ބޭރުން ކިޔަވަން ދިވެހި ދަރިވަރުންނަށް ގިނަ އަދަދެއްގެ ސްކޮލާޝިޕް ހުޅުވާލައިފި

ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް، ދުނިޔޭގެ ފަސް ގައުމަކުން ސްކޮލާޝިޕްގެ ފުރުސަތުތަކެއް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. ފުރުސަތު ހުޅުވާލާފައިވާ ގައުމުތަކަކީ މިސްރު, އިންޑިއާ، ޕާކިސްތާނު، ތައިލެންޑް އަދި މޮރޮކޯއެވެ. މިސްރުގެ އަޒްހަރު ޔުނިވާސިޓީން ވަނީ ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ފަސް ފުރުސަތާއި ނެޗުރަލް ސައިންސް، މެތަމެޓިކްސް އެންޑް ސްޓެޓިސްޓިކްސްގެ ދާއިރާއިން 17 ފުރުސަތެއް ހުޅުވާލައިފައިވެއެވެ. މި ކޯސްތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހައެކެވެ. އިންޑިއާގެ ގުޖަރާތުގައި ހުންނަ މަރްވާޑީ ޔުނިވާސިޓީން "ސްކޮލާޝިޕް އިންޑިއާ 2026" ގެ ދަށުން ޑިޕްލޮމާ، ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ސްކޮލާޝިޕްތަކަށް އެދުމުގެ ސުންގަޑިއަކީ އަންނަ ހުކުރު ދުވަހެވެ. ހަމައެހެންމެ، ޕާކިސްތާނު ހައިކޮމިޝަނުން ވަނީ އައްލާމާ މުހައްމަދު އިގުބާލް ޔުނިވާސިޓީގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ހަތް ދާއިރާއަކުން ސްކޮލާޝިޕް ހުޅުވާލައިފައެވެ. އޭގެ ތެރޭގައި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ، ބިޒްނަސް އެންޑް އިކޮނޮމީ، ފުޑް ސެކިއުރިޓީ އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް، ކޮމްޕިއުޓާ ސައިންސް އެންޑް ޓެކްނޮލޮޖީ، އެލައިޑް ހެލްތު ސައިންސް، މީޑިއާ އެންޑް ލޭންގުއޭޖް، އަދި އެގްރިކަލްޗާ އެންޑް ސޯޝަލް ސައިންސް ހިމެނެއެވެ. މި ފުރުސަތުތަކަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 އެވެ. މީގެ އިތުރުން، މޮރޮކޯއިން ޖުމުލަ 20 ސްކޮލާޝިޕެއް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީގެ 10 ފުރުސަތާއި، މާސްޓާސް ޑިގްރީގެ ފަސް ފުރުސަތުގެ އިތުރުން ޕީއެޗްޑީގެ ފަސް ފުރުސަތެވެ. މޮރޮކޯގެ ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ގައުމުތަކުގެ އިތުރުން، ތައިލެންޑުގައި މާސްޓާސް ފެންވަރަށް ކިޔެވުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ތައިލެންޑުގެ ސްކޮލާޝިޕްތަކަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ ނިޔަލަށެވެ. މި ހުރިހާ ސްކޮލާޝިޕްތަކަށް ވެސް އެޕްލައިކުރަން ޖެހޭނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ