އިސްލާމެއް ނޫން ކަމަށް ބުނި ފުރަތަމަ ދިވެހި މީހާގެ ފަހަތުގައި ބޭރު ބަޔަކު ތިބޭނެ ކަމަށް ލަފާކުރެވޭ: ރައީސް މައުމޫން

19:00މިދިޔަ ހުކުރު ދުވަހުގެރޭ ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި ޑރ. ޒާކިރު ނައިކްގެ ތަގުރީރު އަޑުއަހަންތިބި އެގާރަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި، އިސްލާމެއްނޫންކަމަށް އިއުތިރާފްވި ފުރަތަމަ ދިވެހި މީހާގެ ފަހަތުގައި ބޭރު ބަޔަކު ތިބޭނެކަމަށް ލަފާ ކުރެއްވޭ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާ ވަޑައިގަންނަވަމުން ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، އިސްލާމެއްނޫން ކަމަށް އިއްތިރާފްވި މައްސަލައިގައި އެންމެ ފުރަތަމަ އެކަމުގެ ހުރިހާ ވެސް ކުށެއް ރައްދުވާ ފަރާތަކީ އެ އަމަލު ހިންގި 37 އަހަރުގެ މުހައްމަދު ނާޒިމަށް ކަމަށެވެ. އަދި އެކަމުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ، އޭނަ އަށް ނަސޭހަތްދީ ތައުބާވުމަށް ފުރުސަތު ދިނުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ގާނޫނުގައި އޮންނަ ގޮތެއްގެ މަތިން އޭނައާ ދޭތެރޭ އަމަލްކުރަން ފެނިވަޑައިގަންނަވަނީ އެކަން ގަބޫލުނުކުރުމުން ކަމަށާއި، އެއީ ދިވެހި ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.ރައީސް މައުމޫނު އަދި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން އިސްލާމް ދީން ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ވެސް ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް ލޯބި އިތުރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ކަމަށާއި ދިވެއްސަކު ފުރަތަމަ ފަހަރަށް މުސްލިމެއް ނޫން ކަމަށް ބުނެފައިވަނީ، ކުރީގެ ސަރުކާރުން ވެފައިވާ އިހުމާލަކުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ