ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަން ނައްތާލައިފިން: ރައީސް

ޑިމޮކްރަސީގެ މިނިވަންކަން އެންމެ ފުޅާގޮތުގައި ތަންފީޒު ކުރަމުން އަންނަ ކަމަށާއި ސިޔާސީ ބަދަލު ހިފުމުގެ ރޫހުގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީގެ މިނިވަންކަން ޔަގީން ކޮށްދީފައި މިންވަރަށް ދުވަހަކު ވެސް ރާއްޖޭގައި އެކަން ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ. 
ސިޔާސީ ހަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް މިހާރު ހުރަހެއް ނޯންނާނެ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި ބައްދަލުވުންތަކަށް ވެސް ސްކޫލްތަކާއި ހޯލްތައް މި ސަރުކާރުން ދޫކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 
"އަޅުގަނޑުމެން މި ދަނީ އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވާން މިނިވަންކަމާ އެކު ފުރުސަތު ދެމުން،" ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެން ސަރުކާރުތަކާ ހިލާފަށް، ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއްވެސް ސިޔާސީ ލީޑަރަކު ހިފައި، ހައްޔަރުކޮށްފައެއް ނުވާނެ އެވެ. ރާއްޖޭގައި އަމަލުކުރަމުން ދިޔަ އުސޫލަކީ އާ ސަރުކާރެއް ފެށޭއިރަށް އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅާ ޖަލަށްލެވޭތޯ އަވަސްވެ ގަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ. 
ނަމަވެސް، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ ސިޔާސީ ބަދަލުހިފުމުގެ ރޫހު ނެތިކޮށްލާނެ ކަމުގެ ވައުދު ވެފަ އެވެ. 
"ސިޔާސީ ވިހަގަދަ ބަދަލު ހިފުމުގެ ރޫހުގެ އަޅުވެތިކަމުން މި ގައުމު އަޅުގަނޑުމެން ވާނީ މިނިވަންކޮށްދީފައި. މި ގައުމުން އަނިޔާވެރިކަން ނިމުމަކަށް ގެނެސްފައި. އެހެން ނޫނީ ސިޔާސީ ވެރިން ތިބެން ޖެހެނީ އިދިކޮޅުގައި ތިބޭއިރު އަނިޔާވެރިކަމަށް ހުށަހެޅިފައި،" ރައީސް ވިދާޅުވި އެވެ. 
"ސިޔާސީ ވެރިންނަށް މިނިވަންކަން ވާނީ ދީފައި. ޑިމޮކްރަސީ އޭގެ ފުރިހަމަ ގޮތުގައި މި ދަނީ ތަންފީޒުވަމުން." 
ރައީސް ވަނީ އެއްވެ އުޅުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް މި ސަރުކާރުން އެންމެ ފުޅާގޮތެއްގައި ފޯރުކޮށްދެމުން އަންނަ ކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ކުރިއަލާ އެއްވެ އުޅެވޭނެ ސަރަހައްދުތައް މި ސަރުކާރުން އިތުރުކޮށްފައިވެ އެވެ. 
އަދި މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސަައިދީ، ވަރަށް ކުޑަ އަގެއްގައި މީޑިއާ އޮފީސްތައް ހިންގާނެ ތަންތަން ލިބޭނެ މީޑިއާ ވިލެޖްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. 
އެއާ އެކު، ޝަރުއީ ދާއިރާގެ މިނިވަންކަން ވެސް މި ސަރުކާރުން ޔަގީންކޮށްދީފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަމުގައި އެންމެ ބޮޑު ހުރަހަކަށް އޮތީ މާލީ ކަންކަން ކަމަށާއި މިހާރު މި ސަރުކާރުން ވާނީ ޝަރުއީ ދާއިރާގެ ބަޖެޓް ބޮޑުކޮށް ވަކިން ހަރަދު ކުރެވޭނެ ގޮތް ހަމަޖައްސައިދީފައި ކަމަށެވެ. އަދި ޖާގަ ތަނަވަސް އިމާރަތްތައް ވެސް ކޯޓުތަކަށް ހޯދައިދީފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. 
ސުޕީރިއާ ކޯޓު ކޮމްޕެލްކްސްގެ މަސައްކަތް ވެސް ފަށާފައިވާ ކަން ފާހަގަކުރައްވަން ރައީސް ވިދާޅުވީ 2029 ވަނަ އަހަރު އެތަނުގެ ބޭނުން ހިފޭނެ އެވެ. ޝަރުއީ ދާއިރާގެ ހަގީގީ މިނިވަންކަމަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަމަލީ މަސައްކަތް ނިންމަންޖެހެނީ އެއްބަސްވުމުގައިވާ ގޮތުން 720 ދުވަހެވެ.
The most trusted news source in the Maldives
ހައުސިން މިނިސްޓްރީން ބުނީ ޖުމްލަ 14 ބުރިއަށް އިމާރާތްކުރާ އެ އިމާރާތަކީ ހައި ކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ