އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕް މި އިންޒާރު ދެއްވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޓްރަމްޕް ވިދާޅުވީ އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، ރާޑަރު ސިސްޓަމްތަކާއި، އެންޓި-އެއަރކްރާފްޓް ވަސީލަތްތަކުގެ އިތުރުން ދިފާއީ ހުރިހާ ނިޒާމެއް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އަދި އީރާނުގެ ހަމަލާދިނުމުގެ ގާބިލުކަން ވެސް ގާތްގަނޑަކަށް ނެތިގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެމެރިކާއިން މިރޭ އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ،" ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، މާލަސްތަކެއް ނުވެ އީރާނުގެ 'ޚާރްޖް އައިލެންޑް' އާއި ތެލުގެ އިންފްރާސްޓްރަކްޗަރ ހުރި އެހެން ތަންތަން އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނުގެ ތެލާއި ގޭހުގެ މާކެޓް އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށެވެ. މިއީ ވެނެޒުއޭލާއަށް ވެސް ހެދި ގޮތް ކަމަށާއި، އެކަމުގެ ސަބަބުން ވެނެޒުއޭލާއަށާއި އެމެރިކާއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރަމުންދާ ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޚާރްޖް އައިލެންޑަކީ އީރާނުގެ އައްސޭރިފަށުގައި އޮންނަ، އެ ގައުމުގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓް ކުރާ ޓާމިނަލް ހުންނަ ރަށެވެ. މި ހަމަނުޖެހުންތައް ފެށުނީއްސުރެ ޓްރަމްޕް ގެންދަވަނީ އެ ރަށް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މިރޭ އީރާނަށް ވަރުގަދަ ހަމަލާތަކެއްދީ ވެނެޒުއޭލާއަށް ހެދިހެން ހަދާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ