ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ވަގުތު ބޭނުންވާނެ - ޔާމީން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާއި ހަމައަށް ދާން ނުވަތަ އެނޫން ގޮތަކަށް ވެސް ސުޕްރީމް ކޯޓުން އިންތިހާބާއި ދޭތެރޭގައި ނިންމަވާ ނިންމެވުމެއް ނިންމެވުމަށް ވަގުތު ބޭނުންވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 އަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ކޮންމެހެން ތެޅިފޮޅިގަނެގެން، ބޭރުގެ ފަރާތްތައް ނުފޫޒު ފޯރުވައިގެން މިއަދު އިންތިހާބު ބާއްވަން އުޅުނު އުޅުމާއި ސުޕްރީމް ކޯޓާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް އޮޅޭ ގޮތަށް ބަޔާން ނެރުމަކީ އިލެކްޝަންސް ކޮމިޝަނުން އެއްވެސް ގޮތެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އިލެކްޝަނަކީ ވެސް ގާނޫނުގެ ހުކުމް ހިނގާ ގޮތަށް ތިބި ބައެއް، އެބޭފުޅުން ވެސް، އެބޭފުޅުން ކުރައްވާ ކަމެއް ކުރުމުގައި ޒިންމާދާރުވާން ޖެހޭނެ، މިވަގުތު ޒިންމާ އުފުއްލަވަން ޖެހޭނީ ސުޕްރީމް ކޯޓުން އަންގާ އެންގުންތަކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކިތަންމެ ރަނގަޅަކަށް ކަންތައްތައް ކުރެއްވި ނަމަވެސް އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކަށް އިންތިހާބުގައި އުނިކަމެއް ހުރި ކަމަށް ގަބޫލުކުރެވެންޏާއި މައްސަލަތައް ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމަ އެ މައްސަލަތައް ހިފައިގެން މިސާލަކަށް ޖޭޕީން ކޯޓަށް ވަނީ، ޕީޕީއެމުން ދެވަނަ ބުރާއި ހަމައަށް ދާންވާއިރަށް އިލެކްޝަންސް ކޮމިޝަން ތެރޭގައި ދޫކޮށް ހުރި ކަންތައް ރަނގަޅުކުރުމަށް މިވަނީ، މިއީ އެންމެންގެ ހައްގެއް، މިވާން ޖެހެނީ ދެފުށް ފެންނަ ހާމަކަން ބޮޑު މިނިވަން އިންސާފުވެރި އިންތިހާބަކަށް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި." ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން އުޅުއްވި އުޅުއްވުން ކުށްވެރިކުރައްވާ ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުނީ އިންތިހާބު ލަސްކުރަންޖެހޭ ސަބަބުތަކެއް ހުރެގެން ކަމަށާއި އެ އަމުރަށް އެންމެން ތަބާވާން ޖެހޭނެ ކަމަށެވެ.
އަންނަ ނޮވެމްބަރު 11 އަކީ ރައީސަކު ހޮވިފައި ހުންނަން ޖެހޭ ދުވަސްކަމަށްވާއިރު އިންތިހާބު ބާއްވަން އެކަށީގެންވާ ވަގުތު ނެތް ކަމަށް އެމްޑީޕީން ބުނަމުންދާތީ އެކަމަށް ރައްދުދެއްވާ ޔާމީން ވިދާޅުވީ އިންތިހާބު ބާއްވަން އަދި ވަގުތު އެބައޮތް ކަމަށެވެ.
"2008 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ އިންތިހާބުގެ އެންމެ ފުރަތަމަ ބުރުގެ ވޯޓުލީ ވެސް އޮކްޓޯބަރު މަހު 8 ވަނަ ދުވަހު، ސެޕްޓެމްބަރެއް ނޫން، ދެވަނަ ބުރުގެ ވޯޓުލީ އޮކްޓޯބަރު މަހު 28 ވަނަ ދުވަހު، މިފަހަރު މިއުޅެނީ އެއް މަސް ދުވަސް ކުރީގައި، އެހެންވީމަ އަޅުގަނޑުމެންނަށް ވަގުތު އެބައޮތް." ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށް ޕީޕީއެމުން ކިހާވަރަކަށް ތައްޔާރުވެފައިވޭތޯ ސުވާލުކުރުމުން ޔާމީން ވިދާޅުވީ ޕީޕީއެމަކީ އަބަދުވެސް ގާނޫނުތައް ދަމަހައްޓަން ބޭނުންވާ ބައެއް ކަމަށާއި ޕީޕީއެމުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މަތިން އެ ނިންމުމަށް ތަބާވެގެން ކުރިއަށްދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ