އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

ރާއްޖޭގައި ހިމަބިހި ޖެހޭ މިންވަރު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، އެ ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލާސުބްރަމާނިއަން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. 11 ޖޫން 2026: އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހި ވެކްސިން ހަދިޔާކުރުން -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ މި އެހީއަކީ ރާއްޖޭގައި ވެކްސިން ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ޓަކައި އިންޑިއާއިން ފޯރުކޮށްދިން މުހިންމު އެހީއެއްކަމަށް އެ ގައުމުން ބުނެއެވެ. މިކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަނޑިވަޅުގައި ފޯރުކޮށްދެވުނު އެހީގެ ސަބަބުން ހިމަބިހި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ވިޝަންގެ ދަށުން ރާއްޖެއަށް އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. 11 ޖޫން 2026: އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހި ވެކްސިން ހަދިޔާކުރުން -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ އިންޑިއާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް އެ ގައުމުން ވަނީ ދީފައެވެ. ރާއްޖެއާއި އިންޑިއާއަކީ ސިއްހީ ދާއިރާގައި ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. މީގެ ކުރިން ވެސް ބޭހާއި، ވެކްސިނާއި، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ އިތުރުން، ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް އިންޑިއާއިން ވަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. ޚާއްސަކޮށް ކޮވިޑު19 ހާލަތުގައި ވެސް އެންމެ ފުރަތަމަ ހިލޭ، ގިނަ އަދަދެއްގެ ވެކްސިން ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދިނެވެ. މި ފަދަ އެހީތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ