އެމްޑީޕީއަށް އަދިވެސް މާލޭގެ މަގުތައް ފުރާލެވޭކަން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މާދަމާ ބާއްވަން ހަމަޖެހިފައިވާއިރު، ރައީސް ނަޝީދުގެ ”ބޮޑު ބަދަލު“ ކެމްޕެއިން ނިންމާލުމުގެ ގޮތުގައި މިރޭ މާލޭގައި ދަނީ ޕެރޭޑެއް ކުރިއަށް ގެންދަމުންނެވެ. ރަަސްފައްނުން ފެށުނު އެ ޕެރޭޑުގައި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ބައިވެރިވަމުންނެވެ.
އެ ޕެރޭޑުގައި ”ސަންގު“އާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ފާހަގަކުރެއްވީ، އެމްޑީޕީން އާންމު ގޮތެއްގައި ވެސް ކެމްޕެއިންތައް ނިންމާލަނީ ބޮޑު ހިނގާލުމަކުން ކަމެވެ. އަދި އެމްޑީޕީއަށް އަނެއްކާ ވެސް މާލޭގެ މަގުތައް ފުރާލެވޭކަން އެއީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.
”ވަަރަށް ބޮޑު ހިތްހަމަޖެހުުމެއް، އެމްޑީޕީ އަނެއްކާ ވެސް އަލުން އަނބުރާ ރާއްޖޭގެ މަގުތައް، މާލޭގެ މަގުތައް ވެސް ފުރާލެވޭކަން އެއީ ވަރަށް ބޮޑު ރަނގަޅެއް ވަރަށް ބޮޑު ހިތްހަމަޖެހުމެއް،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންނަށް އަދި ޕާޓީގެ މެމްބަރުންނަށް ވެސް ރަށުގެ ޖޯޝު ހުރި ގޮތް ފެންނަ ކަމަށާއި އެގޮތަކާ ދިމާލަށް ވޯޓު ދިޔުން އެއީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، މާދަމާގެ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކުރެވޭނެ ކަމީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށް ތަކުރާރުކުރެއްވިއެވެ.
ނަޝީދު ވަނީ މާދަމާ ޕާޓީގެ ހުރިހާ މެމްބަރުން ވެސް ނުކުމެ ޝައުގާއެކު ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެމްޑީޕީ ނޫން ރައްޔިތުން ވެސް އަދި ޕާޓީގެ ސަޕޯޓަރުން ވެސް އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެ މީހަކު ދަންނަ އެމްޑީޕީގެ މެމްބަރުނަށް ބާރުއަޅުއްވަން އެދިވަޑައިގަތެވެ.
އިންތިހާބު ކާމިޔާބުވެއްޖެނަމަ އެންމެ ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ ކޮބާތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ވެސް އަދާކުރައްވާނީ ޝުކުރު ކަމަށާއި، އެއަށް ފަހު ޕާޓީގެ މަސައްކަތްތަކައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރު ފަހު 14:30 އިން ފެށިގެން 20:30 އަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑީޕީއަށް އަނެއްކާވެސް މާލޭގެ މަގުތައް ފުރާލެވޭކަން އެއީ ބޮޑު ރަނގަޅެއް، ބޮޑު ހިތްހަމަޖެހުމެއް: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ