އިނގިރޭސި ބޮޑުވަޒީރުކަމުގެ ރޭސް ބޮރިސް ޖޯންސަން ކާމިޔާބު ކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރުކަމުގެ ރޭސް ބޮރިސް ޖޯންސަން ކާމިޔާބު ކުރައްވައިފިއެވެ.
ޕާޓީގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ވޯޓްގައި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ބޮރިސް ޖޯންސަންގެ އިތުރުން، ވާދަކުރައްވާފައިވަނީ މިހާރުގެ ޚާރިޖީ ވަޒީރު ޖެރެމީ ހަންޓެވެ.
ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ފަހު ބުރުގެ ވޯޓްގައި ބޮރިސް ޖޯންސަންއަށް 92،153 މެމްބަރުންގެ ވޯޓް ލިބިވަޑައި ގެންނެވިއިރު، ޖެރެމީ ހަންޓަށް ލިބިވަޑައިގެންނެވީ 46،656 މެމްބަރުންގެ ވޯޓެވެ.
ކޮންޒަވޭޓިވް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވާނީ ޕާޓީގެ ލީޑަރުކަމުން، ބޮރިސް ޖޯންސަންގެ މި ކާމިޔާބީގެ ސަބަބުން އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމުވެސް އޭނާއަށް މިވަނީ ކަށަވަރުވެފައެވެ.
ޚަބަރު ލިބޭގޮތުގައި، އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމުގައި ވަގުތީގޮތުން މިހާރު ހުންނެވި ތެރީސާ މޭ ރަސްމީގޮތުން މަގާމުން ވަކިވެވަޑައި ގަތުމާއެކު، އިނގިރޭސި އާ ބޮޑުވަޒީރުކަމުގެ މަގާމާ ބޮރިސް ޖޯންސަން މާދަމާ ހަވާލުވެވަޑައި ގަންނަވާނެއެވެ.
ބޮރިސް ޖޯންސަންއަކީ އިނގިރޭސި ސަރުކާރުގެ ކުރީގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައި ބޭފުޅެކެވެ. އަދި އޭނާއަކީ ވެރިރަށް ލަންޑަންގެ ކުރީގެ މޭޔަރުވެސް މެއެވެ.
ބޮރިސް ޖޯންސަންއަކީ، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވައި އަދި އެކަމަށް ކުރިންވެސް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމާއި، އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމު ކަށަވަރު ވުމާއެކު ކާމިޔާބީގެ ތަގްރީރުގައި ބޮރިސް ޖޯންސަން ވިދާޅުވީ، މިހާރުވެސް ތާވަލް ކުރެވިފައިވާ ގޮތަށް މިއަހަރުގެ އޮކްޓޫބަރުމަހުގެ 31 ވަނަ ދުވަހު އިނގިރޭސިވިލާތް އިޔޫއިން ވަކިވާނޭ ކަމަށެވެ. އީޔޫއާއެކު އެއްބަސްވުމެއް ނުހެދުނަސް އެކަން ކުރައްވާނޭ ކަމަށް ބޮރިސް ވިދާޅުވިއެވެ.
އެހެން ނަމަވެސް، އެއްބަސްވުމަކާ ނުލާ އީޔޫއިން ވަކިވުމާ ދެކޮޅު ހައްދަވާނޭ ކަމަށް ކޮންޒަވޭޓިވް ޕާޓީގެ އެތައް މެމްބަރުން ގެންދަވަނީ އިންޒާރު ކުރައްވަމުންނެވެ. އެކަމާ ދެކޮޅު ހެދުމަށްޓަކައި ސަރުކާެރުގެ ތެރެއިން ނުކުންނަވާނޭ ކަމަށްވެސް އެތައް މެމްބަރުން މިއަދުވެސް އިންޒާރު ކުރައްވާފައި ވެއެވެ.
ތަޖުރިބާކާރުން ވިދާޅުވަނީ، އެއްވެސް އެއްބަސްވުމެއް ނެތި އިނގިޜޭސި ވިލާތް އީޔޫއިން ވަކިވެއްޖެނަމަ އިނގިރޭސިވިލާތުގެ އިގްތިސާދަށް ވަރަށް ބޮޑު ނިކަމެތިކަމެއް އަންނާނޭ ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމު ބޮރިސް ޖޯންސަންއަށް ކަށަވަރު ވުމާއެކު ދުނިޔޭގެ ލީޑަރުން ގެންދަވަނީ އޭނާއަށް މަރްހަބާ ވިދާޅުވަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ބޮރިސް ޖޯންސަންއަށް ތައުރީފްކުރައްވައި ވިދާޅުވެފައިވަނީ "އޭނާއަކީ ވަރަށް ރަނގަޅު ބޭފުޅަކަށް ވާނޭ" ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފްވެސް ވަނީ ބޮރިސް ހޯއްދެވި ކާމިޔާބީއަށް މަރްހަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ