މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލަށް ފުރުސަތު ދޭންޖެހޭ: ނަޝީދު

މާލޭގެ ޓްރެފިކްގެ އާ ނިޒާމެއްގެ ޕްލޭން މާލޭ ސިޓީ ކައުންސިލްގައި އެބައޮތް ކަމަށާއި، އެކަން ކުރުމަށް ސަރުކާރުން ކައުންސިލަށް ޖާގަ ދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، މާލޭގެ މަގުތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކައުންސިލްގެ ދައުރު ވަރަށް މުހިންމެވެ. އަދި ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނަށް އަމަލީ ސިފަ ގެނައުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މާލޭގެ މަގުތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މާލޭގެ މަގުތަކުގައި އަލުން ތާރު އެޅުމުން، މާލޭގެ މުޅި މައްސަލައަށް ލިބޭނެ ހައްލެއް ނެތް ކަމަށެވެ. "މާލޭގައި ހިނގާބިނގާވެ އުޅެން އެންމެ ބޮޑަށް ދަތިވަނީ މާލޭގެ އެތެރޭގެ ހަނި މަގުތަކުގައި" ނަޝީދު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/2081081014844330160 އެހެންކަމުން، އެކަންކަން ހައްލު ކުރަން ސިޓީ ކައުންސިލުން ހަދާފައިވާ ޕްލޭން ތަންފީޒު ކުރުމަށް ސަރުކާރުން ޖާގަ ދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވައިފައެވެ. އޭގެ ތެރޭގައި ޕާކިން ޒޯންތައް އިތުރުކުރުމާއި، މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުން ހިމެނެއެވެ. އަނެއްކޮޅުން، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ދަނީ މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންނެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މާލޭގެ ގިނަ މަގުތަކެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ފަހުން ވަނީ ޚާއްސަ އޮފީހެއް އުފައްދަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ