މެމްބަރު ޣަފޫރު މިފަހަރު ކުރިމަތިލައްވަނީ ހަނިމާދޫ ދާއިރާއަށް

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
މިދިޔަ ދެ ޓާމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރުކަން ކުރެއްވި ޣަފޫރު މިއަދު ވިދާޅުވީ، އަންނަ އަހަރުގެ މާޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރިމަތިލައްވާ ދާއިރާ ބަދަލުކުރަން ނިންމެވީ ކުޅުދުއްފުށި މީހަކަށް، ކުރީގެ ދާއިރާއިން ފުރުސަތު ދެއްވުމަށް ކަމަށެވެ.
"ކުޅުދުއްފުށި އުތުރުގެ ބޭފުޅަކަށް މަޖިލިހުން ފުރުސަތު ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސިފައިންގޭގައި 21 އަހަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރުގެ އުފަން ރަށަކީ ހަނިމާދޫ ދާއިރާގައި ހިމެނޭ ފިނޭ އެވެ. ހަނިމާދޫ ދާއިރާ އަށް މި ފަހަރު އޭނާ ވާދަކުރައްވާ ސަބަބަކީ ވެސް އެއީ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތްގުޅުމެއް އޮންނަ ޣަފޫރަކީ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ