ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުން ބެލްޖިއަމާއި މިސްރުން ޖާގައެއް ކަށަވަރުކުރި އިރު، ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދަތުރުކުރުމާ ގާތަށް އީރާނުން ޖެހިލައިފިއެވެ.
”ގްރޫޕު ޖީ“ ގައި މިއަދު ކުޅުނު ފަހު މެޗުތަކުގެ ތެރެއިން އީރާނާއި މިސްރު ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި މިސްރުން ވަނީ މަހްމޫދު ސަބީރްގެ ގޯލުން ލީޑު ހޯދައިފައެވެ. ނަމަވެސް އޭގެ ނުވަ މިނެޓުގެ ތެރޭގައި އީރާންގެ ރަމީން ރަޒެޔާންގެ ގޯލުން ނަތީޖާ ހަމަހަމަވެގެންދިޔައެވެ. އޭގެ ކުރިން އީރާންގެ ކެޕްޓަން މެހްދީ ތަރޭމީއަށް ޕެނަލްޓީއަކުން ލީޑު ހޯދައިދެވެން އޮތް ނަމަވެސް، އޭނާގެ ޕެނަލްޓީ މުސްތަފާ ޝުބީރް ވަނީ މަތަކޮށްފައެވެ. މެޗުގެ ފަހުކޮޅު ވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ.
ބެލްޖިއަމުން މެޗަށް ނުކުތް އިރު، ގްރޫޕުގެ އެއްވަނަ ހޯދުމަށް އަމިއްލަ ބާރެއް ނެތެވެ. މިސްރުގެ މެޗުގެ ނަތީޖާއަށް ބެލުމުގެ އިތުރުން ގްރޫޕުގެ އެއްވަނަ ހޯދުމަށް ވެސް ބެލްޖިއަމަށް އޮތީ ނިއު ޒިލޭންޑް ކޮޅަށް ގިނަ ގޯލުތަކެއް ޖަހަން ޖެހިފައެވެ. އެ މަސައްކަތާއެކު ބެލްޖިއަމުން ވަނީ 5-1 ގެ ނަތީޖާއަކުން ނިއު ޒިލޭންޑް ބަލިކޮށް ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައެވެ.
ބެލްޖިއަމަށް މެޗުގައި ގޯލުތައް ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑް، ކެވިން ޑި ބްރޭނާގެ އިތުރުން ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުތް ރޮމެލޫ ލުކާކޫ އަދި އެލެކްސިސް ސާލްމޭކާސްއެވެ. ބެލްޖިއަމަށް ޓްރޮސާޑް ދެ ގޯލު ކާމިޔާބުކޮށްދިނެވެ. ނިއު ޒިލޭންޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެލިޖާ ޖަސްޓްއެވެ.
މިހާތަނަށް އީރާނަށް ވޯލްޑް ކަޕެއްގެ ދެވަނަ ބުރުން ޖާގައެއް ލިބިފައެއް ނުވެއެވެ. ތާރީހީ ކާމިޔާބީ ހޯދުމާ ގާތުގައި އީރާން އޮތް އިރު، އެޓީމަށް ފުރުސަތު ލިބޭނީ ގަދަ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އެކަމަށްޓަކައި ގްރޫޕު ސްޓޭޖުގެ ފަހު ދުވަހުގެ މެޗުތަަކަށް އީރާނުން އިންތިޒާރުކުރަން ޖެހޭނެއެވެ.
ގްރޫޕު ޖީގައި ބެލްޖިއަމާއި މިސްރަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ބެލްޖިއަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިން ޕޮއިންޓާއެކު އީރާން ތިންވަނައިގައި އޮތް އިރު، ނިއު ޒިލޭންޑް ކަޓާފައިވަނީ އެއް ޕޮއިންޓާއެކުއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ބެލްޖިއަމާއި މިސްރު ދެވަނަ ބުރަށް، ތާރީހީ ކާމިޔާބީއަކަށް އީރާން އިންތިޒާރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ