ހިޔާލު ތަފާތުވުންތައް ކަނޑި އާއި ބަޑިން ހައްލެއް ނުވާނެ: ރައީސް

ސިޔާސީ ހިޔާލު ތަފާތުވުންތައް އުފެދުނު ކަމަށް ވިޔަސް، ކަނޑި އާއި ބަޑިން އެ ކަންކަން ހައްލު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އަބަދުވެސް އިސްކުރައްވަނީ ރާއްޖެއަށް ރަނގަޅު ގޮތް ވާނެ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަމަށާއި ދިވެހިންނާ އެކު ގާތްގުޅުމެއް ބާއްވައި އެކުގައި މަސައްކަތްކުރަން ތިބި ބަޔަކާ އެކު ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ. 
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ތަފާތު ހާރިޖީ ސިޔާސަތުތައް ގެންގުޅެފައިވާ ކަމަށާއި އެހެން ބައެއްގެ އަތްދަށުގައި ނުވަތަ ބާރުގެ ދަށުގައި ރާއްޖޭގެ ހާރިޖީ މިނިވަންކަން ގެންގުޅެފައިވާ ކަމަށެވެ. 
"އާދައިގެ ބަހަކުން ދަންނަވަންޏާ ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތު. އެއީ މި ގައުމަކަށް ހެޔޮ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ. 
ރައީސް ވިދާޅުވީ އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާ ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ. އިޒްރޭލާ ގުޅުން ނުބާއްވާ ސަަބަބަކީ ދިވެހިންގެ ހިތުގެ އެންމެ ފުން ނާރުތައް ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދާ ގުޅިފައި ވުމުގެ އިތުރުން އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާ އާއި ނަސްލު ނައްތާލަން ކުރަމުން ގެންދާ ލާއިންސާނީ އަމަލުތައް ދިވެހިން ގަބޫލު ނުކުރާތީ ކަމަށެވެ. 
މި ސަރުކާރުން ވަނީ އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އައުން ގާނޫނުން މަނާކޮށްފަ އެވެ. އޭގެ ކުރިން އިޒުރޭލުގެ ޕާސްޕޯޓުގައި ޓޫރިސްޓުން ރާއްޖެ އާދެ އެވެ. 
ރައީސް ވިދާޅުވީ މީގެ ކުރިން ބައެއް ސަރުކާރުތަކުގައި، ހާއްސަކޮށް އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި މުޅިން ވެސް ގެންގުޅުނީ "ޕްރޯ އިޒުރޭލް" ހާރިޖީ ސިޔާސަތެއް ކަމަށެވެ. އެމްޑީޕީގެ ވެރިކަންތަކުގައި އަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތް ކަމަށާއި އެއީ ދިވެހިން ގަބޫލުކުރާނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. 
އަނިޔާވެރިކަމާއި ހަނގުރާމަ ކުރުމަކީ ދިވެހިން ގަބޫލުކުރާ ހަމައެއް ނޫން ކަމަށާއި މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައަކީ ދިވެހިންނާއި މުޅި ދުނިޔެ ވެސް އެކަމާ ދެކޮޅު ހަނގުރާމައެއް ކަަމަށް ރައީސް ވިދާޅުވި އެވެ. 
"އަޅުގަނޑުމެން އަބަދުވެސް އިސްކުރާނީ ސުލްހަ. މިއީ ސުލްހައަށް ލޯބިކުރާ، ސުލްހަވެރި ގައުމެއް. އެހެންވީމަ، ސުލްހަވެރިކަމުގައި އަޅުގަނޑުމެން އަބަދުވެސް ގޮވާލާނީ ކަންކަން ސުލްހަވެރިކަމާ އެކީގައި އިސްލާހުކުރަން،" ރައީސް ވިދާޅުވި އެވެ. 
"ހިޔާލު ތަފާތުވާ ކަންކަން މެދުވެރިވެދާނެ. އެކަމަކީ، އެ ހިޔާލު ތަފާތުވުމަކީ ކަނޑި، ބަޑިން ހައްލުކުރާ ކަމަކަށް ވެއްޖެ ނަމަ، ހައްލެއް ނުލިބޭނެ. އެއީ މި ސަރުކާރުގެ ވިސްނުމަކީ، ގަބޫލުކުރާ ހަމައަކީ."
ރައީސް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެކި ޖަމިއްޔާ އަދި ޖަމާއަތްތަކާ ގުޅިފައިވާ ގައުމެއް ކަމަށާއި ދެކުނު އޭޝިއާގެ ގައުމުތަކާ އެކު ރާއްޖެއިން އިސްވެ އުފެއްދި "ސާކް"އަކީ އޭގެ އެއް ޖަމިއްޔާ ކަމަށެވެ. ނަމަވެސް، މިދިޔަ ނުވަ ވަރަކަށް އަހަރުގެ ތެރޭގައި އެ ޖަމިއްޔާގެ މަސައްކަތްތައް ނުހިނގާ ކަމަށާއި މި ސަރަހައްދުގެ ގައުމުތަކުގެ ހަމަޖެހުން ގާއިމްކުރުމަށް އެ ޖަމިއްޔާ އަލުން ހަރަކާތްތެރިކުރުވުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ. 
ސާކްގެ ހަރަކާތްތައް އަލުން ފެށުމަށް ރާއްޖެއިން އިސްވެ މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ