"ހިލޭ ޓީވީ" ވެބްސައިޓަށް ނުވަދެވޭގޮތް ހަދަން ކޯޓުން އަމުރުކޮށްފި

މިރޭ ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖެއިން ބެލޭ "ހިލޭ ޓީވީ" ވެބްސައިޓަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭ ގޮތް ހަދަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ސިވިލް ކޯޓުން މި އަމުރު ނެރުނީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، މީޑިއާނެޓުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މީޑިއާނެޓުން ބުނެފައިވަނީ ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ރައިޓްސް ފީފާއިން އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި، އަދި ސަބްލައިސަންސްގެ ދަށުން ޕީއެސްއެމަށް މެޗުތައް ފޯރުކޮށްދިނުމުގެ ހުއްދަ ދީފައިވަނިކޮށް، ހިލޭ ޓީވީން އެއްވެސް ލައިސަންސެއް ނެތި މެޗުތައް ދައްކަން އުޅޭ ކަމަށެވެ.
މީޑިއާނެޓުން ކޯޓުގައި ބުނެފައިވަނީ ހިލޭ ޓީވީން ވޯލްޑް ކަޕްގެ މެޗުތައް ދައްކައިފިނަމަ އެ ކުންފުނީގެ މަސްލަހަތަށާއި އާންމުންގެ މަސްލަހަތަށް އިއާދަކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި ހިލޭ ޓީވީން މީޑިއާނެޓުގެ ޗެނަލްތަކުގެ ފީޑުތައް ނަގަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ކުންފުންޏާ ހަވާލާދީ ބުނެފައިވެ އެވެ.
މީޑިއާނެޓުން ތުހުމަތުކުރާ ގޮތުގައި ހިލޭ ޓީވީން މެޗުތައް ދައްކަމުންދަނީ އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކެއްގެ ލިންކް އެއްތަނަކަށް އެއްކޮށްގެންނެވެ. މިގޮތުން ސްޓްރީމިއޯ އެޑްއޮންއެއް މެދުވެރިކޮށް އިންޓަނެޓުންނާއި، ޓެލެގްރާމްގައި ހިންގާ "ސަޕޯޓް" ޗެނަލެއް މެދުވެރިކޮށް މި ހިދުމަތް ދެމުންދާ ކަމަށް މީޑިއާނެޓުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، ހިލޭ ޓީވީން ކުރިން ހިންގި މައި ޓެލެގްރާމް ޗެނަލް ޑީއެކްޓިވޭޓްކުރީ ވެސް ކޮޕީރައިޓަށް އަރައިގަންނަމުންދިޔުމާ ގުޅިގެން ކަމަށް މީޑިއާނެޓުން ބުނެ އެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލަމުންދާއިރު، ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ވަގުތީ އަމުރު ނެރުނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ