މި ހިތް އެދޭތީ... 20

އިޒީ އެއްޗެއް ނުބުނެ އިސްޖަހައިގެން އިނެވެ. އާގިސާ ފަރުހާދުގެ ކޮނޑުގައި ޖެހިގަތެވެ. އިހަށް އެ ވާހަކަ ނުދެއްކުމަށް އެދުނެވެ. ގޭގެ ބެލް ޖަހައިލި އަޑު އިވުނީ އިޒީ ތަށިމަތި ތައްޔާރުކޮށް ނިންމައިލިތަނާއެވެ. ދޮރު ހުޅުވީ އާގިސާއެވެ. ******** "ކާކު އައީ؟..." އާގިސާ ދޮރު ލައްޕާފައި އެނބުރުނު ތަން ފެނުމުން، އިޒީ އަހައިލިއެވެ. އޭނާގެ ދެލޯ ހޯދީ ޔައިލްއެވެ. އާގިސާގެ އަތުގައި ސިޓީއުރައެއް އޮތެވެ. "ދަރިފުޅުގެ ނަން ޖަހާފަ އޮތީ..." ސިޓީއުރައިގެ ވަށައިގެން ނަޒަރު ހިންގައިލަމުން އާގިސާ ބުންޏެވެ. ދެވަނަ ފަހަރަށް ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. އާގިސާއަށްވުރެ ކުރިން ދޮރު ހުޅުވީ އިޒީއެވެ. ޔައިލް ފެނުމުން، އިޒީއަށް ހިނިތުންވެލެވުނެވެ. "ހާދަ ވަސް ރަނގަޅޭ..." ދެމާނަ އެކުލެވޭ ރާގަކަށް ޔައިލް ބުނެލިއެވެ. އިޒީ ލަދުން އިސްޖަހައިލިއެވެ. ޔައިލް އެތެރެއަށް ވަނުމުން، މުޅިތަނުގައި ހަރުލީ ލުއި ސެންޓެއްގެ މީރު ވަހެވެ. އާގިސާ އަތްމަތި އަވަސްކޮށްލާފައި ތަށިތަކަށް ޖޫސް އެޅިއެވެ. ކެއުމުގެ ވަގުތު މާގިނަ ވާހަކައެއް ނުދެކެވެއެވެ. ކެއުމަށްވުރެ ބޮޑަށް ޔައިލްއަށް ކުރެވުނު ކަމަކީ ކާއެއްޗެއްސަށް ތައުރީފު ކުރުމެވެ. އާގިސާގެ ހިތް އުފަލުން ބަންޑުންވާ ވަރަށް ޔައިލް ތައުރީފު ކުރިއެވެ. ކައި ނިންމައިގެން ފަރުހާދާއިއެކު ސޯފާގައި އިށީންއިރު، ފަރުހާދު ދައްކަން އުޅޭ ވާހަކައިގެ ކުޑަވެސް ހިލަމެއް ޔައިލްއަކަށް ނުވެއެވެ. ތަށިތައް ނަގަން ހުރިއިރު، އިޒީގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ ޔައިލްމެންނަށެވެ. ކައިވެނީގެ ވާހަކަ ފަރުހާދު ދައްކާ ހިސާބުން، ޔައިލްއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދެމީހުންގެ ގުޅުމުގައި ހަގީގީ ކުލަ ޖެހޭނެ ހެއްޔެވެ؟ އިޒީގެ ހަގީގަތް އެނގުމުން، ޔައިލް އެގުޅުން ކުރިއަށް ގެންދަން ބޭނުންވާނެ ހެއްޔެވެ؟ "ދަރިފުޅު ކަމަކާ ހާސްވެފަތަ؟..." އާގިސާއަށް އިޒީގެ ނުތަނަވަސްކަން ސިއްރެއް ނުވިއެވެ. އިޒީއަށް ހުރެވުނީ ފެން އިސްކޫރު ދޫކޮށްލި ގޮތަށެވެ. އިސްކޫރު ބަނދުކުރީ އާގިސާއެވެ. "ގެނޭ މަންމަ އަތަށް ދޮވެލާނަން...." އިޒީގެ އަތުން ތަށި އަތުލަމުން އާގިސާ ބުނެލިއެވެ. ކުއްލިއަކަށް އާގިސާ އާއި އެހާ ގާތްވާން އިޒީއަށް އުނދަގޫވިއެވެ. އެތައް ދުވަހަކު އެކަނި އުޅެފައި، އަމިއްލަ ސިއްރުތައް ހާމަކުރަން އިޒީއަށް ވަގުތު ބޭނުންވިއެވެ. "މަންމައަށް އެނގޭ ދަރިފުޅު ތިހުރީ ކަމަކާ ހާސްވެފަކަން..." އާގިސާ ބޭނުންވީ އިޒީ ފުރުސަތު ދޭނަމަ، އެ ނުތަނަވަސްކަން ދުރުކޮށްދޭށެވެ. "ނުވޭ..." އިޒީ އަވަހަށް ބުނެލިއެވެ. ބިލެތްގަނޑާއިއެކު ރަނގަޅަށް ދުފައިލުމަށްފަހު، ފަރުހާދު ދުފާ ތަބަށް ޔައިލްއަށް ދިއްކޮށްލިއެވެ. "އަހަރެން ބޭނުން ޔައިލްގެ ވިސްނުން ހުރިގޮތެއް އެނގެން... މިބުނީ އަހަރެންގެ އިޒީއާ ދޭތެރޭ ވިސްނާ ގޮތެއް..." ޔައިލް އާއި ހަތަރުކަޅި ހަމަކުރަމުން، ފަރުހާދު ސުވާލުކުރިއެވެ. ޔައިލް ކޮށި ނޭރީ ކިރިޔާއެވެ. "އަހަރެން އެހާ ރުހޭ ކަމެއް ނޫން ކައިވެނި ނުކޮށް، އެކީ މާ ގިނަ ދުވަހު އުޅުމަކީ..." ޔައިލްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދެންވެސް ވާހަކަ ދެއްކީ ފަރުހާދެވެ. ޔައިލް ހާސްވެފައި ބަލައިލީ އިޒީއަށެވެ. ކައިވެނި ކުރުމަށް އެންމެ ފުރަތަމަ ވާހަކަ ދައްކަންޖެހޭ ފަރާތަކީ އެއީ ކަމަށް ވާތީއެވެ. އެކަމަކު، އިޒީ މަސައްކަތްކުރީ ޔައިލްއަށް ނުބަލާށެވެ. ފަރުހާދުގެ އަޑު ނީވޭކަމަށް ހަދައިގެން ހުއްޓަސް، ހަގީގަތް ހުރީ އިޒީގެ މޫނުން ހާމަވާށެވެ. "އަޅުގަނޑުވެސް ބޭނުން އަވަހަށް ކައިވެނި ކުރަން.... އެކަމަކު އިޒީ..." ޔައިލް ބޭނުންވީ އިޒީ އާއި ވާހަކަ ދައްކާފައި ގޮތެއް ނިންމާނެ ވާހަކަ ބުނާށެވެ. "އިޒީއާ ދޭތެރޭ ނުވިސްނާ....." ޔައިލްގެ ޖުމުލަ ފުރިހަމަ ނުވަނީސް، ފަރުހާދު ބުނެލިއެވެ. "އަހަރެން އިޒީއާ ވާހަކަ ދައްކާނަން... އަހަންނަށް ޔަގީން އިޒީވެސް ބޭނުމެއް ނުވާނެކަން އެހާ ގިނަދުވަހު ކައިވެނި ނުކޮށް އުޅޭކަށް..." "ލައްބަ..." ޔައިލް އަދަބުވެރިކަމާއިއެކު ބުނެލިއެވެ. "ޔައިލްގެ މައިންބަފައިން ކީކޭ ބުނީ؟... ތި ގުޅުމަށް ރުހޭތަ؟..." ފަރުހާދު ދެވަނަ ސުވާލުކުރީވެސް ޔައިލް ވިސްނާނުލައި އިންދައެވެ. ކޭ އެތިކޮޅު ހަޖަމުނުވެ، ޔައިލްގެ މޭބޮޑުވާގޮތް ވިއެވެ. އެއް ސުވާލުން މިންޖު ނުވަނީސް، ދެވަނަ ސުވާލެވެ. އާމިނަތު ފާޅުގައި އެކައިވެންޏަށް ދެކޮޅު ހަދާނެއެވެ. އެ ވާހަކަ އޭނާ ފަރުހާދުގެ ކައިރީގައި ބުނާނީ ކިހިނެއް ހެއްޔެވެ؟ ފަރުހާދުގެ ކައިރީގައި ދޮގު ހަދާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެހެނަސް، ތެދަށް ބުނެގެން ފަރުހާދު ވިސްނާނީ ކިހިނެއް ކަމެއްވެސް ޔައިލްއަކަށް ނޭނގުނެވެ. "ވަރަށް ކުރިން ބައްޕަ ނިޔާވެއްޖެ... މަންމަ މިހާރު އުޅެނީ ރަށުގަ..." ޔައިލް ވާހަކަ ފެށީ ދުރުދުރުންނެވެ. "އެހެންތަ؟... އެއީ ކޮން ރަށެއް؟..." ފަރުހާދު ޝައުގުވެރިވިއެވެ. "ވޭމަންޑޫ..." ޔައިލް ޖަވާބު ދިނީ އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހުގައެވެ. "ތާ އަތޮޅު ދޯ އެއީ؟... މަންމަ ކީއްވެ ރަށަށް ބަދަލުވީ؟.... ކުރިން މާލޭގަތަ އުޅުނީ؟..." ފަރުހާދުގެ ސުވާލުތައް ހުހެއް ނުވިއެވެ. އިޒީ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. ފަރުހާދުގެ ސުވާލުތަކުން ޔައިލްއަށް އުނދަގޫވާކަށް އޭނާ ބޭނުމެއް ނުވިއެވެ. އާގިސާ ހުރީ އެ ހުރިހާ ކަމަކަށް ވިސްނައިގެންނެވެ. "ދެން އޭނަ ހާސްކޮށްލަންތަ ތިއުޅެނީ؟...." ފަރުހާދުގެ ކައިރީގައި އިށީންނަމުން އާގިސާ ބުނެލިއެވެ. "ދަރިފުޅު ދޭބަލަ ޔައިލް އާ އެކީ ގޮސް، ކާފޫރުތޮޅިކޮޅެއް ގަނެގެން އަންނަން..." އާގިސާ ބޭނުންވީ ޔައިލް އާއި އިޒީއަށް ވާހަކަ ދައްކާނެ ފުރުސަތު ދޭށެވެ. "ފަރުހާދު ކިހިނެއްތަ ތި ހެދީ؟... އެހާ ގިނަ ސުވާލު އެއްފަހަރާ ކުރީމަ އޭނަ ކިހާ ހާސްވާނެތަ؟..." އިޒީމެން ދިޔުމުން، އާގިސާ ބުނެލިއެވެ. "އަހަރެން ބުނީމެއްނު މިރޭ ކައިވެނީގެ ވާހަކަ ދައްކާނަމޭ... ރައްޓެހިވެގެން އެ އުޅެނީ... ގޯސް ވާހަކައެއް ނޫނެއްނު އަހަރެން ދެއްކީކީ... ކޮންކަމަކާތަ ދެން އޭނަ ހާސްވާންވީ؟..." ވާހަކަ ދެއްކުނީ ގޯސްކޮށްކަން ގަބޫލުކުރާކަށް ފަރުހާދު ބޭނުމެއް ނުވިއެވެ. "ކައިވެނި ކުރާ ދެމީހުންނަށޭ ފުރުސަތު ދޭންވީ..." އާގިސާ ޗޮކެއް ކަނޑައިލިއެވެ. "ތިހެން ހެދީމަ އިޒީ އިތުރަށް އަހަރެމެންނާ ދުރަށް ދާނީ.... ފަރުހާދަކަށް ނުވިސްނޭނެ އެކަހަލަ ކަންކަމެއް..." ލަސް ފިޔަވަޅުތަކެއް ނަގަމުން ހިނގަމުންދިޔަ އިޒީ އާއި ޔައިލްގެ އަތް އެކަކު އަނެކެއްގެ އަތުގައި ބީހެމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ދެމީހުންގެ ހިތްވެސް ބާރަށް ތެޅިގަނެއެވެ. އިޒީގެ މުޅި ގައިން ހީބިހި ނަގައިގެންދާއިރު، ޔައިލްގެ ހިތް އެދެނީ އިޒީގެ އަތުގައި ހިފައިލުމަށެވެ. އެހެނަސް، މަގުމަތީގައި އެފަދަ ކަމެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ ދެމީހުންވެސް ތިބީ ވާހަކަ ދައްކަން ބޭނުންވެ، އެ ވާހަކަ ފަށާނެކޮޅެއް ނޭނގިފައެވެ. "ބައްޕަ ދެއްކި ވާހަކަ... ސޮރީ، ބައެއް ފަހަރު ބައްޕަ ވަރަށް ކެތްތެރިކަން ކުޑަވާނެ..." ވަކި ހިސާބަކަށް ގޮސް، ހުއްޓިފައި އިޒީ ވާހަކަ ދައްކަން ފެށިއެވެ. "ބައްޕަ ދެއްކީ ގޯސް ވާހަކައެއް ނޫން...." ޔައިލްވެސް ހުއްޓުނެވެ. އިޒީއަށް ބަލައިލިއެވެ. އިޒީގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ޔައިލް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން ހެއްޔެވެ؟ އެކަމަކު، އިޒީގެ ހަގީގަތް އެނގޭ ހިސާބުން އެ ވިސްނުން ބަދަލުވެދާނެ ހެއްޔެވެ؟ "އަހަރެންވެސް ބޭނުން އަވަހަށް ކައިވެނި ކުރަން... އެކަމަކު...." ޔައިލް ބޭނުންވީ އޭނާގެ މަންމަގެ ވާހަކަ އިޒީގެ ކައިރީގައި ބުނާށެވެ. "އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ..." އިޒީ ބޭނުންވީ ލިބުނު ފުރުސަތުގެ ބޭނުން ހިފާށެވެ. އޭނާގެ ހިތަށް އުނދަގޫކުރަމުންދިޔަ ހަގީގަތް ޔައިލްއަށް ކިޔައިދޭށެވެ. ފިހާރައަށް ދިޔުމުގެ ބަދަލުގައި ދެމީހުން ވަނީ ރެސްޓޯރެންޓަކަށެވެ. މީހުންނާއި އެކަހެރި ހިސާބެއްގައި ހުރި މޭޒެއްގެ ކައިރީގައި ދެމީހުން ތިބިއިރު، އެ މަންޒަރު ބަލަން މީހަކު ހުރިކަމެއް ދެމީހުންވެސް ނުދެނަހުއްޓެވެ. "ޔައިލްއަށް ކޮންމެވެސް ވަރަކަށް އެނގޭނެ ކަންނޭނގެ އަހަރެންގެ ޕާސްޓް މިހާރު..." ކޮފީއަށް އޯޑަރުދީފައި އިޒީ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން އެހީމެއްނު އަހަރެންގެ ޕާސްޓްގަ ކުށެއް ކުރެވިފަ އޮތިއްޔާ، މި ގުޅުން ކުރިއަށް ގެންދަން ބޭނުންވާނެތޯ؟...." ޔައިލް ބޯ ޖަހައިލިއެވެ. އޭނާގެ ހިތް އަވަސްވީ، އިޒީގެ ދުލުން ހަގީގަތް ކިޔައިދޭ އަޑު އަހަން ކެތް ކުރެވޭނެބާއޭ ހިތަށް އެރުމުންނެވެ. "އޭރު ދިމާވި ކަމަކުން... އުހުނ... އަހަންނަށް ކުރެވުނު ކުށެއްގެ ސަބަބުން، ކުއްޖެއްގެ ފުރާނަ ގެއްލުނު..." އިޒީ އިސްޖަހައިލިއެވެ. ޔައިލް އެއްޗެއް ނުބުނުމުން، އިޒީ ޔައިލްގެ މޫނަށް ބަލައިލިއެވެ. އިޒީ އުއްމީދުކުރިފަދަ ހައިރާންކަމެއް ޔައިލްގެ މޫނަކުން ނުފެނުނެވެ. ކީއްވެ ހެއްޔެވެ؟ ޔައިލްއަށް ހުރިހާ ހަގީގަތެއް އެނގެނީ ހެއްޔެވެ؟ "އައިޝާ... އެކުއްޖާގެ ނަމަކީ އައިޝާ..." އިޒީ ބުނެލިއެވެ. ކޮފީ ތަށިތައް ހިފައިގެން ވޭޓަރު އައީ އެވަގުތުއެވެ. ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. "އައިޝާ ނިޔާވީ އިޒީގެ ސަބަބަކުން ނޫން..." އިޒީ އިސްޖަހައިގެން އިންނަން ފެށުމުން ޔައިލް ބުނެލިއެވެ. "އަހަންނަށް އެކުއްޖާއަށް އެހީ ނުވެވުނު..." ކުރެހިފައިވާ އަޑަކުން އިޒީއަށް ބުނެވުނެވެ. "އިޒީއަށް މަޖުބޫރުވީނު.... ގަސްދުގަ އެހީ ނުވާކަށް ނޫނެއްނު..." ޔައިލް މަސައްކަތްކުރީ އިޒީއެކޭ އެއްވަރަށް އޭނާގެ އަމިއްލަ ހިތަށްވެސް އިޒީގެ ކުށެއް ނެތްކަން ސާބިތުކޮށްދޭށެވެ. "އަދިވެސް އެރޭ ވީގޮތް މާ ބޮޑަކަށް ހަނދާނަކަށް ނާދޭ..." އިޒީ ކިޔައިދިނެވެ. "އެކަމަކު، މަންމަ ބުނީ އެމީހުން އެކުއްޖާ ރޭޕްކޮށްލާ އެއްލާލީއޭ...." "ދެން އެކަމާ ނުވިސްނާ...." ޔައިލްގެ ހިތަށް އުނދަގޫވިއެވެ. "އަހަރެން ކިހާ ފިނޑި... ޕޮލިހުން ކައިރީ ހެކިބަހެއް ނުދެވުނު... އެވެސް އަހަރެން ކަހަލަ އަންހެން ކުއްޖެއް.... އާއިލާވެސް ތިބޭނެ... އެމީހުން ކިހާ ފޮނި އުއްމީދުތަކެއް ކުރާނެ... އެދުވަހު އަހަރެން އެހެން ހެދީމަ ކިހާ މާޔޫސްވާނެ... އެމީހުން ދުވަހަކުވެސް އަހަންނަށް މާފެއް ނުކުރާނެ...." އިޒީއަށް ރޮވުނެވެ. ޔައިލް އެއްޗެއް ނުބުނެ އިނީ ވާހަކަ ދައްކާނެ ހިތްވަރު ނުލިބުމުންނެވެ. އިޒީ ބުނީ ތެދެކެވެ. އޭނާގެ އާއިލާ އެދުވަހު އަޑުން އަޑުނަގައި ރުޔެވެ. އިޒީއަށް ބަދުބަސް ބުންޏެވެ. މިއަދުވެސް ކަން އޮތީ އެހެންނެވެ. އައިޝާގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، އާމިނަތު ފަހު ކަމަކަށް ހާމަކުރަނީ އިޒީއަށް އޮތް ނަފުރަތެވެ. ހުދު ޔައިލްވެސް ހިތާއިހިތުން އިޒީއަށް އެތައް ބަދު ދުޢާއެއް ކުރިއެވެ. "އަހަންނަކަށް ނޭނގެ އަހަރެން ދެން ހަދާނެ ގޮތެއް.... އަމިއްލަ ނަފުސު ކުށްވެރި ކޮށްކޮށް ވަރުބަލިވެއްޖެ..." ގޮތް ހުސްވެފައިވާ ރާގަކަށް އިޒީއަށް ބުނެވުނެވެ. ޔައިލް އިނީ ފުން ވިސްނުމެއްގައެވެ. އައިޝާގެ ބޭބެއަށް ވެ ހުރެ، ކޮއްކޮ ސަލާމަތްކުރާނެ ފުރުސަތެއް ޔައިލްއަކަށް ނުލިބުނެވެ. ހުދު އެކަމާއި ޔައިލްއަށްވެސް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވުނެވެ. "އަދިވެސް ޔައިލް އަހަންނާ މެރީކުރަން ބޭނުންތަ؟..." އިޒީ އަހައިލިއެވެ. ޔައިލްގެ ޖަވާބެއް ނުލިބުނެވެ. އިޒީ ހީކުރީ އޭނާގެ ހަގީގަތް އެނގުމުން، ޔައިލް އިތުރަށް އެ ގުޅުން ކުރިއަށް ގެންދަން ބޭނުން ނުވަނީ ކަމަށެވެ. އިޒީ ތެދުވި ތަން ފެނުމުން ޔައިލް އިޒީގެ އަތުގައި ހިފައިލިއެވެ. "އަހަރެން ބޭނުން އިޒީއާ މެރީ ކުރަން..." އިޒީ އާއި ހަތަރުކަޅި ހަމަކުރަމުން ޔައިލް ބުންޏެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ