ފްލައިން ސްކޫލް އެގްރީމެންޓުން ސަރުކާރަށް ފައިދާއެއް ނުވޭ

އައްޑޫ ފްލައިން ސްކޫލުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް އަދި ސަރުކާރަށް ވެސް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށް އޭއައިއޭ އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭއައިއޭގެ ޑިރެކްޓަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ، ފްލައިން ސްކޫލް ހިންގަން ދީފައިވަނީ 2009 ވަނަ އަހަރު، 10 އަހަރު ދުވަހަށް ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން އެއްބަސްވުން ބާތިލްކުރަން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުން ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖެއްގެ އަތުން 45،000 ޑޮލަރު ނަގަ އެވެ. އިބްރާހިމް ނޫރައްދީން ވިދާޅުވީ، މިދިޔަ އަހަރު އެކަނި ފުލްޓައިމް 150 ކުދިން އެ ސްކޫލުގައި އުޅުނު ކަމަށެވެ. މިހާތަނަށް 354 ކުދިން ކިޔަވައި ނިމުނު އިރު ކުދިންގެ ކިޔެވުމުގެ ފީން މިދިޔަ އަހަރު އެކަނި ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ފްލައިން ސްކޫލަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާ ހިސާބަށް ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު ލިބިއްޖެ. އައްޑޫ އެއާޕޯޓަށް 2012 އިން 2018 އަށް ލިބުނީ 38،000 ޑޮލަރު. ބައެއް ބިން ކުއްޔަށް ދީގެން 4 ލައްކަ ޑޮލަރު. އެހެންވީމަ ފްލައިން ސްކޫލުން އަތޮޅަށް ވަންނަ އެއްޗެއް ނުވަތަ ސަރުކާރަށް ވަންނަ އެއްޗެއް ވަރަށް ކުޑަ،" އޭނާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުން އެއާޕޯޓް ބޭނުން ކުރުމުގައި އޭވިއޭޝަން ޗާޖެއް، ނައިޓް ފްލައިން ޗާޖެއް ވެސް ނުނަގާ ކަމަށާއި އެ ސްކޫލުގެ 80 ޕަސެންޓް އޮޕަރޭޝަން ހިންގަނީ ފީއަކާ ނުލައި ކަމަށް އިބްރާހިމް ނޫރައްދީން ވިދާޅުވި އެވެ.
އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ހަމަވާން ކައިރިވުމުން، ފްލައިން ސްކޫލަށް ލިބޭ އާމްދަނީން ބައެއް އެއާޕޯޓަށް ހޯދުމަށް ހުށަހެޅި ކަމަށާއި ފްލައިން ސްކޫލުން އެގޮތަށް އެއްބަސްނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަނުގައި ދިވެހި ކުދިން ކިޔަވާތީވެ، ފިނޭންސާ ވާހަކަދައްކައިގެން މުއްދަތު އިތުރުކުރީ. އައްޑޫ އަށް ފްލައިން ސްކޫލުން ވަންނާނެ އާމްދަނީ އަކީ އެ ސްކޫލު ހިންގާ މީހުން ކުއްޔަށް ނަގައިގެން އުޅޭ 30 ކޮޓަރިން ލިބޭ އެއްޗެއް. ކޮޓަރިއެއް 1،000 ރުފިޔާއަށް ހިފައިގެން އުޅެނީ. އެއީ އަތޮޅަށް ވަންނާނެ އެއްޗަކީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފްލައިން ސްކޫލެއް ހިންގަން ބޭނުމީ، ރަނގަޅު ފެންވަރެއްގައި ހުރިހާ ފަރާތަކަށް ވެސް ފައިދާވާނެ ގޮތަކަށް ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލު އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށް އެ ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މިހާރު ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ