އެމްޑީޕީގެ ނިންމުން ބަދަލު ކުރެވޭތޯ ގާސިމް، ރައީސް އާއި މަޝްވަރާ ކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް އެމްޑީޕީ އިން ކުރިމަތިލުމަށް ނިންމި ނިންމުން ބަދަލު ކުރެވޭތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރައްވާ، މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ބޭއްވެވި މިބައްދަލުވުމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ދެއްވާފައެއް ނުވެއެވެ. ނަމަވެސް ބައްދަލުވުމަށް ފަހު ގާސިމް ވަނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ދެއްވާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.
ކޯލިޝަންގެ ލީޑަރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓެވެ.
އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.
އެމްޑީޕީ އިން 87 ދާއިރާގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައި ވާއިރު އަދާލަތު ޕާޓީ އިން ވެސް ވަނީ 13 ދާއިރާއަކަށް ވާދަކުރާނެކަން އިއުލާން ކޮށްފައެވެ. ނަމަވެސް ޖޭޕީ އާއި އެމްއާރްއެމް އިން ވާދަކުރާނެ ދާއިރާތައް އަދި އިއުލާނެއް ނުކުރެއެވެ.
އެމްޑީޕީގެ ނިންމުމުގެ ސަބަބުން ކޯލިޝަންގެ ކުރިމަގާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ