ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ފެޑަރޭޝަނަކަށް ވުމުގެ ތެރެއިން އުފައްދާ ރީޖަނަލް އެސޯސިއޭޝަންތައް ހިންގުމަށް ދާނެ ޚަރަދު، ފީފާއިން ދޭ ބަޖެޓުންނާއި، ސަރުކާރުން ދޭ ބަޖެޓްގެ ތެރެއިން މެނޭޖް ކުރެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ ކުރިއަށްދިޔަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ އެސޯސިއޭޝަނުގެ މެމްބަރު ކުލަބްތަކުން ވަނީ ރީޖަނަލް އެސޯސިއޭޝަންތައް ހެދުމަށް ފާސްކޮށްފައެވެ. އެހެންވެ، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ރީޖަނަލް އެސޯސިއޭޝަން ހެދުމުގެ ފުރުސަތު އެފްއޭއެމް އަށް މި ވަނީ ފަހިވެފައެވެ.
އެފްއޭއެމުން ސަރަހައްދީ އެސޯސިއޭޝަންތައް ހަދާނީ، މިހާރު ވެސް ފުޓުބޯޅަ މުބާރާތްތައް ހަތަރު ސަރަހައްދައް ބަހާލައިގެން ކުރިއަށްގެންދާ ފޯމެޓަށެވެ.
އެއީ ނޯތު ރީޖަންގެ ހަތް އަތޮޅު ކަމަށްވާ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ.
ސެންޓްރަލް ރީޖަންގައި ހިމެނޭނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަަތޮޅެވެ.
ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ އަތޮޅު ހިމެނެ އެވެ.
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށްފަހު "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތާރިގް ވިދާޅުވީ، އެފްއޭއެމްގެ މައިގަނޑު ބަޖެޓް ލިބެނީ ފީފާއިން ކަމަށެވެ. ފީފާގެ އިތުރުން ދިވެހި ސަރުކާރާ، އޭއެފްސީ އަދި ސްޕޮންސަރުންގެ ފަރާތުންވެސް އެފްއޭއެމް އަށް ބަޖެޓް ލިބޭ ކަމަށް ތާރިގް ވިދާޅުވިއެވެ.
ތާރިގް ވިދާޅުވީ، އެފްއޭއެމް އަށް ލިބެމުންދާ ބަޖެޓުގެ އިތުރުން ރީޖަނަލް އެސޯސިއޭޝަން ހިންގުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެގޮތުން ރީޖަނަލް އެސޯސިއޭޝަނުގެ މައި އޮފީސް އިމާރާތް ހެދުމަށް ކަނޑައަޅާ ރަށް ރަށުން ފުރަތަމަ ދުވަސްވަރު، ހިލޭ ބިން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ތާރިގް ވިދާޅުވިއެވެ. މީގެ އިތުރުން، ރީޖަނަލް އެސޯސިއޭޝަންތަކުގެ ޖެނެރަލް ސެކްޓްރީގެ މުސާރަ ސަރުކާރުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ތާރިގް ވިދާޅުވި އެވެ.
"އެފްއޭއެމް އަށް ލިބޭ މައިގަނޑު ބަޖެޓް ޑިޕެންޑް (ބަރޯސާ) ވަނީ ފީފާގެ ފަރާތުން، ދެން އޭގެ އިތުރުން އޭއެފްސީއާ ދިވެހި ސަރުކާރުގެ ފަރާތުންނާއި އަޅުގަނޑުމެން ކުރާ މަސައްކަތުން މުބާރާތްތަކުގެ ސްޕޮންސަރުގެ ގޮތުންނާއި އެކި ގޮތްގޮތުން ފައިސާގެ އެހީތެރިކަން ލިބޭ، ނުވަތަ ސްޕޮންސަރގެ ގޮތުގައި ފައިސާ އެބަ ލިބޭ. އަޅުގަނޑުމެންނަށް ލިބޭ ފައިސާ ބަޖެޓްކޮށްގެން އަޅުގަނޑުމެން އެ އެސޯސިއޭޝަންތަކަށް (ރީޖަނަލް އެސޯސިއޭޝަން) އެހީތެރިވާނަން. ހާއްސަކޮށް ފީފާގެ ވަރަށް ބޮޑަށް އެދޭ ކަމެއް ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް. އަދި ދިވެހި ސަރުކާރުން އެ ގާނޫނަށް (ކުޅިވަރުގެ ގާނޫން) ބަދަލު ގެނަސްފައި އެ އޮތީވެސް ކުޅިވަރު ލާމަރުކަޒު ކުރަން. އަޅުގަނޑު އުންމީދު ކުރަނީ އެ އެސޯސިއޭޝަންތައް އުފެދުނީމަ ސަރުކާރުން އެސޯސިއޭޝަންތަކުގެ ޖެނެރަލް ސެކްޓްރީގެ މުސާރައާ، މި ކަންކަމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް." ތާރިގް ވިދާޅުވިއެވެ.
މީގެ އިތުރުން ތާރިގް ވިދާޅުވީ ރީޖަނަލް އެސޯސިއޭޝަންތައް އުފެދިގެންދާއިރު، ރީޖަނަލް އެސޯސިއޭޝަންތަކުން ރީޖަނަލް މުބާރާތްތައް ކުރިއަށް ގެންދެވޭނެ ވަރަށް ދާންދެން ފުޓުބޯޅަ އެސޯސިއޭޝަނުން ރީޖަނަލް އެސޯސިއޭޝަންތަކަށް ފައިސާގެ ގޮތުންނާއި ޓެކްނިކަލް ގޮތުން އަދި މީހުން ތަމްރީނު ކުރުމުގައި އެހީތެރިވަމުން ދާނެ ކަމަށެވެ. އަދި އޭގެ ފަހުން ރީޖަނަލް އެސޯސިއޭޝަންތަކަށް އަމިއްލަ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރީޖަނަލް އެސޯސިއޭޝަން ހިންގުމުގެ ޚަރަދުތައް މެނޭޖް ކުރެވޭނެ: ތާރިޤް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ