ހިލޭ ޓީވީން ކުރިން ހިންގި މައި ޓެލެގްރާމް ޗެނަލް ޑީއެކްޓިވޭޓްކުރީ ކޮޕީރައިޓަށް އަރައިގަންނަމުންދިޔުމާ ގުޅިގެން ކަމަށްވެސް އެ މީޑިއާނެޓުން ބުންޏެވެ.
މި މައްސަލަ ސިވިލް ކޯޓުން ބަލަމުންދާއިރު، ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ވަގުތީ އަމުރު ނެރުނީ މައްސަލަ ނިމެންދެންނެވެ. އެ އަމުރު ނެރުމާމެދު ކޮމިއުނިކޭޝަން އޮތޯރިޓީން އިއުތިރާޒެއް ނުކުރެ އެވެ.
"ހިލޭ ޓީވީ" ވެބްސައިޓަށް ނުވަދެވޭގޮތް ހަދަން ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ