ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ހަތަރު ބޭފުޅަކަށް ދިވެހި ސަރުކާރުން މިއަދު އަރުވައިފި އެވެ. 
އެ ހަތަރު ބޭފުޅުންނަށް ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބުގެ ނިޝާނާއި ޝަރަފުގެ މެޑަލް ހަވާލު ކޮށްދެއްވީ، ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މއ. ކިނބި، ޑރ. ލަތީފަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވީ ތައުލީމީ ދާއިރާއަށް ކުރެއްވި ހިދުމަތަށެވެ. 
ޑރ. ލަތީފު އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ހިދުމަތުގަ އެވެ. ހާއްސަކޮށް އެ ދާއިރާގެ ތަރައްގީ އާއި ޒަމާނީ ބަދަލުތައް ގެނެސްދެއްވުމުގައި އިސް މަސައްކަތްތަކެއް ކުރެއްވި އެވެ. 
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތިން ވަނަ ރިޔާސީ ދައުރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ 1993 ވަނަ އަހަރުގަ އެވެ. ތައުލީމީ ދާއިރާގައި ހޭދަކުރެއްވި 22 އަހަރުގެ ތެރޭގައި ކިޔަވައިދިނުމުގެ މަންހަޖު އެކުލަވާލުމާއި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތްކުރުމަށް އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު އުފެއްދެވުމުގައި ވެސް އިސް ދައުރެެއް ޑރ. ލަތީފް އަދާކުރެއްވި އެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ކަނޑައެޅި އެޑިއުކޭޝަނަލް މާސްޓާ ޕްލޭން އެކުލަވާލުމުގައި މިނިސްޓަރުގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރެއްވިއިރު ސިވިލް ސާވިސް ކޮމިޝަން އުފެއްދެވުމުގައި ވެސް ޑރ. ލަތީފްގެ އިސްނެންގެވުން ހިމެނެ އެވެ. 
ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، އިބްތިދާއީ ތައުލީމުގެ ދާއިރާ ފުޅާކުރުމާއި މުދައްރިސުން ތަމްރީނުކުރުމާއި ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލުމާއި ނުރަސްމީ ތައުލީމު ދިނުމާއި ސްކޫލްތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ޓެކްސްޓް ފޮތް އުފައްދައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެއްވުމާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ އެކި ފެންވަރުގެ މުވައްޒަފުން ތަމްރީނުކުރުމާއި ތައުލީމީ ދާއިރާގެ އެކި މަޝްރޫއުތަކަށް ބޭނުންވާނެ ފަންޑިން އެކި ފަރާތްތަކުގެ އެހީގައި ހޯއްދަވައިދެއްވުމުގައި އަމަލީ ގޮތުން އިސް ދައުރެއް ވެސް އަދާކުރެއްވި އެވެ. 
ރާއްޖޭގެ މަތީގެ ތައުލީމަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ޑރ. ލަތީފް ވަނީ ރާއްޖޭ ފުރަތަމަ ކޮލެޖު، މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަން 1998 ވަނަ އަހަރު ގާއިމުކުރެއްވުމުގައި ވެސް މުހިއްމު ދައުރުއެއް އަދާ ކުރައްވައިފަ އެވެ. އޭގެ ފަހުން ޑރ. ލަތީފް ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާ އަށް ވެސް ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާގައި ހުންނަ ދިވެހި އެމަބްސީގެ ތިން ވަނަ ސެކްރެޓަރީކަމާއި އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ފުރުއްވި އެވެ. 
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް، "މިޑްލް އިންކަމް ޑިވެލޮޕިން ކަންޓްރީ" އެއްގެ ފެންވަރަށް ރާއްޖެ ގެންނެވުމުގައި އެމަނިކުފާނު ކުރެއްވި އެވެ. އެ މަނިކުފާނަކީ، ސަރަހައްދީ ޖަމުއިއްޔާއެއް ކަމަށްވާ "އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ސައުތު އޭޝިއާ" އުފެއްދެވުމުގައި މުހިންމު ދައުރެއް ވެސް އަދާކުރެއްވި ބޭފުޅެކެވެ. 
އިބްރާހިމް ރަޝީދު މޫސާއަކީ ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދެއްވުމާއި ދީނީ އެކި ފޮތްފޮތް އެކުލަވައިލުމުގެ ރޮނގުން ކުރެއްވި މަސައްކަތްޕުޅެވެ. 
މިސްރުގެ އަޒުހަރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށް ފަހު، އިބްރާހިމް ރަޝީދު މޫސާ އެންމެ ފުރަތަމަ އަދާކުރެއްވީ މަޖީދިއްޔާ ސްކޫލުގެ މެތްސް އެންޑް ޓެކްނިކަލް ޑްރޯއިން ޓީޗަރެއްގެ މަގާމެވެ. އެއީ ހިސާބު އިލްމުގެ ރޮނގުން ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި އުފެއްދެވި އަރަބި އިސްލާމީ ތައުލީމުދޭ މަދަރުސާ ކަމަށްވާ މައުހަދުއްދިރާސާތިލް އިސްލާމިއްޔާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ވެސް އޭރު ހަމަޖެއްސެވީ އިބްރާހިމް ރަޝީދު މޫސާ އެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއްދެއްވީ ރާއްޖޭގައި އޭރު އެކަށީގެންވާ ވަރަށް މީހުން ތައްޔާރުކުރެވިފައި ނުވާ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށެވެ. ފަށާ ތައުލީމުން ފެށިގެން މެދު މަދުރަސީ ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމާ ހަމައަށް އަރަބި ބަހުން ކިޔަވައިދިނުން ފުޅާކުރައްވައި، އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން އަރަބި އަދި އިސްލާމީ ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވި އެވެ. 
މިސްކިތްތަކުގެ އިމާމުންނާއި ހަތީބުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ވެސް މައުހަދުއްދިރާސާތިލް އިސްލާމިއްޔާއިން 1980 ވަނަ އަހަރު ފެށި އެވެ. މުދިމުން ތާޒާކުރުމުގެ ކޯހުގައި "ފިގްހު" މި މާއްދާ ކިޔަވައިދެއްވުމުގެ އިތުރަށް، "އިސްލާމީ އަހްލާގު 1، 2، 3" މި ނަމުގައި ފޮތްތަކެއް ލިޔުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުން ތަމްރީނު ކުރެއްވުމުގެ އިތުރަށް، އިމާމުން ތާޒާކުރެއްވުމުގެ ތަމްރީނު ޕުރޮގުރާމުތައް ހިންގަވައި، އިމާމުންގެ ފެންވަރު މަތިކުރެއްވުމުގެ ގިނަ މަސައްކަތްޕުޅުތަކެއް އިބްރާހިމް ރަޝީދު މޫސާގެ މޭސްތިރިކަމުގެ ދަށުން ކުރެއްވި އެވެ. 
ދިވެހި ދައުލަތުގެ އިއްޒަތް 2013 ވަނަ އަހަރު ވެސް ލިބިވަޑައިގެންނެވި ހުސައިން އަފީފަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުކޮށްދެއްވި ބާނީންގެ ތެރެއިން އެއްް ބާނީ އެވެ. ޓޫރިޒަމްގެ އިތުރުން، ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި އޭވިއޭޝަންގެ ދާއިރާއިންނާއި ބޭންކިންގެ ދާއިރާއިންނާއި ސިއްހީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓާޕްރިނިއޯއެއްގެ ހައިސިއްޔަތުން ހުސައިން އަފީފް ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ ވެސް ވަރަށް ހާއްސަ ހިދުމަތްތަކެކެވެ. 
ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމުގެ މަސައްކަތުގައި ޗަމްޕާ އަފީފް އަދާކުރެއްވީ ފާހަގަކޮށްލެވޭ ދައުރެކެވެ. 
ރާއްޖެ އަށް ޓޫރިޒަމް ތައާރަފް ކުރެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިޓަލީގެ ޖޯޖް ކޯބިން އާއި މަރުހޫމް މުހައްމަދު އުމަރުމަނިކާއި ހެންވޭރު ހިކިފިނިފެންމާގޭ، އަހުމަދު ނަސީމާ އެކު ހުސައިން އަފީފް މަސައްކަތް ފެށްޓެވީ ޓޫޜިޒަމަކީ، ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ ސިނާއަތެއްތޯ ތަޖުރިބާ ކުރެއްވުމުގެ ތެރެއިންނެވެ. ޓޫރިސްޓުންގެ ފުރަތަމަ ގުރޫޕު ރާއްޖެއަށް އައީ 1972 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު "ކުރުނބާ އައިލެންޑް ވިލެޖު" ހުޅުވީ މީގެ 53 އަހަރު ކުރިން 1972ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ގަ އެވެ. އެ ރިސޯޓުގެ މެނޭޖަރުކަން ވެސް ކުރެއްވި ހުސައިން އަފީފް، އެންމެ ފުރަތަމަ ރާއްޖެ އަށް ޓޫރިސްޓުން ގެންނަން މަސައްކަތް ފެއްޓެވިއިރު، ރިސޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއާ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނެޖްމަން ދާއިރާގައި ވެސް މަސައްކަތް ކުރެއްވި އެވެ. 
ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރެއްވުމަށް އެ މަނިކުފާނުގެ ތަސައްވުރާ އެއްގޮތަށް ކުރިއަށް ގެންދެވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރުފުކުރެވުނު "އިންޓަނޭޝަނަލް ހޮސްޕިޓޭލިޓީ ބްރޭންޑް" އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ތައާރުފުކުރެވުނު ޓްރެވަލް އޭޖެންސީ ކަމުގައިވާ "ވޮޔޭޖަސް މޯލްޑިވްސް" ތައާރުފުކުރެއްވި ބޭފުޅެއްގެ ޝަރަފު، ހުސައިން އަފީފަށް ލިބިވަޑައިގަނެފައިވާއިރު ޔޫރަޕާއި ބައިނަލްއަގުވާމީ ތަފާތު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. 
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ތައާރަފު ކުރެވިގެންދިޔައީ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން، 2014 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލާ ރިސޯޓު، މާލެ އަތޮޅު ގަސްފިނޮޅުގައި ތަރައްގީ ކުރައްވައި ހިދުމަތް ދެއްވަން ފެށްޓެވުމުންނެވެ. އެ ބަދަލުވެގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް އަފީފް ގެނެސްދެއްވި އިންގިލާބީ އަދި އުންމީދީ ބަދަލެއްގެ ގޮތުގަ އެވެ.
އަފީފް ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ވެސް އުފައްވައިފަ އެވެ. މަޓީގެ ވައިސް ޗެއާމަން ކަމާއި އާމަންގެ މަގާމު ފަދަ އެ އެސޯސިއޭޝަންގެ އިސް މަގާމުތައް ފުރުއްވާފައިވެ އެވެ.
"ޓްރީ ޓޮޕް އިންވެސްޓްމަންޓްސް" އުފެއްދެވީ ވެސް ހުސެއިން އަފީފްގެ ބައިވެރިވެވަޑައިގަތުމާ އެކު އެވެ. އެ ހޮސްޕިޓަލު ގާއިމުކުރެވި ހިދުމަތް ދޭން ފެށުމާ އެކު ރާއްޖޭގެ ސިއްހީ ދާއިރާއިން ފެނިގެންދިޔައީ އިންގިލާބީ ބޮޑު ބަދަލެކެވެ. 210 އެނދުގެ ޓާޝަރީ ލެވެލްގެ މި ހޮސްޕިޓަލު އިފުތިތާހުކުރެވިގެން ދިއުމާ ގުޅިގެން، މީގެ ކުރިން ރާއްޖެއިން ނުލިބޭފަދަ މަތީ ފެންވަރުގެ ސިއްހީ ހިމަތްތައް ލިބެން ފެށި އެވެ. އެ ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ކްލިނިކެއް ތައާރަފުކޮށް ހިދުމަތް ދޭން ފެށި ތަނެވެ. 
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާގެ ލަގަބު ވެސް 2010 ވަނަ އަހަރު ސަރުކާރުން އަފީފަށް އެރުއްވި އެވެ. 
ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ރާއްޖޭގެ އިގްތިސާދީ ދާއިރާ އާއި ރާއްޖޭގެ އިޖުތިމާއީ ދާއިރާއަށް ވަަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޒުވާން ދައުރުގައި ވެސް ފެނިގެންދިޔައީ ވަރަށް މަސައްކަތްތެރި ބެފުޅެއްގެ ގޮތުގަ އެވެ. 
މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލުކުރެއްވުމަށް ފަހު އޭނާ ބޭނުންފުޅުވީ އިތުރަށް ކިޔަވައި ވިދާޅުވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ. އެހެންނަމަވެސް އުމުރުން ހަގުވުމުން ސަރުކާރުގެ ފަރާތުން އެ ފުރުސަތު ހޯދަން ގިނަ ދަތިތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އެންމެ ފަހުން 1958 ވަނަ އަހަރު އިންޑިއާގެ ކޮއިންބަތޫރަށް ތައުލީމު ހާސިލު ކުރެއްވުމަށް ފުރާވަޑައިގަތީ އާއިލާގެ އެހީގަ އެވެ. 
ކޮއިންބަތޫރުން ތައުލީމު ހާސިލު ކުރެއްވުމަށްފަހު، ތަފާތު އެކި މަސައްކަތްތައް ދަސްކުރެއްވުމުގެ ގޮތުން އެތާނުގެ ތަފާތު ކާރުހާނާތަކުގައި ހިދުމަތް ކުރެއްވި އެވެ. އަދި 1966 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމަށްފަހު، އުމުރުން އެންމެ 21 އަހަރުގައި ވަޔާލެސް އޮޕަރޭޓަރެއްގެ ގޮތުގައި ސަރުކާރުގެ ހިދުމަތް ފެށްޓެވިއިރު އެއީ ދިވެހިންގެ ތެރޭގައި ވަރަށް މަދު ބައެކެވެ. ޕްރޮފެޝަނަލް ވަޔާލެސް އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ފަށްޓަވައި، ރާއްޖޭގެ އެހެން ޒުވާނުންނަށް އެ މަސައްކަތް ދަސްކޮށްދެއްވުމާއި ސައިބޯނި ހެދުމުގެ މަސައްކަތް ދަސްކުރައްވައިގެން، އެ މަސައްކަތް ވެސް ވަރަށްފުޅާ ދާއިރާއެއްގައި ކުރެއްވި އެވެ.
އުއްޗު، އަމަލީގޮތުން އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާފައިވަނީ، އެމަނިކުފާނުގެ ހިތުގައި އެކަމަށް އޮންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. އަމިއްލަފުޅަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރެއްވި އެވެ. އެމަސައްކަތް ފަށްޓަވައި، ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް ދަސްކޮށްދެއްވި އެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންގެންދާ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދެވި އެވެ. 
ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ތިމާވެށީގެ ފެހިފަތް ސަރުކާރުން އަރުވައިފަ އެވެ. ސަރުކާރުން މިހާރު ކުރިއަށް ގެންދާ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ދެ ރަށެއްގައި، ގިނަ އަދަދަކަށް މޭވާ ގަހާއި ތަރުކާރީ ގަސް އިންދެވުމުގައި އެމަނިކުފާނު އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާއިރު އެގްރިކަލްޗާ މިނިސްޓްރީގެ ނާސަރީއަށް ގިނަ އަދަދެއްގެ މޭވާގަހާއި ތަރުކާރީ ގަސް ހަދިޔާ ކުރައްވާފައިވެ އެވެ. 
އުއްޗުއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރި އެރުވުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އުއްޗު އަކީ ގައުމީ ކަންކަމުގައި ވެސް ވަރަށް ހަރަކާތްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެކެވެ. 
އޭނާގެ އިޖުތިމާއީ ހިދުމަތުގެ ތެރެއިން އެކި ފަރާތްތަކަށް ތަކެތީގެ ގޮތުންނާއި މާލީގޮތުންވެސް ގިނަ އަދަދެއްގެ އެހީތައް ދެއްވަމުން ގެންދަވަ އެވެ. ސަރުކާރުންކުރާ މަސައްކަތްތަކާއި ހިންގާ އެކި ޕްރޮގްރާމްތަކަށް ވެސް އެއްބާރުލުންދެމުން ގެންދަވާ އުއްޗު ވަނީ އެމްއެންޑީއެފާއި ފުލުހުންނަށް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އުއްޗުގެ ބައްޕަގެ ހަނދާނުގައި ހިންގަވާ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ނަމުގައި ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ކުދިން، މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ފޮނުއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ