ސިޔާސީ ވެރިންނަށް އޮތް އަޅުވެތިކަން ނައްތާލައި ސިޔާސީ ގޮތުން ބަދަލުހިފުމުގެ ވިހަގަދަ ރޫހުން ރާއްޖެ މިނިވަންކޮށްދީފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެެއް؟- މިނިވަން ދުވަހުގެ މުނާސަބާގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެކި ގޮތް ގޮތުން ރާއްޖެއަށް މިނިވަން ލިބިފައިވާ ގޮތްތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަ ކުރެއްވި އެއް ކަމަކީ، އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި އަނިޔާވެރިކަން ނައްތާލެވުމެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ވެސް، މިހާތަނަށް ނުދޭ މިނިވަންކަން މި ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން، މިސާލެއްގެ ގޮތުން ނެންގެވީ، ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަހެއް ނެތުމާއި އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ސްކޫލު ހޯލުތަކާއި ދައުލަތުގެ މުއައްސަސާތައް ދިނުމާއި އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުން ބާއްވަން ވެސް އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.
އެކަމަކު އޭގެ ތެރެއިން ވެސް އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ސިޔާސީ ވެރިންނަށް އޮތް އަނިޔާވެރިވުން ނައްތާލުމެވެ.
"އަޅުގަނޑުމެން ކުރީގެ އެއްވެސް ލީޑަރަކު ޖަލަކަށް ނުލަން،" ރައީސް ވިދާޅުވި އެވެ.
"[އެކަމަކު] މިއީތޯ މީގެ ކުރިން މިކަންވެފައި އޮތް ގޮތަކީ؟ ސަރުކާރެއް ހުވާކުރާ ތަނުން އަވަސްވެ ގަންނަނީ އެންމެ ފަހުން ފޭބި މީހާ ޖަލަށް ލެވޭތޯ. ބަދަލު ހިފުމުގެ ރޫހު ނޫން ކަމެއް ތަންފީޒުކޮށްފައެއް ނުވޭ."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައީ، ސިޔާސީ ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލާނެ ކަމުގެ ވައުދާ އެކު އެވެ. އެހެންވެ، އެ ވައުދު ތަންފީޒުކޮށް، "ސިޔާސީ ބަދަލުހިފުމުގެ ވިހަގަދަ ރޫހުގެ އަޅުވެތިކަމުން، މިހާރު މި ގައުމު މިނިވަންކޮށްދީފައިވާ ކަމަށް" ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
ސިޔާސީ ގޮތުން ހަރަކާތްތެރިވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް
އަނިޔާވެރިކަމަށް ހުށަހެޅިފައިވާ އިދިކޮޅު ސިޔާސީ ވެރިންނަށް މިނިވަންކަންދީ، އަނިޔާވެރިވުމުގެ އެ ސަގާފަތަށް ނިމުން ގެނެސްދީފި
އެ މަނިކުފާނު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހުދޫދުގެ ތެރެއިން ދީފައިވާނެ ކަމަށާއި ޑިމޮކްރަސީގެ އެންމެ ފުރިހަމަ މިނިވަންކަން މި ސަރުކާރުން ވަނީ ރާއްޖެއަށް ހޯދައިދީފައި ކަމަށެވެ.
ރާއްޖޭގައި ސިޔާސީ ވެރިންނަށް އޮތް އަޅުވެތިކަން ނައްތާލައިފިން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ