"މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން"

މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށާއި، މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަޤާފަތް ނެގެހެއްޓިގެން ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ.
"މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށާއި، އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ލޯތްބާއެކު ތަހުނިޔާ ދަންނަވަން. މި މުނާސަބަތު ފާހަގަކުރެވޭއިރު އިހުސާސްވާ އެންމެ ބޮޑު އެއް އުފަލަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ، މިނިވަންކަން ހިމާޔަތްކުރެއްވުމާއި ގައުމިއްޔަތު އާލާކޮށް ދެމެހެއްޓުމުގެ ވައުދަކާއެކު އިންތިޚާބުވެ ވަޑަގަތް ރައީސަކުކަމުގައި ވާކަން. މިއިން ކަށަވަރުކޮށްދެނީ، މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި އޭގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމުގައި އެންމެ އިސްކަމެއް ދެނީ މި ސަރުކާރުންކަން." ވަޒީރު ހީނާ ވިދާޅުވިއެވެ.
ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ އެ ބައެއްގެ ކިބައިގައި ހުންނަ ވަކި ޚާއްޞަ ސިފަތަކަކަށް ދުނިޔެ އިޢުތިރާފުވުން ކަމަށެވެ. އަދި ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށެވެ.
ޖުލައި ސައްބީހުގެ މުނާސަބަތަށް 60 އަހަރު ފުރުނު ނަމަވެސް، ދިވެހި މިނިވަންކަމަކީ ހާސް އަހަރުން ގުނޭ ދިގު ތާރީޚެއް އޮތް ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށެވެ. އަދި މާޒީގެ ހިތްދަތި ތަޖުރިބާތަކާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުމަކީ މިނިވަންކަން ދެމިއޮތުމުގެ ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހި މިނިވަންކަމަށް ބުރޫއެރި ތާރީޚީ ހާދިސާތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަލިރަސްގެފާނު މައިދާނަށް ދޫކޮށްލުމާއި، ޙަސަންތާޖުއްދީނުގެ ދެ ދަރިކަލުންގެ ޚިޔާނާތާއި، ހިމާޔަތުގެ އެގްރިމެންޓްތަކުގައި ސޮއިކުރަން ޖެހުނު ސަބަބުތައް ހިމެނެއެވެ. ވަޒީރު ވިދާޅުވީ މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކު އޭގެ ފަހަތުގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީޚުން ކަށަވަރުވާ ކަމަށެވެ. އެހެންކަމުން، ގައުމީ މިނިވަންކަން ނެގެހެއްޓުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ.
މަރްޙޫމް އިބްރާހީމް ޝިހާބުގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި، ވަޒީރު ވިދާޅުވީ މިނިވަންކަން ދެމިއޮންނާނީ އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައިގެން ކަމަށެވެ. އަދި ގައުމުގެ ނަމުގައި ގޮވައިލެވޭ ހިނދު ލޯތްބާއެކު ސާފު ހިތަކުން އިޖާބަދިނުމަށާއި، ދެބަސްވާ ފިކުރުގެ ތެރެއިން ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. ދިވެހިވަންތަކަމަކީ އެންމެން ގުޅުވައިދޭ ވާފަށް ކަމަށާއި އެއީ އެންމެ ބޮޑު ގައުމީ އިއުތިރާފު ކަމަށްވެސް ވިދާޅުވިއެވެ.
"ދިވެހިވަންތަކަމަކީ އަޅުގަނޑުމެން އެންމެން ގުޅުވައިދޭ ވާފަށް. އަޅުގަނޑުމެންގެ ތެރޭގައި ޚިލާފެއް ނެތް އަސާސް. އަޅުގަނޑުމެން އެންމެން ގައުމީގޮތުންވާ އެންމެ ބޮޑު އިއުތިރާފް. ޖަމާއަތެއް ގައުމީ ސިފަތަކުން ބައްޓަންވެ، ހަމަ ހިފެހެއްޓެނީ މި ގަބޫލުކުރުމާއި އިއުތިރާފުގެ ސަބަބުން. ދިވެހިވަންތަކަން ކުރިއެރުމުގެ ސިޔާސަތެއްތަންފީޒުކުރަން ޖެހިފައިވަނީ މިކަންކަން އަށަގަންނުވައި މި އަސާސްތަކުގެ އަގުމަތިވެރިކޮށް ނެގެހެއްޓުމަށް މިގައުމުގެ އަދުގެ ހާލަތު ގޮވާލާތީ. ހިތްވަރެއް ނެރެ މުލައްދަނޑިއަށް ބާރެއް ލެވޭނީ ހިތުގައި އަޒުމެއް އޮވެގެން." ވަޒީރު ހީނާ ވިދާޅުވިއެވެ.
ދިވެހިވަންތަކަން ކުރިއެރުވުމުގެ ސިޔާސަތެއް ތަންފީޒުކުރަން ޖެހިފައިވަނީ ގައުމުގެ އަދުގެ ހާލަތު އެކަމަށް ގޮވާލާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސިޔާސަތުގެ މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ގައުމާ މެދު އަޒުމާއި ހަގީގަތް އަށަގަންނުވައި އެކަން ދެމެހެއްޓުން ކަމަށް ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ. ޤައުމިއްޔަތަށް އޭގެ ޙައްޤު މަޤާމު ހޯދައިދިނުމަކީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ގަބޫލުކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ