ހަތަރު އަހަރުތެރޭ 1500 އަންހެން ކުޅުންތެރިންގެ ޕޫލެއް އެކުލަވާލަން އެފްއޭއެމުން އަމާޒުހިފައިފި

ހަތަރު އަހަރުތެރޭ 1500 އަންހެން ކުޅުންތެރިންގެ ޕޫލެއް އެކުލަވާލުމަށް އަމާޒުކޮށް، އަންހެން ފުޓްބޯޅައިގެ ރޯޑް މެޕް އެފްއޭއެމްގެ ކޮންގްރެސްއިން ފާސްކޮށްފި އެވެ. 
މީރުމާ ހޮޓެލްގައި ރޭ ބޭއްވި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެފްއޭއެމްގެ މެންބަރު ކްލަބްތަކުން ވޯޓް ދީގެން އެ ޕްލޭން ވަނީ ފާސްކޮށްފަ އެވެ. 
އަންހެން ކުޅުންތެރިންގެ އެ ޕޫލް އެކުލަވާލުމުގެ ނުކުތާގައި ބުނެފައި ވަނީ އަމާޒަކީ 2030 ގެ ނިޔަލަށް މުޅި ރާއްޖެއިން ގަވާއިދުން ކުޅޭ، ރަޖިސްޓްރީ ކުރެވިފައިވާ އަންހެން ކުޅުންތެރިންގެ އަދަދު 1,500 އަށް އިތުރުކުރުން ކަމަށެވެ. 
އެ ޓާގެޓް ހާސިލުރު ކުރުމަށް ހަތަރު ދާއިރާއަކުން ޕްރޮގްރާމްތައް ހިންގަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެއީ ސްކޫލް ފުޓްބޯޅަ އާއި ގްރާސްރޫޓް ފެސްޓިވަލްތަކާއި އަންހެން ފުޓްބޯޅައިން ވެސް އިންޓަ ސްކޫލް މުބާރާތްތައް ބޭއްވުން ހިމެނެ އެވެ.
އަންހެން ކުޅުންތެރިން ހޯދަން ސްކޫލްތަކަށް:
އަންހެން ކުޅުންތެރިން ހޯދަން، ފުޓްބޯލް ފޯ ސްކޫލްގެ ނަމުގައި ޕްރޮގްރާމެއް ހިންގަން އެ ޕްލޭންގައި ހިމަނާފައިވެ އެވެ. އޭގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގައި ފިޒިކަލް އެޑިއުކޭޝަން މުގައްރަރުގެ ތެރެއިން ފުޓްބޯޅައާ ގުޅުން ހުރި ހަރަކާތްތައް ހިންގަން، ޕްލޭންގައި ލިޔެފައި ވެއެވެ. 
ކުޑަކުދިން ޝައުގުވެރިކުރަން ގްރާސްރޫޓް ފެސްޓިވަލް: 
ޕްލޭންގައި ބުނެފައިވަނީ އަންހެން ކުޑަކުދިން ފުޓްބޯޅައަށް ޝައުގުވެރިކުރުމަށްޓަކައި އެކި އަތޮލޫތަކުގައި ގަވާއިދުން އަންހެން ފުޓްބޯޅައިގެ ފެސްޓިވަލްތައް ބޭއްވުން ހިމެނެ އެވެ. 
އިންޓަ ސްކޫލް މުބާރާތްތައް އަންހެން ކުދިންނަށް:
އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތްތައް މިހާތަނަށް ވެސް އޮތީ ހަމައެކަނި ފިރިހެން ކުޅުންތެރިންނަށެވެ. އެފްއޭއެމުން ރޭ ފާސް ކުރި ޕްލޭންގެ ދަށުން ފުރަތަމަ ފަހަރަށް އިންޓަ ސްކޫލް އަންހެން ފުޓްބޯޅަ މުބާރާތްތައް ބޭއްވަން ވަނީ ހިމަނައިފަ އެވެ.
"ސްކޫލް ކުދިންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމަށްޓަކައި އަންހެން ކުދިންގެ އިންޓަސްކޫލް މުބާރާތްތައް ތައާރަފުކުރުން،" ޕްލޭންގައި ބުނެފައިވެ އެވެ. 
ދެން އޮތީ ގްރާސްރޫޓް އަދި ސްކޫލް މުބާރާތްތަކުން ފާހަގަކުރެވޭ ކުޅުންތެރިންގެ ހުނަރު ގެއްލުނަ ނުދީ ދެމެހެއްޓުމެވެ. އެކަމަށް މަގުފަހި ކުރަން ފާހަގަ ކުރެވޭ ކުޅުންތެރިންނަށް ކޮންމެ އަހަރަކު އެއްފަހަރު މުބާރާތްތައް ބޭއްވުން ހިމެނެ އެވެ.
"އަހަރަކު އެއްފަހަރު 16 އަހަރުންދަށް އަދި 18 އަހަރުންދަށުގެ ގައުމީ ފެންވަރުގެ މުބާރާތްތަކަށް ފޮނުވައި، ކްލަބްތަކަށާއި ގައުމީ ޓީމަށް ކުޅުންތެރިން ފޯރުކޮށްދޭނެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުން،" ޕްލޭންގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ