މަރާމާތުގެ މަސައްކަތްތަކަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މާދަމާ އާންމުންނަށް ހުޅުވާލުމަށް ހަމެޖެހިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަރާމަތުގެ މަސައްކަތް ކުރުމަށް ރަސްފަންނު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިދިޔަ އެޕްރީލްމަހުގެ ތެރޭގައެވެ.
އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވަނީ ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް ތަރައްޤީކުރުން، އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެމްޓީސީސީން މީގެ ކުރިން ވަނީ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލާފައެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީއާ ވަނީ އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ބައްލަވާލައްވައިފިއެވެ. ވަޒީރުގެ އަރިހުގައި އެމް.ޓީ.ސީ.ސީގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއި، މޫދަށް އެރޭ ސަރަޙައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މަރާމާތަށްފަހު މާދަމާ ހެނދުނުން ފެށިގެން ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބޭނުންކުރެވޭނެކަމަށެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހަ މާހައުލެއް ޤާއުއިމްކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.
އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މާދަމާ ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ