ޖުމްހޫރީ ޕާޓީގެ ތެރޭގައި އެމްޑީޕީގެ އެޖެންޓުން ތިބި ކަމަށް ބުނެ ފަތުރަމުންދަނީ ރޯ ބުހުތާނު ދޮގު ކަމަށާއި ޖުމްހޫރީ ޕާޓީގައި އެމްޑީޕީގެ އެޖެންޓުން ނުތިބޭނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ކުނޫޒްގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ އަންހެނުންގެ ލީގުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީގެ އެޖެންޓުން ތިބީ ކޮން ޕާޓީއެއްގައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އެކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގެ ތަފްސީލަކަށް ރޭ ގާސިމް ވަޑައިގެންފައެއް ނުވެ އެވެ.
ގާސިމް ވިދާޅުވީ އެހެން މީހުންނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރައިގެން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ޗޮއިސްއެއް ނޫން ކަމަށާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެކަމަށް ބުނެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވާހަކަދައްކަވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި އެމްޑީޕީ އާއި ކޯލިޝަނެއް ޖުމްހޫރީ ޕާޓީން ހަދާނަމަ ބާތިލްކުރި ރިޔާސީ އިންތިހާބަށްފަހު ހަދާ އެމްޑީޕީ އާއިއެކު މިހާރު ކުރިއަށް ދިޔައީސް ކަމަށް ގާސިމް ވިދާޅުވި އެވެ.
އެހެންކަމުން ދޮގު ހަބަރު ފަތުރައިގެން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާ ކަމަށް ގާސިމް ރޭ ވިދާޅުވި އެވެ.
ގާސިމް ވަނީ ރޭގެ ޖަލްސާގައި އީދު ތަހުނިޔާ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށާއި ޖުމްހޫރީ ގުޅުމުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.
އެމްޑީޕީގެ އެޖެންޓުންނެއް ޖުމްހޫރީ ޕާޓީގައި ނެތް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ