ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ މައުމޫން ހަމީދާ މެދު އާއްމުންގެ ހިޔާލް ހޯދަން ހުޅުވާލި ފުރުސަތު މިއަދު މެދުކަނޑާލައިފިއެވެ.
ހޯމަ ދުވަހު މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރި، މައުމޫން ހަމީދާ ބެހޭ މައުލޫމާތުތައް ނެގީ "އެކަން ގޮސްފައިވަނީ ޕްރޮސީޖަރާ އެއްގޮތަށް ނޫން ކަމަށް" ބެލެވޭތީ ކަމަށް މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވިއެވެ.
އަދި އަލުން މައުމޫން ހަމީދާ މެދު އާއްމުންގެ ހިޔާލް ހޯދަން ފުރުސަތު ހުޅުވާލާނެކަން އަދި އެނގިވަޑައިނުގަންނަވާކަމަށް ވެސް މަޖިލީހުގެ އަމީން އާއްމު ވިދާޅުވިއެވެ.
މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ވެބްސައިޓުގައި ފުރުސަތު ހުޅުވާލީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރުމުންނެވެ. އަދި ވެބްސައިޓުގައި ވަނީ، ޕީޖީ ކަމަށް އެދި ހުށަހެޅުމަށް މައުމޫން ހަމީދު ހުށަހެޅުއްވި ފޯމް އާންމުކޮށްފަ އެވެ.
ފޯމުގައި ހިމަނާފައިވާ ބައެއް މައުލޫމާތުތަށް ކަމަށްވާ އައިޑީ ކާޑު ނަމްބަރާއި އެޑްރެހާއި މޮބައިލް ނަމްބަރާއި ކުރިން އަދާކުރި ވަޒީފާތަކާއި ލިބުނު މުސާރަތައް ފަދަ މުހިއްމު މައުލޫމާތުތަށް މިހާރު ސޯޝަލް މީޑިއާގައި ފަތުރައި ދަނީ ފާޑުކިޔަމުންނެވެ.
ކޮމެޓީގެ މުގައްރިރު އަދި ދިއްދޫ ދާރިރާގެ މެމްބަރު އަހްމަދު ސަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ މައުމޫން ހަމީދާ މެދު އާންމުން ފޮނުވާ ކޮމެންޓްތައް ނާޖާއިޒް ގޮތުގައި ބޭނުންކޮށްފާނެތީ އެއްވެސް ކޮމެންޓެއް މަޖިލީހުގެ ވެބްސައިޓުން އާންމުންނަށް ނުފެންނާނެ ކަމަށެވެ.
އެހެންނަމަވެސް މަޖިލީހަށް ބައެއް މީހުން ފޮނުވި ކޮމެންޓްތައް އެމީހުން ވަނީ އަމިއްލަ އަށް ސޯޝަލް މީޑިއާގައި އާންމުކޮށް މައުމޫން ހަމީދަށް ތާއީދު ނުކުރުމަށް ގޮވާލައިފަ އެވެ.
މައުމޫން ހަމީދާ މެދު އާއްމުންގެ ހިޔާލް ހޯދަން ހުޅުވާލި ފުރުސަތު މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ