ޔޫކްރެއިން ހަނގުރާމައަށް އުތުރު ކޮރެއާގެ އިތުރު 30،000 ސިފައިން ރަޝިއާއިން އެބަ ހޯދާ: ޒެލެންސްކީ
ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އިތުރު 30،000 ސިފައިން ހޯދުމަށް ރަޝިއާއިން މަސައްކަތްކުރަމުންދާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާގެ ސިފައިންނާ ހަވާލުވުމަށްޓަކައި ޔޫކްރެއިންގެ ބޯޑަރާ ކައިރީގައި އޮންނަ ރަޝިއާގެ ވޮރޮނެޒް ސަރަހައްދުގައި މިދިޔަ ޖޫން މަހުން ފެށިގެން ދަނީ ތައްޔާރީތައް ވަމުންނެވެ. މީގެ ކުރިން 2024 ވަނަ އަހަރުވެސް އުތުރު ކޮރެއާއިން ވަނީ ރަޝިއާއަށް އެހީތެރިވުމުގެ ގޮތުން އެތައް ހާސް ސިފައިންނެއް ފޮނުވާފައެވެ. ޔޫކްރޭނުގެ ރައީސް ވްލަޑްމީރު ޒެލެންސްކީ: މީގެ އިތުރުން، ބެލިސްޓިކް މިސައިލް ފޮނުވާ އިތުރު ލޯންޗަރުތަކެއް ރަޝިއާއަށް ފޯރުކޮށްދިނުމަށް އުތުރު ކޮރެއާއިން ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ޔޫކްރެއިންއަށް އޮތް ނުރައްކަލެއް ނޫނެވެ. އަދި ރަޝިއާގެ އެހީގައި އުތުރު ކޮރެއާއިން ހަނގުރާމަކުރާނެ ގޮތް ދަސްކޮށް، ހަތިޔާރުތައް ތަރައްގީކޮށް، ހަނގުރާމައިގެ އަމަލީ ތަޖުރިބާ ހޯދަމުންދާ ކަމަށާއި، މިއީ އުތުރު ކޮރެއާގެ މިސައިލްތަކުގެ ރާސްތާގައިވާ އޭޝިއާގެ ހުރިހާ ގައުމަކަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިއާއާއި އުތުރު ކޮރެއާއާ ދެމެދު 2024 ވަނަ އަހަރު ވަނީ އަސްކަރީ އެހީތެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ހަފުތާގައި އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ޗޯ ސޮން ހުއި މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި، ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އުތުރު ކޮރެއާއިން ފުރިހަމައަށް ތާއީދުކުރާކަން ވަނީ ތަކުރާރުކުރައްވާފައެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން އަބަދުވެސް ރަޝިއާއަށް އެއްބާރުލުން ދޭނެއެވެ. އުތުރު ކޮރެއާއިން ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމުގެ ބަދަލުގައި، ރަޝިއާއިން އަންނަނީ އެ ގައުމަށް ފައިސާއާއި، އަސްކަރީ ޓެކްނޮލޮޖީއާއި، ކާބޯތަކެތީގެ އިތުރުން ހަކަތަ ފޯރުކޮށްދެމުންނެވެ. ދެކުނު ކޮރެއާއިން ބުނާ ގޮތުގައި، ރަޝިއާގެ ފަރާތުން ހަނގުރާމަކުރަން ގޮސް ތިބި އުތުރު ކޮރެއާގެ 2،000 އެއްހާ ސިފައިން މިހާތަނަށް ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ